ވާހަކަ

ބޭޤަރާރު - 07

1

ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ފޮށީގެ އަތްގަނޑުގައި ހިފަހައްޓައިގެން ހުރި އަތަށް ޔަޝްފީއަށް ބާރުކޮށްލެވެއެވެ. އައިސްފައި ހުރި ރުޅިން އޭނަގެ ތަބީއަތު ގޯސްވާން ފެށިއެވެ. ދަތްކުނޑި ވެސް ވިކައިގަނެވުނެވެ. ފެންނަމުން އެދަނީ އެއްގޮތަކަށް ވެސް އޭނަ ބަލަން ބޭނުންވާ މަންޒަރެއް ނޫނެވެ. ހިތަށް ވެސް ތަދުވެލިއެވެ.

ރުހައިމްއަށް ކުރިމަތިލައިގެން އިށީނދެގެން އިން ނާލާއާއި ރުހައިމްގެ ދެމެދުގައި އޮތް ގާތްކަމާއި ލޯބި ފެނި ޔަޝްފީގެ ސިކުނޑިއަށް ރުޅިވެރިކަމުގެ ރޯޅިތަކުގެ އަސަރު ފޯރިއެވެ. ހަށިފުރާ އަވަސް ނޭވާތަކެއް ދޫކޮށްލެވުނީ އެއިހުސާސްތަކާއި ދުރުވެލުމަށެވެ. އެހެން ނޫންނަމަ އޭނައަށް ކަތިފިޔަވަޅެއް އެޅިދާނެއެވެ. އޭރުން އޭނަގެ ރޭވުން ފެނަށްވެގެން ހިނގައިދާނެއެވެ. ހިތުގެ ލަނޑުދަނޑިތައް ހާސިލު ނުކުރެވި ނާކާމިޔާބީގެ ހިތިކަމުގައި ދުވަސްތައް ވޭތުކުރަން ޖެހިދާނެއެވެ. އޭނަގެ ނިޔަތާ މެދު އެއްވެސް މީހަކަށް ޝައްކުކުރުމުގެ ފުރުސަތެއް ދެވޭކަށް ނެތެވެ. ހުޝިޔާރުވެ ސަމާލުވާންވީ އެހެންވީމައެވެ.

''އައިމް ރިއަލީ ސޮރީ... އަނެއްކާ ތި ލަވްލީ ކަޕްލްއަށް ޑިސްޓާރބް ކުރެވުނީތަ؟، އެހެންވެއްޖެއްޔާ އަހަރެން އިންޓަނޭޝަނަލް ޓާރމިނަލްގެ ވެއިޓިންގް އޭރިޔާގައި މަޑުކޮށްފާނަން...'' ރުހައިމްއާ ނާލާ ތިބި މޭޒު ކައިރިއަށް ހުއްޓިލަމުން ޔަޝްފީ ވާހަކަދެއްކިއެވެ. އޭނަގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. އޭނަ ބޭނުންވީ އެދެމަފިރިންގެ ލޯބުވެތި ވަގުތުކޮޅަށް ހުރަސް އެޅުމުން އެކަމުގެ މާޔޫސްކަން ހާމަކުރާށެވެ. މޫނަށް ގެނައި ހަރަކާތްތަކުންނާއި އަޑުން އޭނަ އެކަން އަންގައިދިނެވެ. ނަމަވެސް އެތެރެހަށިން ފާޅުވަނީ މުޅިން އެހެން ސިފައެކެވެ. މަކަރުވެރިކަމުގެ ހިޔަނީގައި އޭނަ ބޭނުންވީ ނާލާއާއި ރުހައިމްއަށް ލިބިފައި އޮތް އެކަނިވެރި ވަގުތުކޮޅު ކިލަނބުކޮށްލާށެވެ. އެދޭތެރެއަށް ފާވެގަންނާށެވެ.

''ނޫނޭ!، މިހާރު ދެން ފުރާ ގަޑި ވެސް ކައިރި ވަނީއެއްނު، ކައިގެން ދާން އުޅެނިކޮށް ޔަޝްފީ ތިގުޅީ...'' ނާލާ އަވަސްއަވަހަށް ބުނެލިއެވެ. ޔަޝްފީގެ މޫނުން ފެނުނު ކުލަވަރުތައް ދެނެގަނެވުނީތީއެވެ. އޭނަ މަސައްކަތްކުރީ ޔަޝްފީ މަޢާފަށް އެދޭވަރުގެ ކަމެއް ނުކުރެވޭކަން ބަޔާންކޮށްދޭށެވެ.

''އަވަހަށް އިށީނދޭ...'' ހުސްކޮށް ހުރި ގޮނޑިއަށް އިޝާރާތްކުރަމުން ނާލާ ބުނެލިއެވެ. ޔަޝްފީ ނާލާއާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ދެއްކުންތެރިކަމުގެ ހައްދެއް ނެތެވެ.

''އަހަރެން ބައިވެރިވިޔަސް އެންމެ ރަނގަޅުތަ؟...'' ޔަޝްފީ ބަލައިލީ ރުހައިމް އަށެވެ. ހުއްދައަކަށް އެދިއެވެ. އެވަގުތު ރުހައިމްއަށް ނާލާ ބަލައިލިއެވެ. ނާލާގެ ނަޒަރުގައިވި މާނަ ރުހައިމްއަށް ދޭހަ ކުރެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރުހައިމް ބޯޖަހައިލިއެވެ.

ރުހައިމްގެ ހުއްދަ ލިބުމުން އުފާވެރިކަމުގެ ހިނިތުންވުމެއް ޔަޝްފީގެ ތުންފަތުގައި ކުޅެލިއެވެ.

ހިފަހައްޓައިގެން ހުރި ފޮށީގެ އަތްގަނޑު ތިރިކޮށްލަމުން ނާލާއާ ޖެހިގެން ހުރި ހުސްގޮނޑީގައި ޔަޝްފީ އިށީނެވެ. އަދި އޭނަގެ ފޮށި ދަމާލަމުން ގޮނޑިއާއި ކައިރީގައި ބެހެއްޓިއެވެ. ހަޤީޤަތުގައި އޭނަ ބޭނުންވީ ނާލާ އިން ގޮނޑީގައި އިށީންނާށެވެ. ރުހައިމްއާ ކުރިމަތިވާނެހެންނެވެ. ނަމަވެސް އޭނަގެ ހިތުގެ މުރާދު ހާސިލުނުވުމުން ސިއްރުސިއްރުން ނަފުރަތުގެ ބެލުމެއް ނާލާއަށް ދިނެވެ. އަދި ހުޝިޔާރުކަމާއެކު އަވަސްއަވަހަށް އެނަޒަރިއްޔާތުން ދެމުން ދިޔަ އިންޒާރުގެ ކުލަވަރުތައް ބަދަލުކޮށްލިއެވެ.

''އަހަރެން އާންމުކޮށް ހައި ކެލޮރީސް ހުންނަ އެއްޗެހި ނުކަން، އެކަމަކު ނާލާ ބުނީމަ ކާނަން...'' ކާހިތެއް ނެތަސް ހިތްހެޔޮކަމުގެ ތަމްސީލު ކުޅެން ޖެހޭތީ ޕިއްޒާ ފޮއްޗެއް ނަގައި ކާން ފެށިއެވެ. ޕިއްކާ ކަމުން ދިޔަ އިރު އޭނަ ރުހައިމްއާއި ނާލާއަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. އޭނަ އައުމުން މޭޒު ދޮށަށް ހިމޭންކަމެއް ވެރިވެއްޖެކަން އޭނައަށް ނަގައިގަނެވުނެވެ. މާހައުލު ވެސް މުޅިން ބަދަލުވެއްޖެކަން ދޭހަކުރެވުނެވެ.

ރުހައިމްގެ ފަރާތުން ފެންނަމުންދާ ބީރައްޓެހިކަމުން ޔަޝްފީގެ ހިތަށް ތަދުވިއެވެ. އެކުގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ނޫނީ އޭނައާ ދިމާއަށް ރުހައިމް ބަލައިލާނީ ކޮން ދުވަހަކު ހެއްޔެވެ؟ އޭނަގެ ރީތިކަމާއި ފުރިހަމަކަމަށް ރުހައިމްގެ ދުލުން ތައުރީފުގެ ބަހެއް ލިބޭނީ ކޮން ދުވަހަކު ހެއްޔެވެ؟ އޭނަގެ އެންމެ އިޝާރާތަކަށް ވެސް ބޯކޮޅުބަލަމުން އޭނަގެ ފަހަތުން އެތައް ފިރިހެނުންނެއް ދުވައެވެ. ލޯބި ހުށަހަޅައެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ސަމާލުކަމެއް އޭނަ ބޭނުމެއް ނޫނެވެ. އޭނަ ބޭނުންވަނީ ހަމަ އެންމެ މީހެކެވެ. އެއީ ރުހައިމް އެވެ. އެއަތުގެ އެންމެ ބީހިލުމަކަށް ވެސް ހިތާއި ޖާނުން އޭނަ ފިދާ ވާނެއެވެ. އެލޯބީގެ އިންތިޒާރުގައި އޭނަގެ ހިތް ދަނީ ބޭޤަރާރު ވަމުންނެވެ. އެލޯބި ހާސިލުކުރަން ހުރިހާކަމެއްގެ އިން ފަހަނައަޅައި ދާން ވެސް އޭނަ ހުރީ ތައްޔާރަށެވެ.

ނާލާއާއި ރުހައިމް ބަދަލުކުރަމުން ދިޔަ ހިނިތުންވުންތަކުން ޔަޝްފީއަށް ދަތްތަކަށް ބާރުލައިގަނެވުނެވެ. އެއާއެކު ތަދެއްގެ އިހުސާސް އޭނައަށް ކުރެވުނެވެ. އެއީ ދަތްތަކަށް އަރައިގެން ދިޔަ ވާންކަމުގެ ސަބަބުންކަމެއް ނުވަތަ އޭނަގެ ހިތަށް ހެރުނު ތުނޑުތޫނު ކަށިތަކުގެ ވޭންކަމެއް ޔަޤީންކޮށް ބުނާކަށެއް ނޭނގުނެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ނަފުސު ހަމައަކަށް އެޅުވުމަށެވެ.

''އެރޭ ހަފުލާއިން ބައްދަލުވުމަށްފަހު އަދިކިރިޔާ ބައްދަލުވެލުމުގެ ފުރުސަތެއް މިލިބުނީ...'' ޔަޝްފީއަށް އެކަނިވެރިކަމުގެ އިހުސާސް ކުރެވިދާނެތީ ވާހަކައިގައި ޔަޝްފީ ބައިވެރިކުރަން ނާލާ ބުނެލިއެވެ.

''ހެހެހެ، އޭގެ ފަހުން ބައްދަލެއް ނުވޭދޯ، ނާލާ އުޅެނީ އައި.ޖީ.އެމް.އެޗްގަ ދޯ؟... ކުރީ ދުވަހަކު ރައްޓެއްސަކަށް ޒިޔާރަތްކޮށްލަން ގޮސް އުޅެނިކޮށް ނާލާ ފެނުނުހެން ހީވި، އެކަމަކު ގޮވާލާކަށް ނުކެރުނު...'' އެކުވެރިކަމުގެ ރާގަކަށް ޔަޝްފީ ވާހަކަދެއްކިއެވެ.

''ގޮވާލި ނަމައެއްނު...'' ނާލާ ބުންޏެވެ.

''އަސްލު ތެދަށް ބުނަންޏާ ނުކެރުނު ގޮވާލާކަށް، އަހަރެން މަތިން ހަނދާން ހުރިކަމެއް ޔަޤީންކުރަން ނޭނގުނު ވިއްޔާ... އެނީވޭސް، ދެން މި ބައްދަލުވީތާ...... އަދި އަހަރެން އޮފީހަށް އައިތާ އެހާ ގިނަ ދުވަހެއް ވެސް ނުވާނެ، އެކަމަކު ވަރަށް އެކުވެރި މާހައުލެއް އެއީ، ހުރިހާ ވެސް ޝުކުރެއް ހައްޤުވާނީ ރުހައިމްއަށް، އެފަދަ އެކުވެރި މާހައިލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީ ވެސް ރުހައިމްގެ ސަބަބުން...'' ރުހައިމްއަށް ބަލައިލަމުން ޔަޝްފީ ބުނެލިއެވެ. ''ކުރިން އަހަރެން އުޅުނު އޮފީހުގެ މެނޭޖަރާއެކު މަސައްކަތްކުރަން ވަރަށް އުނދަގޫ، އެކަމަކު ރުހައިމްއާއެކު މަސައްކަތްކުރަން ވަރަށް ފަސޭހަ...''

ޔަޝްފީ ބޭނުންވީ ރުހައިމްއާއެކު އެކުވެރިކަމުގެ ގުޅުމެއް އުފައްދާށެވެ. ރުހައިމްއަށް ތައުރީފުގެ ބަސްތައް އޮއްސާލީ ވެސް އެހެންވެއެވެ. ފިރިހެންނުންނަކީ ތައުރީފު ބޭނުންވާ ބަޔެއްކަން ޔަޝްފީއަށް އެނގެއެވެ. އީގޯގެ ސަބަބުންނެވެ. ނަމަވެސް އެހެނިހެން ފިރިހެނުންނާއި ރުހައިމް ތަފާތު ވާތީ އޭނަގެ އެންމެ އުކުޅެއް ވެސް މަސައްކަތެއް ނުކުރެއެވެ. ނާލާއަށް ރުހައިމް ވަފާތެރިވާތީ އެކަމާ ވެސް އޭނަ ހިތްހަމަނުޖެހުނެވެ. މިޒަމާނުގައި ވަފާތެރިކަމަކީ އޮތްނަ އެއްޗެއް ހެއްޔެވެ؟

''ޔަޝްފީގެ ވެސް ޤާބިލުކަން ހުރީމަ އެސިސްޓެންޓް މޭނޭޖަރުގެ މަޤާމު ލިބުނީ... އެހެންނޫނަސް ހުރިހާ މުވައްޒަފުންނަށް މަސައްކަތްކުރަން ފަސޭހަ ވާނީ އެކުވެރި މާހައުލެއް އޮތީމަ، އޭރަށް އެކުގައި މަސައްކަތްކުރަން ހިތްވަރުލިބޭނީ...'' ރުހައިމް ހިނިތުންވެލިއެވެ.

''އޯހ ގޯޑް!، ބިޒްނަސްގެ ވާހަކަ ނުދައްކައްޗޭ... އަހަރެން ހާދަ ފޫހިވާ ކަމެކޭ...'' ނާލާއަށް ބުނެވުނެވެ.

''ދެން ހޮސްޕިޓަލުގެ ވާހަކަތަ ދައްކަންވީ؟، ނާލާ ކޮންމެ ދުވަހަކު އައިސް އަހަންނަށް ކިޔައިދޭ ވަހަކަތަކުން ހޮޑުލެވޭހާ ވެޔޭ...'' ސަމާސާ ރާގަކަށް ރުހައިމް ބުނެލިއެވެ.

''ޔަޤީނުން ވެސް ބިޒްނަސްގެ ވާހަކަތަށް ވުރެން ރަނގަޅުވާނެ...'' މޭގައި ދެއަތް ހުރަސްކޮށްލަމުން ނާލާ ބަލަން ފެށީ ރުހައިމްގެ ދެލޮލަށެވެ. ރުހައިމް ގާތަށް ހިނިއައެވެ.

ލޯކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން ޔަޝްފީގެ ސިކުނޑީގައި ހައިޖާންގަނޑެއް އުފައްދާލިއެވެ. ނަފުސުގެ މައްޗަށް އަތްގަދަކުރަމުން ދިޔަ ރުޅިވެރިކަމާއި އޭނަ ހަނގުރާމަކުރަމުން ދިޔައެވެ. ނާލާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ދެކެ އޭނަ ހަސަދަވެރިވިއެވެ. ނާލާގެ ނަސީބާ މެދު ދަހިވެތިވެފައިވާ ހާލު ނާލާއަށް ބަލަން އޭނަ އިނެވެ. ހިތުގައި ވަނީ ހުސް ބަދު ދުޢާ ތަކެވެ. ނާލާގެ އުފާވެރިކަން ފޭރިގަންނަން އޭނަގެ ކެތްތެރިކަން ކޮޅުންލިއެވެ. އެލޮލުގައި ވިދަމުން ދިޔަ ލޯބީގެ ރާހަތަށް ނިމުން ގެންނަން ބޭނުން ވިއެވެ. ރުހައިމްގެ ލޯބި ހައްޤުވަނީ ހަމައެކަނި އޭނަ އަށެވެ.

''އާރްގް، މި ގަމާރު އަންހެނާގެ ކޮން ހާއްސަ ސިފައެއް ހުރެގެންތަ ރުހައިމް އޭނަ ދެކެ ލޯބިވަނީ؟، ކައިވެނި ކުރީ؟، ދުނިޔޭގެ އެއްވެސް އުސޫލެއް އަދި މީހުންގެ ހަޤީޤަތް ހޯދައިގަތުމުގެ ކުޅަދާނަކަން ލިބިފައި ނެތް ގަމާރެއް، މީހުން ބުނެއެއްނު، ކިޔަވަން މޮޅު މީހަކު ނަމަ ދުނިޔޭގެ ކަންތަކުގައި ގަމާރު ވާނެޔޭ، އެކަހަލަ ބީ*އެއް ހެން ހީވަނީ، އަދި އަހަރެންގެ ރުހައިމްއަށް ލޯބޮޑުބުރަކިގެ ދެލޮލުން އެބަ ބަލައެއްނު، ޗީޑި!، ރީތި ސިފައެއް ލިބިފައި ހުރި ނަމަވެސް ރަނގަޅޭ، ޔަޤީނުން ވެސް އަހަންނަށް ވުރެން ހުތުރު، އެ ބުޅި އިސްތަށިގަނޑުން ވެސް ހީވަނީ ހަންޑިގަނޑެއް ހެން... މީނަ ރީތިވާ މީހަކު ޖެހޭނީ ލޮލުގެ ޑޮކްޓަރަކަށް ދައްކަން، އޯ މައި ގޯޑް، އައި ކާންޓް ޓޭކް ދިސް އެނީ މޯ، މޫނުމަތީ ޖެހީނުން ހޭއަރުވާލަފާނަމޭ ހިތަށް އެބައަރަޔޭ...'' ރުޅިވެރިކަމުގެ އާރެއް ޔަޝްފީގެ ހިތުގައި ދައުރުވާން ފެށިއެވެ. ހިމޭންކަމުގެ ކަސްތަޅުގައި ދޫ ޤައިދުކުރަން އޭނައަށްވީ ދަތިކަމަކަށެވެ. އެހެނަސް ދެއްކުންތެރިކަމުގެ ފިހިގަނޑުން ހިތްހެޔޮކަމުގެ ކުލަތަކުން މޫނަށް ދިރުން ގެންނަން އޭނާއަށް މަޖުބޫރުވެފައި ވިއެވެ. އެއީ އޭނަގެ ރޭވުން ކާމިޔާބުކުރަން ނިކަން މުހިންމު ކަމެކެވެ. އޭނަގެ ހިތުގެ ކަޅުކަމާއި އަނދިރިކަން ސިއްރުކުރަން ޖެހޭތީއެވެ.

ފާޚަނާއަށް ދާން ޖެހިގެން ރުހައިމް ދިޔައީ ފާޚަނާ ބަރި ހުރި ދިމާއަށެވެ. އެފުރުސަތުގެ ބޭނުން ޔަޝްފީ ހިފިއެވެ. ނާލާއާ އެކުވެރިކަން އުފެއްދުމަށެވެ.

''ޔޫ ގައިސް ލުކް ސޯ ގުޑް ޓުގެދާރ...'' ޔަޝްފީ ބުންޏެވެ. އުފާވެރިކަމާއެކުގައެވެ.

ޔަޝްފީއަށް ނާލާ ހިނިތުންވެލިއެވެ. އޭނަގެ މިޒާޖާއި ގުޅޭ މީހަކާއި ބައްދަލުވެއްޖެނަމަ އެކުވެރިކަން އުފައްދަން ނާލާއަށް ފަސޭހަ ވެއެވެ. ޔަޝްފީއަކީ ވެސް ހިތްހެޔޮ ކުއްޖެއްކަމަށް ނާލާއަށް ދެކެވުނެވެ. ވާހަކަދައްކަން ފަސޭހަވީ އެހެން ވެއެވެ. ޔަޝްފީގެ އެކުވެރިކަން އޭނައަށް ތަސައްވަރުކުރެވެމުން ދިޔައެވެ.

''ސުވާލެއް ކޮށްލަންތަ؟...'' ނާލާއަށް ބަލަން އިނދެފައި ޔަޝްފީ އަހާލިއެވެ.

''ކޮން ސުވާލެއްތަ؟...'' ހައިރާންކަމާއެކު ނާލާ ސުވާލުކޮށްލިއެވެ. ބޮމުން ދިޔަ ސްމޫތީ ތަށި ހުސްކޮށްލުމަށްފަހު ޔަޝްފީއަށް އޭނަ ބަލައިލިއެވެ.

''ފަހަރެއްގައި އަހަރެން މި ސުވާލުކުރުމުން ނާލާގެ ހިތަށް އަރާފާނެ ޕާރަސަލް ލައިފް އޮޅުންފިލުވަނީއޭ، އެކަމަކު މިސުވާލުގެ ޖަވާބު ވަރަށް އެނގެން ބޭނުން...'' ޖެހިލުންވުމުގެ ރާގަކަށް ޔަޝްފީ ވާހަކަދެއްކިއެވެ. ނުތަނަވަސްކަން ހިތަށް ވެރިވެފައިވާކަން އޭނަގެ ހަރަކާތްތަކުން ހާމަކޮށްދެމުންނެވެ.

''އަނެއްކާ ކޮންކަހަލަ ސުވާލެއްތަ؟...'' ނާލާއަށް ބުނެވުނެވެ. އޭނަގެ ހައިރާންކަން އިތުރުވެއްޖެއެވެ.

''ޑޯންޓް ގެޓް މީ ރޯންގް އިނގޭ... ކިހިނެއްތަ ތިދެމީހުން ދިމާވީ؟... ހީވަނީ ވަރަށް ދުވަސް ވެއްޖެހެން ތި ރިލޭޝަންޝިޕްއަށް...'' ޔަޝްފީ އުނދަގުލުން އޭނަގެ ދުލާ ހަމައަށް ސުވާލު ގެނައެވެ. އަދި ނާލާއާ ނަޒަރު ބައްދަލުކުރަން ދަތިވެފައިވާ ފަދައަކުން އިސްތިރިކޮށްލިއެވެ. އޭނަގެ އިމުން ބޭރުން ސުވާލެއްކޮށްލެވިއްޖެކަމުގެ ލިސާންތައް މޫނަށް ގެންނަމުންނެވެ. އެއީ ޔަޝްފީގެ ކުޅާދާނެ އެކްޓެކެވެ. މީހުންގެ މައުސޫމްކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން އޭނަގެ ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމަށެވެ. ނާލާގެ ފަރާތުން ފެނުނު އެކުވެރިކަމުގެ ފައިދާ ފަސޭހަކަމާއެކު ނެގުމުގެ މަގު އޭނައަށް އޮތީ ފަހިވެފައެވެ. ހިތާހިތުން ނާލާއަށް މަލާމާތްކުރީ ނާލާގެ ގަމާރުކަން ހިތަށް އެރުމުންނެވެ.

''ހެހެހެ، އަސްލު ވަރަށް ގިނަ ދުވަސް ވެއްޖެ، ހައި ސްކޫލް ދުވަސްވަރުން ފެށިގެން އެކުގައި މިއުޅެނީ، ދެމީހުން ވެސް ދިމާވީ ސީ.އެޗް.އެސް.އީގަ ކިޔަވަން އުޅުނު ދުވަސްވަރުގަ...'' ލުއި ހިނިތުންވުމަކާއެކު ނާލާ ބުނެދިނެވެ. ނަމަވެސް މާބޮޑު ތަފުސީލެއް ނުދިނެވެ.

''ހާދަ ލޯބި ޖޯޑެކޭ...'' ޔަޝްފީ ބުންޏެވެ. އޭނަގެ ހިތުގައި އޮތް ރުޅިވެރިކަން ވަންހަނާކޮށްލީ ހިނިތުންވުމަކުންނެވެ.

''ނާލާ ކަހަލަ ވައިފްއަކު ލިބޭނީ މަދު ބަޔަކަށް... އާންމުކޮށް މިހާރު އުޅޭ އަންހެނުން ފިރިމީހާ ބިޒްނަސް ކަންތަކުގަ ދަތުރު ދަންޏާ ވަރަށް މައްސަލަ ބޮޑު ކުރާނެ، އަދި ވަކިން ހާއްސަ ގޮތެއްގައި އަންހެން މުވައްޒަފަކާއެކު ދަންޏާ އެކަން ވެސް މައްސަލައަކަށް ހަދާނެ، އެކަމަކު ނާލާ ވަރަށް ރަނގަޅު، އަސްލު ތިހެން އެންމެން ވެސް ވާންޖެހޭނެ، ވޯކް ރިލޭޝަންސް އަންޑަސްޓޭންޑް ވާންޖެހޭނެ...'' އޭނަގެ ހިތުގެ ސާފުކަން ނާލާއަށް އަންގައިދޭން ޔަޝްފީ ބުނެލިއެވެ. އޭނައަށް ފުރިހަމައަށް އިތުބާރުކުރެވޭނެކަން ވެސް މެއެވެ.

''އަހަރެން އަބަދުވެސް ރުހައިމްއަށް އިތުބާރުކުރަން...'' ނާލާގެ އަޑުގައި ޔަޤީންކަން ވިއެވެ. ''އިތުބާރަކީ ވަރަށް މުހިންމު އެއްޗެއް...''

''ތެދު ވާހަކައެއް ތިބުނީ...'' ނާލާގެ ވާހަކައަށް އެއްބާރުލުން ދެމުން ޔަޝްފީ ބުނެލިއެވެ.

''އަހަރެން ބަލާނަން ތި އިތުބާރެއްގެ ފެންވަރު...'' ހިތާހިތުން ޔަޝްފީ ބުންޏެވެ. އެދެމެދުގައި ދެކެވެމުން އައި ވާހަކައިގެ މިސްރާބު ބަދަލުކޮށްލީ ރުހައިމް އަންނަތަން ފެނުމުންނެވެ. ރުހައިމް އަންނަ އިރަށް ޗެކިން ގަޑި ކައިރިވެއްޖެކަން ޔަޝްފީ އަންގާލަ ދިނެވެ. އަދި ގޮނޑިން ތެދުވުނެވެ.

*****

ވަދާއުގެ ސަލާން ބައްދަލުކުރަން ޖެހޭ ވަގުތު އައިސް ކުޑަތަންވުމުން ނާލާގެ ހިތަށް މޮޅިވެރިކަން ވެރިވިއެވެ. އަދި ޖަޒުބާތީ ވެއްޖެއެވެ. އޭނައަށް ފުން ނޭވާއެއް ދޫކޮށްލެވުނީ އުދާސްކަމުގެ އިހުސާސްތަކާ ދުރުވެލުމަށެވެ. އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނީ ލޮލުން ފާޅުވާން ފެށި ކަރުނައިގެ ދިލަކަން ހިންދާލުމަށެވެ. މޫނުމަތިން ފާޅުވަމުން އައި ހިތާމައިގެ ކުލަވަރުތައް ސިއްރުކުރަން އޭނައަށް އިސްތިރިކޮށްލެވުނެވެ. ވަދާއުގެ ސަލާން ބައްދަލުކުރާ ހިނދު އޭނަ ދެރަވެފައި ހުރިކަން ރުހައިމްއަށް ސިއްރުކުރަންށެވެ.

''ހޭއި...'' ނާލާއަށް އައިސްފައިވި ބަދަލުތައް ރުހައިމްއަށް ފާހަގަ ވިއެވެ. ނާލާ ގާތަށް ޖެހިލަމުން އެއަތުގެ ހިމާޔަތުގެ ތެރެއަށް ނާލާ ގެނައެވެ. އަދި ނާލާގެ ހަށިގަނޑުގައި ބައްދާލަމުން ނާލާގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ.

''އަހަރެން ވަރަށް އަވަހަށް އަންނާނަމޭ... ނާލާ ދެރަވަންޏާ އަހަރެން ވެސް ދެރަވާނެކަން އެނގެއެއްނު...'' ލޯތްބާއެކު ރުހައިމް ބުނެލިއެވެ. ''ޖަސްޓް އަ ފިއު ޑެއިސް އެންޑް އައިލް ބީ ބެކް...''

ނާލާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި ރުހައިމްގެ މޭގައި މޫނު ފޮރުވާލެވުނެވެ. ރުހައިމްގެ ޖުމްލަތަކުން އެހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

''އައި ލަވް ޔޫ...'' ނާލާގެ ކަންފަތްދޮށުގައި ރުހައިމް ބުނެލިއެވެ. ކުޑަ ދުވަސްކޮޅަކަށް ވިޔަސް ނާލާއާއި ވަކިވާން ޖެހޭތީ އެކަމުގެ އުދާސްކަން ރުހައިމްގެ ދެލޮލުން ވެސް ފާޅުވިއެވެ. އޭނަ އޯގާތެރިކަމާއެކު ނާލާގެ ބުރަކަށީގައި ފިރުމާލިއެވެ. ލޯބިވާވަރު އަންގައިދިނެވެ.

''ލަވް ޔޫ ޓޫ... އެކޮޅަށް ދެވުނުހާ އަވަހަކަށް މެސެޖުކުރައްޗޭ...'' ރުހައިމްއާ ދުރަށް ޖެހިލަމުން ނާލާ ހިނިތުންވެލިއެވެ. އަދި މޮޅިވެރިކަމުގެ އިހުސާސްތަކާ ދުރުވެލަން މަސައްކަތްކުރިއެވެ. ކިތަންމެ ގިނަ ފަހަރު ރުހައިމް އޮފީހުގެ ރަސްމީ ދަތުރުތަކަށް ދިޔަޔަސް ވަދާއުގެ ސަލާން ބައްދަލުކުރަން ޖެހުމުން ހިތަށް މޮޅިވެރިކަން ވެރިވެއެވެ. ރުހައިމް ނެތްކަމުގެ ފަޅުކަން އިހުސާސްކުރެވެއެވެ. ހަޤީޤަތަށް ބުނަންޏާ ރުހައިމްއާ ދުރުގައި އޭނަގެ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތެއް ނާލާއަކަށް ނޭނގެއެވެ. އަބަދުމެ އޭނަގެ ގާތުގައި ހުރުމަށް ބޭނުންވާތީއެވެ.

'ދެވުނުހާ އަވަހަކަށް މެސެޖްކުރާނަން...'' ނާލާގެ އަތްތިލައަށް ބޮސްދެމުން ރުހައިމް ބުނެލިއެވެ.

''ވަޓް ދަ ހެލް... ހިތަށް އަރާ އެދިޔަ ގޮތަށް ގޮސް އެހަންޑީގެ ބޮލުގި ހިފައިގަންނާނަމޭ... އަހަރެން ބަލާނަން ކަލެއަށް އުފަލުގައި އުޅެވޭތޯ، މި ދަތުރަށް ފަހު އަހަރެންގެ މީހަކަށް ރުހައިމް ހަދާނަން، އުފަލާއެކު ރުހައިމްއާ ކަލެއަށް ވާހަކަދެއްކޭނެ ފަހު ފަހަރު މިއީ... ކަލޭ ހުންނާތި ރޯން ތައްޔާރުވެގެން، ކަލޭގެ ދިރިއުޅުން ނަރަކައަކަށް ހަދާ ނުލައިފިއްޔާ އަހަންނަށް ހަމަޖެހުމެއް ނުލިބޭނެ... ކަލޭ ރުހައިމްއަށް ކުރާ އިތުބާރުގެ ފެންވަރެއް ވެސް އެނގޭނެ ދުވަސްކޮޅެއްގެ ތެރޭގައި......'' ދުރުގައި ހުރި ޔަޝްފީއަށް ލޯއަޅާލެވުނެވެ. ރުހައިމްއާއި ނާލާ ކައިރިވާ ކޮންމެ ފަހަރަކު އޭނަގެ ދެލޮލުން އަލިފާންކަނި ބުރާހާވެއެވެ. އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަން ޖެހެނީ އަތުންފައިން ގޯހެއް ހެދިދާނެތީއެވެ.

ނާލާއާ ވަދާއުގެ ސަލާން ބަދަލުކުރުމަށްފަހު ދުރުގައި ހުރި ޔަޝްފީއަށް ރުހައިމް ގޮވާލިއެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ދަމުން ފަސްއެނބުރި ނާލާއަށް ބަލައިލަމުން ފުން ހިނިތުންވުމެއް ދިނެވެ. އެމަންޒަރުން ޔަޝްފީއަށް ތުންފިއްތާލެވުނެވެ. ދެވަނަ ސިކުންތުގައި ތުންފަތުގައި ހިނިތުންވުމެއް ކުރަހާލަން ޖެހުނީ ނާލާއާ އޭނަގެ ނަޒަރު ބައްދަލުވުމުންނެވެ. އަވަސްއަވަހަށް އަތުގެ އިޝާރާތުން ދަނީކަން އަންގާލަމުން ރުހައިމްގެ ފަހަތުން ހިނގައިގަތެވެ.

ރުހައިމް ދިޔަ ދިމާއަށް ބަލަން ހުރި ނާލާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑު ވިއެވެ. ތިން ދުވަސްފަހުން ރުހައިމްއާ ބައްދަލުވާނެކަން ހިތަށް ވިސްނައިދެމުން އޭނައަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު އަންނަން އުޅޭ ތޫފާނުގެ ކުޑަމީސް ހިލަމެއް އޭނައަކަށް ނުވެއެވެ. އޭނަގެ އުފާވެރިހަޔާތަށް ކަޅު ވިލާތަކެއްގެ ހިޔަ އެޅިއްޖެކަން ވެސް ރޭކާ ނުލިއެވެ. ކުރިމަތިލާން ޖެހިފައިވި މުސީބާތުގެ އިންޒާރުގެ ރަނގަބީލުތަކުގެ އަޑެއްވެސް ކަންފަތާ ހަމައަކަށް ނުފޯރިއެވެ. އޭނަގެ ހިތްހެޔޮކަމާއި އެކުވެރިކަމުގެ ފައިދާ މީހަކު ނަގައިފާނެކަމެއް ވެސް ނޭނގުނެވެ.

(ނުނިމޭ)