މުނިފޫހިފިލުވުން

ދިޕިކާގެ ބަޔާން ނަގާއިރު އެތަނުގައި ހުރެވޭނެ ގޮތް ހަމަޖައްސައިދޭން ރަންވީރު އެދިއްޖެ

އީމާ މުހައްމަދު ވަހީދު

މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައި ބަޔާން ނެގުމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯނު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ އަށް ހާޒިރުކުރާ އިރު، އޭނާއާއެކު އެތަނުގައި ހުރެވޭނެ ގޮތް ހަމަޖައްސައިދޭން ދިޕިކާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި ރަންވީރު ސިންގު އެދިއްޖެ އެވެ.

އެންސީބީ އަށް ހާޒިރުވުމަށް އަންގާފައި އޮތުމުން ދިޕިކާ އާއި ރަންވީރު ވަނީ ގޯއާގައި ތިބެފައި ރޭ މުމްބާއީ އަށް ގޮސްފަ އެވެ. ދިޕިކާ އެންސީބީއަށް ހާޒިރުވާން އަންގާފައި އޮތީ މާދަމާ އެވެ.

އެންސީބީއަށް ރަންވީރު ފޮނުވި ސިޓީއެއްގައި ބުނީ، އަންހެނުން ދިޕިކާގެ ބަޔާން ނަގާއިރު އޭނާއަށް އެތަނުގައި ހުރެވޭ ގޮތް ހަމަޖައްސައި ދިނުމަށް އެދުނީ ދިޕިކާއަކީ އެންޒައިޓީ އަދި ޑިޕްރެޝަން ހުންނަ މީހަކަށްވާތީ ކަމަށެވެ. ނަމަވެސް އެއީ އެންސީބީގެ ގަވައިދާ ހިލާފު ކަމެކެވެ.

ސުޝާންތުގެ މަރާ ގުޅިގެން އެންސީބީން ތަހުގީގު ކުރަން ފެށި މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނެއްގެ ނަންތައް ދަނީ ހާމަވަމުންނެވެ. އޭގެ ތެރޭގައި ރިއާ ޗަކަރަބޮޓީ، ޝަރްދާ ކަޕޫރު، ސާރާ އަލީ ހާން އަދި ރަކުލް ޕްރީތު ސިންގު ހިމެނެ އެވެ.