މެންބަރު އާދަމް ޝަރީފް އުމަރު

އިންޑިއާ އިން އުޅެނީ ރާއްޖެ ހިފާކަށް ނޫން، އެކަމަކު ފޮރުވިފައިވާ އެހެން ކަމެއްވޭ: އާދަމް ޝަރީފް

އިންޑިއާ އިން މަސައްކަތް ކުރަނީ ރާއްޖެ ހިފަން ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ފޮރުވިފައިވާ އެހެން ސިޔާސަތެއްވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ރޭ ވިދާޅުވީ އިންޑިއާގެ މައްސަލަ އަކީ މިހާރު ރައްޔިތުން ކަންބޮޑުވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. ރައްޔިތުން ކަންބޮޑު ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭތީ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ކަންބޮޑުވަނީ ވަކި ގައުމެއް ވީމަ ނޫން ކަމަށާއި ކޮންމެ ގައުމަކަށްވީ ނަމަވެސް އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭނަމަ އެއީ މައްސަލައެއް ކަމަށެވެ. ސޯޝަލް މީޑިއާގައި "އައި ލަވް އިންޑިއާ" ޖަހައިގެން އުޅެނީ ސަރުކާރުން މުސާރަ ނަގައިގެން އުޅޭ މީހުން އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

"އިންޑިއާއިން މަސައްކަތް ކުރަނީކީ ދިވެހިރާއްޖެ ހިފަން ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެން ނަމަވެސް ދިވެހިރާއްޖެއަށް ބަރޯސާވަމުން މިހާރު އެދާ މިނުގައި އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން ފޮރުވިފައިވާނީ އެހެން ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ނުރައްކާވާނޭ ކަމެއް އެއްވެސް ގައުމަކުން ހިންގުމަކީ ދިވެހިން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

އިންޑިއާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށާއި ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތައް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހާމަކޮށްދެމުން ނުދާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން އެހީތެރިކަން ފޯރުކޮށްނުދޭ މިންވަރަށް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ހާއްސަކޮށް ކޮވިޑްގެ ދަތި ދުވަސްވަރުގައިވެސް އިންޑިއާއިން ވަރަށް ބޮޑެތި އެހީތައް ވަމުން އަންނަ ކަމަށެވެ.

ނަމަވެސް ރާއްޖެ، ހަމައެކަނި އިންޑިއާއަށް ބަރޯސާވެގެން އުޅުމަކީ ގޯހެއް ކަމަށެވެ. ހުރިހާ ގައުމަކާމެދު ހަމަހަމަކަން ނުގެންގުޅޭ ނަމަ ރާއްޖެ، ނުރައްކާތެރިކަމާ ކުރިމަތިލާން ޖެހޭ ހާލަތަށް ގޮސްފާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.