ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުން މިއަހަރު މަދުވެ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ މެންބަރުންގެ އަދަދު އިތުރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބަޝިޕް ފޯމުތައް ޕްރޮސެސްކުރުމަށްފަހު، ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަދާހަމަކޮށްފައިވާ ތަފްސީލުތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ އިރު، އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ މަދުވެފައެވެ.
އީސީން ހާމަކޮށްފައިވާ ގޮތުން އެމްޑީޕީގައި މިވަގުތު ތިބީ 52،952 މެންބަރުންނެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 53،694 މެންބަރުންނެވެ. އެހެންކަމުން މިއަހަރު އެމްޑީޕީން 742 މެންބަރުން ވަނީ މަދުވެފައެވެ.
ދެވަނައަށް އެންމެ މެންބަރުން ގިނައީ ޕީޕީއެމްގައެވެ. އެޕާޓީގައި 37،144 މެންބަރުން ތިބި އިރު، މިދިޔަ އަހަރުގެ ނޮވެންބަރު 25ގެ ނިޔަލަށް އެ ޕާޓީގައި ތިބީ 36،831 މެންބަރުންނެވެ. އެހެންކަމުން މި އަހަރު އެ ޕާޓީއަށް 313 މެންބަރުން ވަނީ އިތުރުވެފައެވެ.
ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގައި މިވަގުތު 4004 މެންބަރުން ހިމެނެއެވެ.
ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދުވެސް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު 25ގެ ނިޔަލަށް ޖޭޕީގައި 10،726 މެންބަރުން ތިބި އިރު، މިވަގުތު އެ ޕާޓީގައި 13،825 މެންބަރުން އެބަތިއްބެވެ.
އީސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގައި ތިބީ 3023 މެންބަރުންނެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަވަންސް (އެމްޑީއޭ)ގައި 8178 މެންބަރުން ތިބި އިރު، އަދާލަތު ޕާޓީގައި 6640 މެންބަރުން، އެމްޓީޑީގައި 3171 މެންބަރުން، ޑީއާރުޕީގައި 2902 މެންބަރުން އެބަ ތިއްބެވެ. އެންމެ މަދު މެންބަަރުން ތިބީ މިދިޔަ އަހަރު އީސީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގައެވެ. އެޕާޓީގައި ތިބީ 2881 މެންބަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު