ދުނިޔެ

ލަންކާ ކައިރިން ރޯވި ތެޔޮ ޓޭންކަރުން އަލިފާން ނިއްވަން ކުރި މަސައްކަތަށް 1.8 މިލިއަން ޑޮލަރު ދައްކަން އަންގައިފި

މުހައްމަދު އައުޒަމް

ލަންކާ ކައިރިން އަލިފާން ރޯވި ތެޔޮ ޓޭންކަރުން އަލިފާން ނިއްވަން ކުރި މަސައްކަތުގެ ބަދަލެއްގެ ގޮތުގައި 1.8 މިލިއަން ޑޮލަރު ދައްކަން އަންގައިފި އެވެ.

ލަންކާގެ ދެކުނުން ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް އެމްވީ ނިއު ޑައިމަންޑް ނަމަކަށް ކިޔާ އެ ޓޭންކަރުގައި އަލިފާން ރޯވީ މިމަހުގެ ކުރީކޮޅު އެވެ. އެ ޓޭންކަރަކީ ގްރީސްގެ ޕޯޓޯ އެމްޕޯރިއަސް ޝިޕިން އަށް ނިސްބަތްވާ އުޅަނދެކެވެ.

އެގޮތުން ޓޭންކަރުގައި ރޯވި އަލިފާން ނިއްވުމުގައި ލަންކާގެ ނޭވީ އާއި އެއާފޯސް އަދި ޕޯޓްސް އޮތޯރިޓީގެ އިތުރުން އެގައުމުގެ މެރިން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީން ހަރަކާތްތެރިވި އިރު، އެ މަސައްކަތުގެ ބަދަލެއްގެ ގޮތުގައި 1.8 މިލިއަން ޑޮލަރު ދައްކަން އެދުނީ ލަންކާގެ އެޓާނީ ޖެނެރަލް އެވެ.

ލަންކާގެ އެޓާނީ ޖެނެރަލްގެ ކޯޑިނޭޓިން އޮފިސާ ނިޝްރާ ޖަޔަރަތްނެއާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނީ، ލަންކާގެ އޭޖީ އެދުނު ގޮތަށް އެ ފައިސާ ދައްކަން ބޯޓު ނިސްބަތްވާ ކުންފުނީގެ ވެރިޔާ އެއްބަސްވެފައިވާ ކަމަށެވެ. އަދި ބޯޓު ލަންކާއިން ދުރަށް ގެންދިއުމުގައި ކޮށްފައިވާ މަސައްކަތަށް ބައި މިލިއަށް ޑޮލަރު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ނިޝްރާ ވިދާޅުވި އެވެ.

ލަންކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ ޓޭންކަރުން ތެޔޮ ލީކުވުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބަލައި ރިޕޯޓެއް ނެރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެ ރިޕޯޓުގެ ނަތީޖާއަށް ބަލައި އިތުރު ބަދަލެއް ހޯދަން ޖެހިދާނެ ކަމަށް ވެސް ބުނެފަ އެވެ.