މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭ ނޫސްވެރިކަމުގެ އިނާމުގެ 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅައިފިއެވެ.
ދެހާސް ނަވާރަވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އެމްއެމްސީން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެ ފުރުސަތު ވަނީ، މިއަދުގެ މެންދުރު ފަހު 1:30 އަށް ހަމަވެފައެވެ.
އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، އިނާމުދޭ 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށެވެ.
ޕްރިންޓް އަދި އޮންލައިން ކެޓެގަރީ އާއި ބްރޯޑްކާސްޓިން ކެޓެގަރީން އިނާމުދޭ ދާއިރާތަކަށް ކުރިމަތިލީ އަދަދު:
- ތަހުގީގީ ނޫސްވެރިކަން: 2
- އިޖުތިމާއީ، ތާރީހު، ސަޤާފަތް، ފަންނުވެރިކަން: 10
- ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ: 2
- ސިޔާސީ: 6
- ޝަރުއީ އަދި ގާނޫނީ: 4
- ވިޔަފާރިއާއި އިގުތިސޯދު: 5
- ކުޅިވަރު: 3
- ފީޗާ/ރިޕޯޓު: 24
- ފޮޓޯ ޖާނަލިޒަމް: 5
- ތަހުގީގީ ނޫސްވެރިކަން: 0
- އިޖުތިމާއީ، ތާރީހު، ސަޤާފަތް، ފަންނުވެރިކަން: 1
- ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ: 1
- ސިޔާސީ: 3
- ޝަރުއީ އަދި ގާނޫނީ: 0
- ވިޔަފާރިއާއި އިގުތިސޯދު: 1
- ކުޅިވަރު: 1
- ފީޗާ/ރިޕޯޓު: 5
- ވީޑީއޯ ޖާނަލިޒަމް: 2
އެންމެ ގިނަ ހުށަހެޅުން ހުށަހަޅާފައިވަނީ ޕްރިންޓް އަދި އޮންލައިން ކެޓެގަރީގެ ފީޗާ/ރިޕޯޓު ދާއިރާއަށެވެ. އެ ދާއިރާއަށް 24 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ. އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ކުރިމަތިލާފައިވަނީ ފަސް ނޫސްވެރިއެކެވެ.
އެމްއެމްސީން ބުނީ އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ފިޔަވައި އެހެން އިނާމުތައް ދޭނީ ޕްރިންޓް، ޑިޖިޓަލް ޕްރިންޓް/އޮންލައިން ކެޓެގަރީ އަދި ބްރޯޑްކާސްޓިން ކެޓެގަރީ (ޓީވީ) ވަކިން ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކެޓެގަރީއަށް ކުރިމަތިލާ ނޫސްވެރިންނަށް އޮންލައިން ނުވަތަ ޕްރިންޓް ކެޓަގަރީއަށް ކުރިމަތި ނުލެވޭނެ ކަމަށާއި އޮންލައިން ނުވަތަ ޕްރިންޓް ކެޓަގަރީއަށް ކުރިމަތިލާ ނޫސްވެރިންނަށް ބްރޯޑްކާސްޓިން ކެޓަގަރީއަށް ކުރިމަތި ނުލެވޭނެ ކަމަށްވެސް އެމްއެމްސީން ބުނެއެވެ.
އެމްއެމްސީން ދޭ އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ކުރިމަތިލެވޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާ ދެމެދު މަދުވެގެން ޖުމުލަ ނުވަ މަސް ދުވަހު މަސައްކަތްކޮށްފައިވާ އަދި އެ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިކަމުގެ ދާއިރާގައި ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ނޫސްވެރިންނަށެވެ. އެ އިނާމަށް ނޫސްވެރިޔަކު ހުށަހަޅާނީ އޭނާ މަސަައްކަތްކުރާ މީޑިއާއެއްގެ އިދާރާއިންނެވެ.
މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ނުވަ ދާއިރާއަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު