ސްޓެލްކޯއިން ވ. ތިނަދޫގައި ހަދަން ނިންމާފައިވާ އާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.
ތިނަދޫ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސްވެރިންގެ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތިނަދޫ އިންޖީނުގެއަކީ 2010 ވަނަ އަހަރު އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާއެކު، ސްޓެލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ އެވެ. ނަމަވެސް މިހާރު ހުރި އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ސްޓެލްކޯއަށް ބިމެއް ހަމަޖައްސައިދީފަ އެވެ.
ތިނަދޫ އާ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުގުނީ ވިދާޅުވީ، ތިނަދޫ އިންޖީނުގެއާ ސްޓެލްކޯއިން ހަވާލުވި އިރު އެތަނުގައި ހުރީ ވަރަށް ކުޑަ އެންމެ ޖަނަރޭޓަރެއް ކަމަށެވެ. ނަމަވެސް އާ ޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާއި އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެރަށަށް ސްޓެލްކޯއިން ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އަލަށް ހަދާ އިންޖީނުގޭގެ މަސައްކަތް ނިމުމާއެކު، ސްޓެލްކޯއިން ތިނަދޫއަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ފުރިހަމަވެ، ރަނގަޅު ވެގެންދާނެ ކަމަށް ވެސް މުގުނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްޓެލްކޯގެ ހިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށާއި ތިނަދޫގެ އާބާދީ އާއި ރަށުގެ އިގްތިސޯދު އެކަމަށް ބިނާވާ ލޯކަލް ޓޫރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑު ކަމަށެވެ. އަދި ތިނަދޫގެ އިތުރުން ވެސް ސްޓެލްކޯއިން ހިދުމަތް ދެމުން ގެންދާ ރަށްރަށުގައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
"ރަށްރަށުގައި ދެމުންގެންދާ ހިދުމަތްތައް ފުރިހަމަ ކުރުމަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް، ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމާއި ރައްޔިތުންނަށް އިންޖީނުގެ ދުމާއި އަޑުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެތަކެއް މަސައްކަތެއް ސްޓެލްކޯއިން މިގެންދަނީ ކުރަމުން،" މުގުނީ ވިދާޅުވި އެވެ.
ތިނަދޫގައި އަލަށް ހަދާ އިންޖީނުގެއަކީ އެރަށަށް ބޭނުންވާ ކަރަންޓުގެ ލޯޑް މަތިވަމުންދާ ވަރަކަށް އެކަމަށް ކޭޓާ ކުރުމަށްޓަކައި އެއް މެގަވޮޓްގެ ހަތަރު އިންޖީނު ބެހެއްޓޭ ވަރަށް ހަދާ އިންޖީނުގެ އެކެވެ. މި އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކޮށްފައިވަނީ އަންނަ އަހަރުގެ ކުރީ ކޮޅަށެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ