ހއ. ހޯރަފުށީ/ ހުސްނު ހީނާގެ، އަލީ ނަސީރު އާދަމް (ނަސީރުބެ)އެ ރަށު އޮފީހުގެ ބޮޑު ކަތީބުކަމުން، 2010 ވަނަ އަހަރު ވަކިކުރީ، ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އެކަމުގެ ބަދަލުދޭން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަަލައަކީ ނަސީރުބެ ބޮޑުކަތީބު ކަމުގެ ވަޒީފާ އަދާކުރަމުން ގެންދަވަނިކޮށް، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން އޭރު އަލަށް އުފެއްދި، މަތި އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރު ކަމުގެ މަގާމަށް 11 މެއި 2010 ގައި އޭނާ އައްޔަން ކުރެއްވުމުން، ސިވިލް ސާވިސް މަގާމެއްގެ ގޮތުގައި އޭރު ހަމަޖެހިފައި އޮތް ބޮޑުކަތީބު ކަމުން ވަކި ކުރުމުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގެ ހުކުމުގެ ތަފްސީލުގައި ބުނެފައިވަނީ، ނަސީރުބެ ބޮޑުކަތީބު ކަމުން ވަކިކުރި ކަމަށް އަންގައި ސީއެސްސީން އޭނާއަށް ޗިޓް ފޮނުވީ 20 މެއި 2010ގައި ކަމަށެވެ. އެޗިޓުގައި ނަސީރުބެ ވަޒީފާއިން މުސްކުޅިކޮށް، ވަކިކުރީ އޭނާ އެކަމަށް އެދިގެން ކަމަށް ބުނެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ނަސީރުބެ ބޮޑުކަތީބު ކަމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސީއެސްސީގެ މައްޗަށް ސިވިލް ކޯޓުގައި އޭނާ ދައުވާކުރި އެވެ.
ސިވިލް ކޯޓުގައި ނަސީރުބެ އެދުނީ ވަޒިފާއާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތަށް ނޯޓިސް ނުދީ ވަކިކުރާ ހާލަތުގައި، ނޯޓިސްގެ ބަދަލުގައި ދޭންޖެހޭ ފައިސާ އާއި އެއްމެހާ އިނާޔަތްތައް ހޯދުމަށާއި ސީއެސްސީގެ ދަށުން ވަޒީފާ އިން މުސްކުޅި ކުރާ މުވައްޒަފުންގެ ތެރެއިން އަމިއްލަ ރުހުމުގައި ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާދޭ އިނާޔަތް ހޯދައި ދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެ ދައުވާ ސާބިތު ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ނަސީރުބޭގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގައި ހައިކޯޓުން އަމުރުކުރީ ނަސީރުބެއާ އެއްކޮޅަށެވެ. އެ ކޯޓުން އަމުރުކުރީ އެ މުއްދަތުގައި، މަހުން މަހަށް ނަސީރުބެއަށް ދޭންޖެހޭ އިނާޔަތުގެ އިތުރަށް ސީއެސްސީގެ ގަވާއިދުގައި ބުނާ އެއްފަހަރާ ދެވޭ އިނާޔަތް ނަސީރުބެއަށް ހައްގުވާ ކަމަށް ކަނޑައަޅައި އެ ފައިސާ އޭނާއަށް ދިނުމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި މިއަދު ހުކުމް ކުރީ ހައިކޯޓުގެ ހުކުމް ސީއެސްސީގެ ފަރާތުން އެކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ހައި ކޯޓުން ކުރި ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ނަސީރުބެ މަގާމުން ވަކި ކޮށްފައިވަނީ، ސީއެސްސީއާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފު ވެގެން ކަމަށް ބުނެފައިނުވާތީ އާއި އޭނާ ވަޒީފާއިން ވަކިކުރީ އަމިއްލައަށް އެދިގެން ކަމަށް ސީއެސްސީއަށް ސާބިތުކޮށްދެވިފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ.
އެހެންކަމުން ގެއްލުމުގެ ބަދަލު ނަސީރުބެއަށް ހައްގުވާ ކަމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭރު އޭނާއަށް ލިބެމުންދިޔަ މުސާރައިގެ ރޭޓުން 12 މަސް ދުވަހުގެ މުސާރައަށްވާ ފައިސާ އާއި އެއްވަރުގެ ފައިސާގެ އަދަދެއް ނަގައިދިނުމަކީ އަދުލުވެރި ބަދަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެގޮތުގެ މަތީން ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާގެ އަދަދު، އެއްފަހަރާ ނަސީރުބެއަށް ދިނުމަށް ސީއެސްސީއަށް އަންގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ތިން ފަނިޔާރުގެ އިއްތިފާހުން ހުކުމްކުރާ ކަމަށް ކަނޑައަޅައި، މިއަދުގެ އިސްފަނޑިޔާރު، ހުސްނުއްސުއޫދު ހުކުމް އިއްވެވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު