އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 120

އަބްދުﷲ ފާރޫގް ހަސަން

1

(21 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

މެންދުރެއްހައިއިރުވީތަނާ ޠޫފާނީ ވައިގަނޑު ރޫޅައިލައިފިއެވެ. ގަދަވައިގެ އެންމެފުރަތަމަ ރޯޅިޔާއެކު قــعقـاع بــن عَمرو رضى اللّـه عنــه އުޑުމަތި ބައްލަވައިލެއްވިއެވެ. އެކަލޭގެފާނު ގޮވައިލެއްވިއެވެ. މުސްލިމުންނޭވެ! މިވަރުގަދަ ވައިރޯޅިތައް މިއަންނަނީ ތިޔަބައިމީހުންނަށް މާތް اللّـه ދެއްވާ ނަޞުރުގެ ހެޔޮ ޚަބަރާއިގެންނެވެ. إنشـاءاللّـه އަހަރެމެން މަޣުރިބު ނަމާދު ކުރާނީ ޖަލޫލާއުގައެވެ. އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުން ހިނދުކޮޅެއްވެސް ނުވަނީސް އެއަޑު މުސްލިމު ސިފައިންގެ އެންމެންނަށް އިއްވައިލިއެވެ. އެއާއެކު ހިރަފުހުގެ ސަބަބުން ޖައްވު ބަނަވެ އަނދިރިކަން ވެރިވަމުން ދިޔަވަރަކަށް މުސްލިމުންގެ ޙަމަލަތައް ވަރުގަދަކުރާން ފަށައިފިއެވެ.

ބާރު ވަޔާއެކު އަންނަ ވެއްޔާއި ހިރަފުހުގެ ސަބަބުން އީރާނީންނަށް ލޯދިލުވައިލައި މަދު ފިޔަވަޅުތަކަށްވުރެ ދުރަށް ބަލައިލެވޭވަރެއް ނޫނެވެ. އެމީހުން ދިޔައީ ޚަންދަޤާ ކައިރިޔަށް ބޮނޑިވަމުންނެވެ. ފަހަތު ސަފުތަކަށް ޚަންދަޤު ހުރަސްކުރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ކުރީސަފުތަކުން އެނބުރި އެނބުރިފައި ޖަވާބީ ޙަމަލަ ދެމުން ގެންދިޔައެވެ. އެކަމަކު ގަދަ ވައިގެ ސަބަބުން އެބައިމީހުންގެ މޫނުމަތީގައިވަނީ ވެއްޔާއި ހިރަފުހުގެ ފަރުދާއެއް ދަމައިލެވިފައެވެ. އެމީހުންނަށް ތިބެވުނީ މައިދާނުގެ ވައިދަށުގައެވެ. އެބައިމީހުން ތަނެއްދޮރެއް ނޭނގޭ ހާލުގައި ހޫރުވަމުން ގެންދިޔަ ކަނޑިތަކެކޭ ލޯފަންބަޔަކު ހޫރުވާ ލަޓިތަކެކޭ ތަފާތެއް ނެތެވެ. އެއާ ޚިލާފަށް މުސްލިމުންގެ ކޮންމެ ކަނޑިއެތިފަހަރެއްވެސް ކޮންމެ ލޮންސި ޙަމަލައެއްވެސް ކޮންމެ ދުންޏެއްވެސް ދިޔައީ އަމާޒުފަތްގަނޑަށް ސީދާވަމުންނެވެ.

قــعقـاع بــن عَمرو رضى اللّـه عنــه އެކަލޭގެފާނުގެ ގެމައަކާއެކު އީރާނުގެ ލަޝްކަރުގެ ކަނާތްފަރާތަށް ވަރަށް ވަރުގަދަ ޙަމަލައެއް ދެއްވައިފިއެވެ. ޚަންދަޤުގެ ހުޅަނގު ފަރާތުން ކައިރިޔަށް ޖަމާވަމުންދިޔަ ބައިގަނޑުގެ މެދުތެރެއިން ފަޅައިލައްވައިފައި މީހުންތައް ފައިދަށުލައްވަމުން ދެކުނުފަރާތަށް ވަޑައިގެންފިއެވެ. އީރާނީންނަށް އެބައިމީހުންގެ ހާވިޔާވަމުންދިޔަ ސަފުތަކުގެ މެދުތެރެއިން اللّـه أكبــر ގެ ނަޢުރާގެ އަޑުއިވުމުން ނިހާޔަތަށް ސިހި ބިރުގެންޖެއެވެ. އެކިދިމަދިމާޔަށް ދުވާން ފަށައިފިއެވެ. އަނދިރީގެ ސަބަބުން އެބައިމީހުންގެ އެތައްހާސްބަޔަކު ދިޔައީ ޚަންދަޤަށް ވެއްޓެމުންނެވެ. އެތައްބަޔަކު ކަނާތްފަރާތަށާއި ވާތްފަރާތަށް ދުވާންފަށައިފިއެވެ. ޚަންދަޤު ހުރަސްކުރުމުގެ ފުރުސަތު ލިބުނު މީހުން ގެންދިޔައީ އެބައިމީހުން ފަހަތަށްޖެހުނު މަގުތަކަށް ތޫނު ދަގަނޑުކޮޅުތައް އަޅަމުންނެވެ.

قــعقـاع بــن عَمرو ގެ ފިދާއީން ތިބީ ޚަންދަޤު ހުރަސްކުރާން ކެތްތެރިކަން ކުޑަވެފައެވެ. އެކަމަކު މެދުތެރޭގެ މަގުތަކަށްހުރީ ދަގަނޑު އޫތައް އަޅައިފައެވެ. ޚަންދަޤުގެ ފަހަތުގައި އީރާނީ ތީރުވެރީންގެ ސަފުތައް ސާބިތުވެތިއްބެވެ. އީރާނުގެ ލަޝްކަރުގެ ތެރެއިން ލަޝްކަރާ ވަކިވި ގެމަތައް ގެންދިޔައީ ދެކުނުފަރާތުންނާއި އުތުރުފަރާތުން ޚަންދަޤު ހުރަސްކުރާން ޚަންދަޤު ބަރައިގެން މަގު ހަދަމުންނެވެ.

قــعقـاع އަށް އެކަން އެނގިވަޑައިގެންނެވުމާއެކު އެކަލޭގެފާނުގެ ފަހުލަވާނުން ގޮވައިގެން ވިދުވަރެއް ފަދައިން ދެކުނުފަރާތަށް ވަޑައިގެންފިއެވެ. އެދިމާއިން ހަނިމަގެއް ބަރައިލައިގެން ޚަންދަޤު ހުރަސްކުރާން އުޅުނުބަޔަކު ވިއްސިވިހާލި ކޮށްލެއްވުމަށްފަހު އެމަގަށް ވެރިވެވަޑައިގެން ޚަންދަޤު ހުރަސްކުރައްވައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި އެކަލޭގެފާނުގެ ހުރިހައި ގެމަތަކެއް އެކަލޭގެފާނާ ގުޅިއްޖެއެވެ. އެކަލޭގެފާނު ބާރު އަޑުފުޅުން ގެންދެވީ ބުވައިބާއި ޤާދިސިއްޔާގެ ސިންގާތަކަށް މަގުދައްކަވަމުންނެވެ. އެބައެއް ލޯތަކަށް خــالــد بــن الـوليـد އާއި، مثــنّـى بــن حــارثـــة (رضى اللّـه عنــهما) ގެ ޢަޒުމުފުޅާއި ޔަގީންފުޅުކަމުގެ އަލިކަން ލިބިފައިވާ ފަހުލަވާނުންނަށްވަނީ ގަދަވަޔާއި ވެއްޔާއި ހިރަފުހުގެ ތެރެއިން އެބައިމީހުންގެ ފަތަޙައިގެ މަގު ފެނިފައެވެ. قــعقـاع بــن عَمرو رضى اللّـه عنــه މިސުރާބު ހިއްޕަވައިފައިވަނީ ޖަލޫލާއުގެ ބޭރުދޮރޯއްޓާ ދިމާޔަށެވެ. އެކަލޭގެފާނުގެ އެކުވެރިކަމުގެ މީރުކަން ހޯދައިފައިވާ ޒުވާނުން ދިޔައީ ހަށީގައި ހޭނުބަހައްޓައި އެކަލޭގެފާނުގެ ފަހަތްޕުޅުން ދުވަމުންނެވެ. ގިނަހިނދެއް ނުވެއެވެ. ނަޞުރު ނުވަތަ ޝަހީދުވުން އެދޭ މުޖާހިދުންވަނީ ޖަލޫލާއުގެ ހުޅަނގު ދޮރޯށީގެ ފާރަވެރީންނަށް ޙަމަލަދީފައެވެ. ޖަލޫލާއުގެ ހަނގުރާމަވަނީ އޭގެ އެންމެފަހު މަރުޙަލާއަށް ވަދެފައެވެ.

+ + + + +

هاشم بـن عتبة رضى اللّـه عنــه ގެ ވެރިކަމުގެ ދަށުގައި އިސްލާމީ ލަޝްކަރުގެ ބޮޑުބައި އޮތީ ޚަންދަޤުގެ ބޭރުގައެވެ. ޚަންދަޤު ހުރަސްކުރި ގެމަތަކުގެ ކުރިމަތީގައި އީރާނީން ގެންދިޔައީ އެބައިމީހުންގެ ރޫޅުނު ސަފުތައް އަލުން ހަދަމުންނެވެ. ނަމަވެސް މުސްލިމުން މެދުކެނޑުމެއްނެތި ދެމުންގެންދިޔަ ޙަމަލަތަކުގެ ސަބަބުން އީރާނީންނަށް އެއްވެސް ނަތީޖާއެއް ނުނެރެވުނެވެ. މާގިނައިރެއްނުވަނީސް هاشم ގެ އަރިހުގައިތިބި މުސްލިމުންވެސް ޚަންދަޤު ހުރަސްކޮށްފިއެވެ. އީރާނީން އަނެއްކާވެސް ވިއްސިވިހާލިވާން ފަށައިފިއެވެ. މުސްލިމުންގެ ކޮމާންޑަރުންނާއި ސިފައިންގެ ކުރިމަތީގައިވެސް ކުރިޔަށްދާން ކަނޑައެޅިފައިވާ މަގެއް ނެތެވެ. އަނދިރިކަމުގެ ސަބަބުންނެވެ. އީރާނީން ރޮއިހަޅޭއްލަވާ އަޑުއިވޭ ދިމާޔަކަށް ޙަމަލަދެނީއެވެ. މުސްލިމުންނަށް ލިބިފައިވާ ހިތްހަމަޖެހުމަކީ އިރުކޮޅަކަށްވުރެ އިރުކޮޅެއް އީރާނީން ބަލިވަމުންދާކަމާއި މުސްލިމުން ގަދަވަމުންދާކަމުގެ ޔަގީންކަމުގެ ސަބަބުން ލިބޭ ހިތްހަމަޖެހުމެވެ. ރަޙުމަތްތެރީންނާއި ދުޝްމިނުން ވަކިކުރުމަށްޓަކައި ލޮލުގެ ފެނުމުގެ ބަދަލުގައި ބޭނުންކުރެވުމުންދިޔައީ ކަންފަތަށް އިވޭ އަޑެވެ. މޮށެއުޅޭ ބަހުގެ އަޑެވެ. ތިމާއާއި ތިމާގެ އެކުވެރީންނާ ދެމެދު ހުރި ދުރުމިނެއް ފާހަގަކުރަނީވެސް އަޑުއިވޭ ދުރުގާތްމިނެއްގެ ނިސްބަތުންނެވެ. މުސްލިމު ޣާޒީންގެ ހިތްތަކުގައި އާވަމުންދިޔައީ ޤާދިސިއްޔާގެ ލައިލަތުލްހަރީރުގެ ހަނދާންތަކެވެ.

قــعقـاع بــن عَمرو رضى اللّـه عنــه ގެ ފަހުލަވާނުން އޭރު ވަނީ ޖަލޫލާއުގެ ދޮރޯށިމައްޗަށް ދުޝްމިނުންގެ ކަށްތައް ފުނިޖަހައިފައެވެ. ނަމަވެސް އެމީހުންވަނީ މުސްލިމުންގެ ލަޝްކަރާ ވަކިވެފައެވެ. قــعقـاع ކުއްލިޔަކަށް ލަޝްކަރުގެ ގޮވާމީހުންނަށް އަމުރު ކުރެއްވިއެވެ. ލަޝްކަރުގެ އަމީރު ރަށުގެ ދޮރާށި ކައިރިޔަށް ވަޑައިގެންފި ކަމުގައި އިޢުލާނު ކުރާށެވެ. އެއަށްފަހު ވަރުގަދަޔަކަށް ދުޝްމިނުންނާ ޙަމަލަދެއްވަން ފައްޓަވައިފިއެވެ. ގޮވާމީހުން އެކިފަރާތްފަރާތަށް އަސްމަތީގައިގޮސް އިސާހިތަކު އެޚަބަރު ލަޝްކަރަށް ފަތުރައިފިއެވެ. މުސްލިމުންގެ އޮފިސަރެއްވެސް ސިފައިންގެ މީހެއްވެސް އެޚަބަރުގެ ޙަޤީޤަތް ހޯދާކަށެއް ނުއުޅެއެވެ. މަތީން ތިރިޔަށް އޮހިގެންދާ ފެނާރެއްގެ މިސާލުގައި އިސްލާމީ ލަޝްކަރު ރަށުގެ ދޮރޯއްޓާ ދިމާޔަށް ދެމިގެންފިއެވެ. އީރާނީން ބިރުން ސިހިގެން އެކިދިމަދިމާޔަށް ދުވެދުވެ ތިއްބެވެ. އިރުކޮޅެއްގެ ތެރޭގައި ރަށުގެ ހުޅަނގު ދޮރޯށީގެ ކުރިމަތީން މައިދާން ހުސްވެއްޖެއެވެ. އެއާއެކުއެކުގައިހެން އީރާނީންގެ ދިފާޢީ ބާރުވެސް ހުވާސް ހިނގައިފިއެވެ. އެހައިތަނުން އީރާނީން ގެންދިޔައީ ރަށުގެ ބޭރުފާރާއި ޚަންދަޤާ ދެމެދު ކޮޅުކޮޅަށް ދުވަމުންނެވެ. ވަށައިގެން ބައްދައިލެވިފައިވާ ޝިކާރައެއް ކޮޅުކޮޅަށް ދުވާފަދައިންނެވެ. އީރާނުގެ އެތައްހާސް ބަޔަކުވަނީ ޚަންދަޤަށް ވެއްޓިފައެވެ. އެތައްސަތޭކަ ބަޔަކުވަނީ ޚުދު އެބައިމީހުން ފެތުރި އޫތަކުގެ ތެރޭގައި ހައްޔަރުވެފައެވެ. ބުރުއްސަމުންދިޔަ ވައިގަނޑު މަޑުވެ ހަމަރޯޅިޔަށް ވެއްޖެއެވެ. އޮއްސެމުންދިޔަ އިރުގެ ރަތްކުލައިގެ މޫނުމަތީން ވެއްޔާއި ހިރަފުހުގެ ވިލާ ކެހިއްޖެއެވެ. އޭރު ލޮލުކޮޅަށްގޮސް އޮބައިލަންދެން ފެތުރިފައިހުރީ ޤަތުލުވެފައިތިބި އީރާނީންގެ ހަށިތަކެވެ.

+ + + + +

قــعقـاع بــن عَمرو رضى اللّـه عنــه ގެ އަމީރުކަމުގައި މުސްލިމުންގެ ފަސްހާސް ސަވާރުން އެރޭގެ ފަތިސްދަމު ޙުލްވާނަށް ދަތުރު ފަށައިފިއެވެ. އެލަޝްކަރުގެ އިސްބައިގެ ކޮމާންޑަރަކީ حسّان އެވެ. ޒަރުބަޚުތުގެ އަރިހުގައި ޖަލޫލާއަށް އައި ވޮލަންޓިޔަރުންގެ ތެރެއިން ފަންސާސް މީހުން حسّان ގެ އަރިހުގައި ގެންދެވިއެވެ. ދެންތިބި މީހުން ޖަލައުލާއުގައި މަޑުކުރީއެވެ. قــعقـاع މި މުހިންމަތަށް ހޮއްވަވައިލެއްވީ އިންތިހާދަރަޖައިގެ ތަޖުރިބާކާރު މުޖާހިދުންނެވެ. އައު ވޮލަންޓިޔަރުންނަށް އެކަލޭގެފާނު މަޝްވަރާ ދެއްވީ އިތުރު ތަޖުރިބާ ހޯދަންޖެހޭނެ ކަމުގައެވެ. ނަމަވެސް ޒަރުބަޚުތު މާބޮޑަށް އެދިވަޑައިގަންނަވާތީ އޭނާ ގެންނެވި މީހުންގެ ތެރެއިން حسّان ފަންސާސް މީހުން ހޮވައިލައްވައި އޭނާއާ ބައިވެރިކުރެއްވުމުގެ ހުއްދަ ހޯއްދެވީއެވެ. ޖަލައުލާއުގެ ލޭ އޮހޮރުވަނިވި މަޢުރިކާއަށްފަހު އަރާމުކުރައްވަން ޒަރުބަޚުތަށް ލިބިވަޑައިގެންނެވީ އެންމެ ތިންގަޑިއިރެވެ. އެކަމަކު قــعقـاع ގެ އަރިހުގައި ވަރަށް މުހިންމު މަޢުރިކާއެއްގައި ބައިވެރިވެވަޑައިގެންނެވޭކަމުގެ އުފާފުޅުވަނީ އޭނާގެ ވަރުބަލިފުޅުކަން ފިލުވައިފައެވެ.

އެދުވަހުގެ މެންދުރުވީއިރު އިސްލާމީ ލަޝްކަރު އޮތީ ކުޑަކުޑަ އާރެއްގެ ކައިރީގައިއޮތް ބަގީޗާއެއްގައި އަރާމުކުރާން މަޑުކޮށްފައެވެ. ޒަރުބަޚުތު ފުން އަވަހާރަފުޅަކުން ހޭފުޅުލެއްވެވުމާއެކު ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. حسّان އޭނާގެ އަރިހުގައި ގަހެއްގައި ލެނގިވަޑައިގެން އިންނެވިއެވެ. حسّان ސުވާލުކުރެއްވިއެވެ. "ޒަރުބަޚުތު! ކީއްވީތޯއެވެ؟" "ކަމެއް ނުވެއެވެ." އޭނާ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ ނޭވާފުޅެއް ލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑަށް ހުވަފެނުން ފެނުނީ ލަޝްކަރު ދަތުރުކޮށްފައި ހިނގައްޖެއަތީއެވެ. އަޅުގަނޑަށް އެކަނިމާއެކަނި މިތާނގައި އުޅެވޭތީއެވެ. ކަލާ އަވަހާރަފުޅެއް ނުލައްޕަވަމުތޯއެވެ؟" حسّان ޖަވާބު ދެއްވިއެވެ. "މަންޒިލް މިހައި ކައިރިވުމުން އަޅުގަނޑުގެ ގާތަކަށް ނިންޖެއް ނާންނާނެއެވެ. إنشـاءاللّـه ޙުލުވާނުގައި އަޅުގަނޑުމެންނަށް ހިތްފުރެންދެން އަރާމުކުރެވޭނެއެވެ."

ޒަރުބަޚުތު އިރުކޮޅަކު އިންނަވައިފައި ވިދާޅުވިއެވެ. "ޙުލުވާން ފަތަޙަކުރަން މިލަޝްކަރު ފުދޭނެކަން ކަލާއަށް ޔަގީންތޯއެވެ؟ އަޅުގަނޑުވެސް ވަނީ ޖަލޫލާއުގެ މައިދާނުގައި މާތް اللّـه ގެ ނަޞުރު އައިގޮތުގެ މުޢުޖިޒާ ދެކެފައެވެ. އެހެންކަމާއެކުވެސް ބައެއްފަހަރުފަހަރު އަޅުގަނޑުގެ ހިތަށްއަރަނީ ޙުލުވާނުގައި ޔަޒުދުގިރުދާ ކުރިމަތިލާން އަޅުގަނޑުމެންނަށް އިތުރު ސިފައިން ބޭނުންވާނެކަމުގައެވެ."

حسّان ޖަވާބު ދެއްވިއެވެ. "قــعقـاع رضى اللّـه عنــه ލަފާކުރައްވާ ގޮތުގައި އަޅުގަނޑުމެންނަށް ޙުލްވާނުގައި ޔަޒުދުގިރުދާ ކުރިމަތިލާކަށެއް ނުޖެހޭނެއެވެ. އަޅުގަނޑުމެންނަށް ޙުލުވާނަށް ދެވޭއިރު އޭނާ ޙުލްވާނު ދޫކޮށްލައްވައިފައި އެތައް ކޯހެއްގެ ދުރަށް ވަޑައިގެންފާނެއެވެ."

"އެކަމަކު އޭނާގެ ލަޝްކަރު؟"

"އެމީހުން ހަނގުރާމައިގެ ނާޓަކެއް ކުޅޭނެއެވެ. އެއަށްފަހު ކޮންމެ އޮފިސަރަކުވެސް ކޮންމެ ސިފައިންގެ މީހަކުވެސް ވިސްނާނީ ތިމާގެ ޖާނު ސަލާމަތްކުރުމާ މެދުގައެވެ. އެމީހުން ހިތްވަރުކުރާން އުޅެފިނަމަ އަޅުގަނޑުމެންނަށް އެހީލިބުން ލަހެއް ނުވާނެއެވެ. އެކަމަކު قــعقـاع ކުރައްވާ އަންދާޒާއެއް ދުވަހަކުވެސް ސީދާނުވެއެއް ނުދެއެވެ. އަޅުގަނޑަށް ޔަގީނެވެ. ޖަލޫލާއުން ފިލައިގެންދާ ސިފައިން ޙުލުވާނަށް ދިއުމާއެކު ޙުލުވާނުގައި ތިބި ސިފައިންގެ ހިތްވަރު އެލިދާނެއެވެ."

ޒަރުބަޚުތު އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑުގެ އަވަށުގައި ހުރިއިރު عـدى ވަނީ ޝާމްކަރައާއި ޢިރާޤުކަރައިގައި މިހައިތަނަށް ހިނގައިފައިހުރި ހަނގުރާމަތަކުގެ ވާހަކަތައް ވިދާޅުވެދެއްވައިފައެވެ. އަޅުގަނޑު ވަރަށްބޮޑަށް ވިސްނަމެވެ. ޤައުމުތައް ކުރިއަރައި ތަރައްޤީގެ ބޮންތިޔަށް ވާސިލުވާއިރު އެ ޤައުމެއްގައި ތިބެނީ އެބައެއްގެ ފަތަޙައާއި ކާމިޔާބީގެ ޖާމިނުން ކަމުގައިވާ ދެތިންހަތަރު މީހެކެވެ. ބައެއްފަހަރަށް ނަންހުރި ޖަނަރަލަކު އެއްފަރާތް ކޮށްލެވުމުން ސިންގާތަކެއްފަދަ ލަޝްކަރުތައްވެސް ކަންބަޅި އައިންތަކެއް ފަދައިން ވެފައި އެބަހުއްޓެވެ. އެންމެކުރީން އީރާނުމީހުން މުސްލިމުން ދަންނަނީ مثــنّـى بــن حــارثـــة އާއި خــالــد بــن الـوليـد (رضى اللّـه عنــهما) ފަދަ މަތިވެރި ކޮމާންޑަރ އިން ޗީފުންގެ ސަބަބުންނެވެ. އެކަމަކު ޖަލޫލާއުގެ މަޢުރިކާ ލޮލުން ދުށުމަށްފަހު އަޅުގަނޑު އީރާނީއެއްގެ ހައިސިއްޔަތުން ވިސްނާއިރު އަޅުގަނޑުގެ ސުވާލަކީ މުސްލިމުންގެ ތެރޭގައި خــالــد بــن الـوليـد އާއި مثــنّـى بــن حــارثـــة އާއި سعـد بـن أبى وقّـاص (رضى اللّـه عنــهم) ގެ ފަޚުރުވެރި ޤާއިމުމަޤާމުން ކަމުގައިވާ ޖަނަރަލުންގެ އަދަދަކީ ކޮބައިބާވައެވެ؟ އިއްޔެ ޖަލޫލާއުގައި އަޅުގަނޑު ވަނީ މުސްލިމެއްގެ ހައިސިއްޔަތުން މުސްލިމުންނާއި ކާފަރުންނާ ދެމެދުގައި ހިނގި ވަރުގަދަ މަޢުރިކާއެއް ދެކެފައެވެ. އަޅުގަނޑަށް އިޙުސާސުވީ މުޅި އިންސާނީ ދުނިޔޭގައި ލައްވައިފައިވާ ހުރިހައި ބާއްޖަވެރިކަމަކާއި މަތިވެރިކަމެއް އެކަށް ޖަލޫލާއުގެ ޣާޒީންގެ ކިބައިގައި ޖަމާވެފައިވާ ކަމުގައެވެ. حسّان އެވެ. އަޅުގަނޑު ކަލާއަށް ޝުކުރުވެރިވަމެވެ. މިފަދަ ބަޔަކާއެކު ދިރިއުޅުމާއި މަރުވެދިޔުމުގެ ލައްޒަތު އަޅުގަނޑަށް ތަޢާރުފު ކޮށްދެއްވީތީއެވެ."

"ޒަރުބަޚުތުއެވެ! ކަލާއާމެދު އަޅުގަނޑުގެ ދުޢާ އިޖާބަކުރެއްވިކަމީ މާތް اللّـه ގެ އިޙުސާންވަންތަކަމެވެ."

ޢަޞުރު ނަމާދަށްފަހު އިސްލާމީ ލަޝްކަރު ދަތުރަށް ތައްޔާރުވެއްޖެއެވެ. قــعقـاع بــن عَمرو رضى اللّـه عنــه އަށް ލަފާކުރެއްވުނީ ރަނގަޅެވެ. ޖަލޫލާއު ފަތަޙަވި ޚަބަރު ލިބިވަޑައިގެންނެވުމާއެކު ޔަޒުދުގިރުދު ޙުލުވާނުން ފިލައިވަޑައިގެން ރައްޔަށް މިސުރާބު ޖައްސަވައިފިއެވެ. ޙުލުވާނު ދިފާޢުކުރައްވަން ހަވާލުކުރެއްވީ ޚުސްރޫޝަނޫމެވެ ކިޔުނު ތަޖުރިބާކާރު ޖަނަރަލަކާއެވެ. އޭނާ ޙުލުވާނާ ތިންމޭލު ދުރުން ޤަޞުރު ޝީރީންގެ ކައިރީން އިސްލާމީ ލަޝްކަރު ހުއްޓުވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، قــعقـاع އެންމެ ޙަމަލައަކުން އެލަޝްކަރު ބުރުއްސައިލައްވައިފިއެވެ. އެކަލޭގެފާނު ލަޝްކަރާއިގެން ޙުލުވާނަށް ވަޑައިގެންނެވުމުން ރަށުގެ އަހުލުވެރީން މުސްލިމުންނާ ހަނގުރާމަކުރުމުގެ ބަދަލުގައި ރަށުގެ ދޮރޯށިތައް ހުޅުވައިލީއެވެ. އެހެންކަމުން އިރުއޮއްސުމުގެ ކުރީންވަނީ އެރަށުގެ ކިއްލާގައި އިސްލާމީ ދިދަ ވިހުރުވޭން ފަށައިފައެވެ.

(ނުނިމޭ)