ބޮލީވުޑް

މެސެޖްތައް ލީކްކޮށްލިކަމަށް ބުނެ ދިޕިކާ ހުރިހާ ކަމެއް މެނޭޖަރުގެ ބޮލަށް ޖަހައިފި

އީމާ މުހައްމަދު ވަހީދު

ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ(އެންސީބީ) އިން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑްކޯނު މިމަހުގެ 25 ވަނަ ދުވަހު އެންސީބީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

އެންސީބީ އަށް ވަނީ 2017 ވަނަ އަހަރު ދިޕިކާ މަސްތުވާތަކެތީގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށްބުނާ ވަޓްސްއެފް މެސެޖްތަކެއް ލިބިފައެވެ. ރިޕަބްލިކް ޓީވީއަށް ދިން އިންޓަވިއުއެއްގައި ދިޕިކާ ވަނީ އޭނާގެ ވަޓްސްއެފް މެސެޖްތައް ލީކްކުރި ކަމުގެ ތުހުމަތު އޭނާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އަދި ޓެލެންޓް މެނޭޖަރު ޖަޔާ ސަހާ ބޮލުގައި އަޅުވައި އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން އެމައްސަލައާ ގުޅިގެން ދިޕިކާ ވަނީ 12 މެންބަރުން ހިމެނޭ ލޯޔަރުންގެ ޓީމަކާވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަދައްކައި، ލަފާ ހޯދައިފައެވެ.

ދިޕިކާ މިވަގުތު ހުރީ ޝަކުން ބަޓްރާގެ ފިލްމުގެ ޝޫޓިންތައް ފެށުމަށް ގޯއާގައެވެ. އެހެންނަމަވެސް އޭނާ މިރޭގެ ވަގުތެއްގައި މުމްބާއީ އަށް ދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ދިޕިކާ އެނބުރި މުމްބާއީއަށް ދާނެ ކަމަށް ރިޕޯޓުތައް ބުނާ އިރު، މެނޭޖަރު ކަރިޝްމާ ޕްރަކާޝް ވެސް މި ވަގުތު ހުރީ ދިޕިކާއާ އެކު ގޯއާގަ އެވެ.