ކުޅިވަރު

އާސެނަލް ވަނީ އޮޒިލްއާ ނުލައި ކުޅެން ދަސްކޮށްފައި: އާޓެޓާ

މުޙައްމަދު ޝަމްޢޫން

އާސެނަލްއިން މިހާރު ކުޅެމުން އަންނަނީ މުޅިން ތަފާތު ފުޓުބޯޅައެއް ކަމަށާއި، އޭގެ ދަށުން ކްލަބުން ވަނީ މެސުޓް އޮޒިލްއާ ނުލައިވެސް ކުޅެން ހޭނިފައި ކަމަށް މެނޭޖަރު މިކޭލް އާޓެޓާ ބުނެފިއެވެ.

ވޭތުވެދިޔަ ސީޒަންތަކުގައި އާސެނަލްއަށް މުހިއްމު ކުޅުމެއް ދައްކާފައިވާ އޮޒިލްއަކީ މިހާރު ކްލަބުގެ 11 އިން ޖާގަ ލިބޭ ކުޅުންތެރިއެއް ނޫނެވެ. ހުނަރުވެރި މިޑްފީލްޑަރު އޮޒިލް، ރޭ އާސެނައިލް ކުޅުނު ލީގު ކަޕްގެ މެޗުގެ ސްކޮޑުގައިވެސް ހިމަނާފައެއް ނުވެއެވެ. އެ ނިންމުމާ ގުޅިގެން އާޓެޓާއަށް ކުރިމަތިވި ސުވާލަށް އޭނާ ވަނީ ފުރިހަމަ ޖަވާބެއްވެސް ދީފައެވެ.

"އަހަރެން ބޭނުންކުރާ ކުޅުންތެރިން މި އަންނަނީ ބަދަލުވަމުން. އެހެން ސިސްޓަމަކަށް ހޭނެމުން އަންނަނީ. ސްކޮޑުގައި 27،26 ކުޅުންތެރިން ތިބޭއިރު ހުރިހާ ކުޅުންތެރިންނަކަށް ވަގުތެއް ނުދެވޭނެ. އިންސާފުން ކަންކަން ކުރަންޏާ އަހަންނަށް ޓީމަށް ނެގޭނީ އެންމެ ރަނގަޅު ފޯމެއްގައި ތިބޭ ކުޅުންތެރިން. އޮޒިލްއާ ނުލައި ކުޅެން އާސެނަލްއިން އަންނަނީ ހޭނެމުން،" އާޓެޓާ ބުނެފައި ވެއެވެ.

އާޓެޓާ އިތުރަށް ބުނެފައި ވަނީ ކުޅުންތެރިއެއް ކްލަބު ދޫކޮށްލާފާނެތީ ވަކި ހާއްސަ އުސޫލެއްގެ ދަށުން ކަން ނުކުރާނެ ކަމަށާއި، ޓީމަށް މޮޅު ގޮތް ނޫން އެހެން ގޮތެއް ނުހަދާނެ ކަމަށެވެ.

ރޭގެ މެޗުގައި އާސެނަލްއިން 2-0ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކުރިއިރު، މެޗުގައި އާސެނަލް ޖެހި ފުރަތަމަ ގޯލަކީ ފުޗްސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ގޯލް ޖަހައިދިނީ އެޑްވާޓް ކެއިޓާއެވެ. އާސެނަލްއިން މި ސީޒަންގައި އަދި ބަލިވެފައެއް ނުވެއެވެ. އާޓެޓާއާއެކު ޓީމުން އަންނަނީ ރަނގަޅު ކުުޅުމެއް ދައްކަމުންނެވެ.