ޚަބަރު

ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރަށް ވުރެ ބޮޑަށް ޓެކްނޮލޮޖީގެ ބޭނުން ކުރަން ޖެހޭ: ޑރ. ޝަކީލާ

އަލީ ޔާމިން

ރާއްޖެއަކީ ފަތުރިވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށް މިހާރަށް ވުރެ ބޮޑަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ޓެކްނޮލޮޖީގެ ބޭނުން ކުރަން ޖެހޭ ކަމަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރަމުން އަންނަ ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.

"ރީސްޓާޓް އޭޝިއަން އިކޮނޮމީސް: އައިޑިއާސް އެންޑް އެކްޝަންސް ފޮ ދަ ހޮޓެލް އިންޑަސްޓްރީ"ގެ ނަމުގައި ބައިނަލްއަގުވާމީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެފްއެންއެފް ސައުތު އޭޝިއާ އިން ގެނެސްދިން ވެބިނާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޝަކީލާ ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދު އަލުން ކޮޅަށް ޖެހޭނީ ފަތުރުވެރިން ރާއްޖެ ގެނެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަމައަކަށް އެޅިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ޝަކީލާ ވިދާޅުވީ، ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދު އަލުން ދިރުވޭނީ އެންމެން އެއް އަމާޒަކަށް އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

"ސަރުކާރުން އެކަނި މަސައްކަތްކޮށްގެން އެއްވެސް ކަމެއް ހާސިލެއް ނުވާނެ. ކުދިކުދި ކުރިއެރުން ގެނައުމަށް ސަރުކާރަށް އާންމުންގެ އެހީތެރިކަން ބޭނުންވޭ. އަދި އެކަން ހާސިލުނުވެއްޖެނަމަ އޭގެ އަސަރުކުރާނީ ހަމައެކަނި ސަރުކާރަކަށް ނޫން. އޭގެ އަސަރު އެންމެންނަށް ކުރާނެ،" ޑރ. ޝަކީލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަކީލާ ވިދާޅުވީ ޖިއޮގްރަފީ ގޮތުން ރާއްޖޭގެ ރަށްތައް ވަކިވަކިން އުފެދިފައި އޮތުމުން ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ ރައްކާތެރި އެއް މަންޒިލް ކަމަށެވެ. ނަމަވެސް ރާއްޖެއަަށް ފަތުރުވެރިން ގެނައުމަށް ސިއްހީ ނިޒާމަށާއި ޓެކްނޮލޮޖީއަށް އިންވެސްޓް ކުރަން ޖެހޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ރިސޯޓުތަކުންވެސް އާޓިފިސަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކުރެވިދާނެ ގޮތްތައް އެބަހުރިކަން ފާހަގަކުރެއްވިއެވެ.

"މިސާލަކަށް ކިއުއާރް ސިސްޓަމް ފަދަ ޓެކްނޮލޮޖީ ބޭނުން ކުރެވިދާނެ،" ޑރ. ޝަކީލާ ވިދާޅުވިއެވެ.

ޑރ. ޝަކީލާ ވިދާޅުވީ، ރިސޯޓުތަކުން ޓެކްނޮލޮޖީއަށް ބޮޑަށް އަހުލުވެރިވުމުން ރިސޯޓުތަކުގެ މަސައްކަތްތައް އެތައް ގުނައެއް ފަސޭހަވެގެންދާނެ ކަމަށެވެ.

އެ ވެބިނިއާގައި ޑރ. ޝަކީލާ ވަނީ ކޮވިޑުން އަރައިގަތުމަށް ސިޔާސީ ކަންކަމާއި އަމިއްލަ އެދުން ދޫކޮށް ގައުމު އިސްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ޕްރައިވެޓް ސެކްޓާއިންވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.