ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބަލަމުން އަންނަ ޑިސިޕްލިނަރީ މައްސަލައަކާ ގުޅިގެން ކުރިން ދެ ދައުރުވެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި މަސައްކަތްކުރި މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ޓީޓީގެ ހުރިހާ ކަމަކުން ސަސްޕެންޑުކޮށް، އިމާރާތްތަކަށް ވަނުން މަނާކޮށްފިއެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު އަލިބެ މިދިޔަ އިންތިހާބުގެ ކުރިން އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުވައިދިނުމަށް ސިވިލް ކޯޓަށް މައްސަލައެއްވެސް ވައްދާފައިވާ އިރު، އެ އިންތިހާބު ކޯޓާ ހަމައަށް ދިޔުމުން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެކަމުގެ އިންޒާރުވެސް ދުނިޔޭގެ މައި އިދާރާ، ވޯލްޑް ޓީޓީ ފެޑަރޭޝަނުން ވަނީ ދީފައެވެ.

އިންތިހާބު ކާމިޔާބުކަމާއެކު ނިންމާލާފައިވާ އިރު، ސްޕޯޓްސް ކޮމިޝަނުން ވަނީ އަލަށް އިންތިހާބުވި އެކްސްކޯ ގަބޫލުވެސްކޮށްފައެވެ. އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަހުލޫފް ވަނީ އަލަށް އިންތިހާބުވި އެކްސްކޯއާ ބައްދަލުކޮށް، ޓީޓީގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަވެސް ދައްކަވައިފައެވެ.

އިންތިހާބު ހުއްޓުވުމަށް އަލިބެ އޭރު ކޯޓަށް ވެއްދި މައްސަލަ މިހާރު އަނބުރާ ނަގާފައިވާ އިރު، އަލިބެގެ ސަސްޕެންޝަނާ ގުޅޭގޮތުން ޓީޓީ އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު (އައްޔަ) "ވަން"އަށް ވިދާޅުވީ އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި މައްސަލައިގައި ވަކި އެއްޗެއް އަންގަން ޖެހޭ ހިސާބުން އަލިބެއަށް ވެސް ތަފްސީލުތައް ދޭނެ ކަމަށެވެ.

"މައްސަލައެއް ދަނީ ބަލަމުން. މިއީ ހަމައެކަނި ކޯޓަށް ވެއްދި މައްސަލައެއް ނޫން. އަލިބެއަކީ އާދައިގެ މެމްބަރެއްވެސް ނޫން، ކުރީގެ ދެ ދައުރުގައި އެކްސޯ މެމްބަރެއް. އެހެންވީމަ އަލިބެގެ ފަރާތުން ދޮގު މައުލޫމާތުތަކެއް މީޑިއާތަކަށް ދިނުމަކީވެސް ބަލަމުންދާ މައްސަލައެއް. އަލިބެ އޭރު ކޮށްފައިވަނީ ހަގީގަތުގައި ޓީޓީގެ މުސްތަގުބަލުވެސް ހުއްޓޭވަރުގެ ކަމެއް. އަލިބެއަކީ ގައުމީ ޗެމްޕިއަނެއް. އެކްސެކިއުޓިވް ކޮމިޓީގައި މަސައްކަތްކޮށް، ރޯލް މޮޑެލްއަކަށް ވާން ޖެހޭ މީހެއް. ޓީޓީގެ ތެރެއިން އަލިބެ ވާން ޖެހޭނީ ޒުވާން ކުދިންނަށް ނަމޫނާއަކަށް. އެހެންވެ އަސްލު އެ މައްސަލަތައް ބަލަން ޖެހުނީ،" އައްޔަ ވިދާޅުވިއެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު ވާދަވެރިކޮށް ފެނިގެންދިޔަ އިރު، އިންތިހާބު ކާމިޔާބުކުރީ އައްޔަގެ ޓީމުންނެވެ. އޭނާގެ ނައިބު ރައީސަކީ ގައުމީ ޓީޓީ ކޯޗު، ކުރީގެ ޗެމްޕިއަން އިބްރާހީމް ޝިއުރީއެވެ.