ވާހަކަ

ބޭޤަރާރު - 06

1

''އަހަންނަށް ފިޒާގެ އެހީ ބޭނުންވާނެ މާލެ އާދެވުނީމަ... އެހީވާނަން ދޯ؟... ނޫނެކޭ ނުބުނާތި!...'' ކަފިހުރަސް މަތިން ހިނގާފައި ގޮސް، މަގުގެ އަނެއް ފަޅީގައި ހުރި ރެސްޓޯރެންޓަށް ޔަޝްފީ ވަނެވެ. އޭނަ ފަސްއެނބުރި ފިޒާޔާއަށް ބަލައިލިއެވެ.

''ކޮންކަމެއްތަ ކުރަން ޖެހޭނީ؟...'' ހައިރާންކަމާއެކު ފިޒާޔާ ސުވާލުކުރިއެވެ.

''މާ ބޮޑުކަމެއް ނޫން... އަހަރެން ފަހުން ކިޔައިދޭނަން... މިހާރު ވަރަށް ބަނޑުހައިވެފަ މިހުރީ، މިއަދު ކާން ބޭނުން ވަނީ ޕިއްޒާ......'' ޔަޝްފީ މިސްރާބު ޖެހީ ރެންޓޯރެންޓްގެ މަތީ ފަންގިފިލާއަށް އަރަން ހުރި ސިޑިއާއި ދިމާއަށެވެ. ޔަޝްފީއަށް ބަލަން ހުރެފައި ފިޒާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ޔަޝްފީގެ ފަހަތުން ހިނގައިގަތެވެ.

*****

ދުވަސްތައް ފާއިތުވަމުން ގޮސް ރުހައިމް ފުރަން އޮތް ދުވަސް އައިސް ކައިރިވެއްޖެއެވެ. ފުރުން ހަމަޖެހުނީ ރޭގަނޑު ވަގުތުގައެވެ.

އެނދުމަތީ ބަހައްޓާފައި ހުރި ފޮށްޓަށް ރުހައިމްގެ އަންނައުނުތަކާއި ދަތުރުގައި ބޭނުންވާނެ ސާމާނުތައް ހަމަކުރުމަށްފަހު، ފޮށިތަންމަތި ތައްޔާރުކުރަން ނާލާ ހުއްޓެވެ. ފޮށި ތައްޔާރުކޮށްލުމަށްފަހު ފޮށީގެ ޒިބް ދަމައި ބަންދުކޮށްލަން އުޅުނެވެ. އޭގެ ކުރިން އަދިވެސް އެއްފަހަރު ހަމައަށް އެއްޗެހި ހުރިތޯ އޭނަ ބެލިއެވެ.

ފޮށީގެ ޒިބް ދަމާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ހިންދެމިލިއެވެ. ދުވަސްކޮޅަކަށް ވިޔަސް ރުހައިމް އޭނައާ ވަކިވެގެން ދާތީ އެކަމުގެ އުދާސްކަން ނާލާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭނަގެ ހިޔަނިހެން ގާތުގައި އަބަދުވެސް ރުހައިމް ވުމަށް އޭނަގެ ހިތް އެދެއެވެ. އެހިތުގެ ދިރުމާއި ރޫހުގެ ފިނިކަމަކީ ވެސް ރުހައިމް އެވެ. އޭނަގެ ހުރިހާ އުފަލެއް ވެސް ގުޅިފައިވަނީ ރުހައިމްއާ އެކުގައެވެ. ހިނދުކޮޅަކަށް ވިޔަސް ރުހައިމް އޭނައާ ވަކިވެގެން ގޮސްފިނަމަ ހިތަށް ވެރިވެގެން ދަނީ ބޭޤަރާރުކަމެވެ. އަބަދުވެސް އޭނަގެ ނަޒަރު ބައްދަލުވުމަށް އެދި ހޯދަނީ ރުހައިމް އެވެ. ދުވަހަކުވެސް އެހިތުގައި އެވާ އިހުސާސްތައް ބަދަލެއް ނުވާނެޔޭ އޭނަގެ ހިތަށް އެރިއެވެ.

ފެންވަރައިގެން ރުހައިމް ފާޚަނާއިން ނިކުތެވެ. ފެނުގެ އަސަރު އެކުލެވިގެންވި އިސްތަށިގަނޑުން ނިތް މައްޗަށް އިސްތަށިތައް ފޭބުމުން އިސްތަށިގަނޑުގައި އޭނަ އަތްފުނާ އަޅައިލިއެވެ. އެކަސްރަތީ ހަށިގަނޑުގައި ވެސް އޭރު ފެންތިކިތަކުގެ އަސަރު ހުއްޓެވެ. އުނުގައި ތުވާލި އަނދެފައި އޮތް އިރު އެހަށިގަނޑުގެ ފުރިހަމަކަން ހާމަވެއެވެ. ފުރަގަސްދީގެން ހުރި ނާލާއަށް ބަލަން ހުރެފައި ރުހައިމް ސިއްރު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތީ ނާލާ ގާތަށް ދިއުމަށެވެ. އެއަށްފަހު ނާލާގެ ފުރަގަހުން ކުއްލިޔަކަށް ބައްދައިގަތެވެ. ރުހައިމްގެ އެހަރަކާތުން ވިސްނުމަކަށް ގެއްލިފައި ހުރި ނާލާ ދިޔައީ ސިއްސައިގެންނެވެ. ހަޅޭއްވެސް ލަވައިގަނެވިއްޖެއެވެ. ނުރުހުންތެރިކަމުގެ އަސަރުވެސް މޫނަށް ވެރިވިއެވެ. ރުހައިމް އޭނަ ބިރު ގަންނަވާލުމުންނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި ތުންފަތް ފޫއަޅުވާލާފައި ހުނުމެއްގެ އަޑު ބޭރުވެގެން ދިޔައީ ރުހައިމް ގިލިގިލިކޮއްޓަން ފެށުމުންނެވެ.

''ދެން ރުހައިމް!...'' ހުނުން ކޮންޓްރޯލް ކުރަމުން ނާލާ މަސައްކަތްކުރީ ރުހައިމްގެ އަތުގައި ހިފަހައްޓާށެވެ. ރުހައިމްގެ ހަށިގަނޑުން ދުވަމުން ދިޔަ ލުއިލުއި މީރު ވަހާ އާފްޓަރޝޭވްގެ ހިތްގައިމުކަން އެކުވުމުން ނާލާގެ ސިކުނޑި ތާޒާ ކުރުވިއެވެ. ހިތަށް ލިބިފައި އޮތް މޮޅިވެރިކަމަށް ނިމުމެއްއައެވެ.

''ދާތީ އެކަމާ ދެރަވެފަ ދޯ ތިހުރީ؟...'' ރުހައިމް ސުވާލުކޮށްލަމުން، ނާލާގެ ކޮނޑުގައި ހިފާލަމުން އޭނައާ ކުރިމަތިވާނެހެން އަނބުރާލިއެވެ. އިސްތިރިކޮށްލަމުން ނާލާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

''ވަރަށް އަވަހަށް އަންނާނަމޭ، ކޮންމެ ފަހަރަކު އަހަރެން ދާއިރު ނާލާ ދެރަވާތީ ދާކަށް ވެސް ބޭނުމެއް ނުވޭ، އެކަމަކު ވަޒީފާގެ ގޮތުން ނޫނެކޭ ބުނެވޭކަށް ވެސް ނޯވޭ، އައި ޕްރޮމިސް، މާލެ އާދެވުނުހާ އަވަހަކަށް ނާލާއާ އެކު އިތުރު ވަގުތު ހޭދަކުރާނަން، ފާއިތުވި ދުވަސްކޮޅުގައި މާ ބިޒީކޮށް އުޅޭވުނީ، އައިލް މޭކް އަޕް ޓު އިޓް، އައި ޕްރޮމިސް، ވީ ވިލް ގެޓް ޓު ސްޕެންޑް މޯރ ޓައިމް ޓުގެދާރ، ނައު ސްމައިލް...'' ނާލާގެ ދަތްތޮޅީގައި ޝަހާދަތް އިނގިލި އަޅުވާލަމުން ރުހައިމް ބުންޏެވެ. ރުހައިމްގެ ހަރަކާތުން އިސްއުފުލައި ރުހައިމްގެ މޫނަށް ނާލާ ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. ރުހައިމްގެ ވާހަކަތަކުން ނާލާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެވަޢުދުތައް ރުހައިމް ފުއްދައިދޭނެކަމުގެ ޔަޤީންކަން ހިތުގައި އޮތީތީއެވެ.

''މިހާރު ހާދަ ލޯތްބޭ...'' ނާލާގެ ކޯތާފަތުގައި އަތްތިލަ ޖައްސާލަމުން ރުހައިމް ބުނެލިއެވެ. އޭރު ދެޒުވާނުންގެ ހަތަރުކަޅި ވަނީ ގުޅިލާ މެހިފައެވެ. އެދެމެދުގައި އުފެދިގެން އައީ ދަގައްޕާނީ ބާރެކެވެ. ރުހައިމްގެ ހޫނު ނޭވާތައް ނާލާއަށް އިހުސާސްކުރެވެން ފެށުނެވެ. އެނޭވާތަކުގައި އެކުލެވިގެންވި މީރުވަހާއި، އޭނަގެ މޫނުގައި ދެއަތުން ރުހައިމް ހިފަހައްޓާލުމުން ނާލާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ހިތުގެ ވިންދުތައް އަވަސްވެގެން ދިޔައެވެ. އެތުންފަތުގެ ބީހުންތައް އިހުސާސް ކުރެވުނު ހިނދު ނާލާގެ ނޭވާތައް ކުރުވިއެވެ. އޭނައަށް ރުހައިމްގެ ތަނަވަސް މޭގައި އަތްތިލަ ޖައްސާލެވުނެވެ. އަވަސްވެފައިވި އެހިތުގެ ތެޅުން ނާލާއަށް އިހުސާސްކުރެވުނެވެ. ބަޔާންކުރަން ދަތި އުފާވެރިކަމެއް ހިތަށް ވެރިވިއެވެ. އެވަގުތުކޮޅު އިތުރަށް ދިގުވެގެން ދާން އެހިތް އެދެން ފެށިއެވެ. ނަމަވެސް ވަގުތު ނުތަންވަޅުވާތީ އެކަން ރުހައިމްއަށް ހަނދުމަކޮށްދޭން ޖެހުނެވެ.

''ފުރާގަޑި ކައިރިވަނީ...'' ނޭވާއުފުރިގެން ހިނގައިދާނެހެން ހީވި ވަގުތުކޮޅަކަށް ފަހު ރުހައިމްއާ ދުރަށް ނާލާ ޖެހިލިއެވެ. އަދި މޭގައި ފިރުމާލަމުން އަވަސްނޭވާތަކެއް ދޫކޮށްލިއެވެ.

''އަދި ވަގުތު އެބަ އޮތޭ...'' ނާލާގެ އަތުގައި ހިފަމުން ރުހައިމް ބުނެލިއެވެ. އެތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ވިއެވެ.

''ނޫނޭ، މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ......'' ނާލާ ބުންޏެވެ. ''އަހަރެން ހުންނާނީ ރުހައިމްގެ އެއްޗެހި ޕެކްކޮށްލާފަ، އެކަމަކު އަދި އެއްފަހަރު ބަލައިލައްޗޭ... އަހަރެން މިދަނީ ދެން ފެންވަރަން...''

''އޭރު ވެސް ބުނީމެއްނު އަހަންނާއެކު ފެންވަރަން އަންނާށޭ...'' ނާލާގެ އަތުން ރުހައިމް ދޫކޮށްލިއެވެ. އޭނަ ބޭނުންވީ ނާލާއާ ދިމާކޮށްލާށެވެ. ''ނާލާ ޕެކްކުރިއްޔާ ހުންނާނީ ރަނގަޅަށް، ޔަޤީނުން ވެސް އަހަރެން ޕެކްކުރާ ވަރަށް ވުރެ ހާސްބައި ރަނގަޅު ވާނެ... އެހެން ނޫނަސް މާ ގިނަ ދުވަހަކަށް ވެސް ނޫނެއްނު އެކޮޅަށް ދަނީ...''

''އެއްކަލަ ފެށީއޭދޯ...'' ރުހައިމްއަށް ނަޒަރެއް ދެމުން ނާލާ ވާހަކަދެއްކިއެވެ. އެވަގުތު ރުހައިމް ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ރީތިވާ މޭޒު ކުރިމައްޗަށް ހުއްޓިލަމުން ބޮޑީ ސްޕޭ ނަގައި ގަޔަށް ބުރުއްސާލިއެވެ.

ރުހައިމްއަށް ބަލަން ހުރެފައި ނާލާ އަވަސްވެގަތީ ފާޚަނާއަށް ވަނުމަށެވެ.

*****

''ކޮބާ ދަރިފުޅާ ތައްޔާރުވެ ނިމިއްޖެތަ؟...'' ރޭގަނޑަށް ޓީވީން ދައްކާ ޑްރަމާތައް ބަލަން ބޮޑުކޮޓަރީގެ ސޯފާގައި އިން ސަކީނާއަށް ކޮޓަރިން ނިކުތް ރުހައިމް ފެނުމުން ސުވާލުކޮށްލިއެވެ. ''ނާލާ ކޮބާތަ؟...''

''ލައްބަ މަންމާ...... ނާލާ ތައްޔާރުވަނީ...'' ބޮޑުކޮޓަރި ހުރަސްކޮށްފައި ބަދިގެއަށް ވަންނަން ދަމުން މަންމަގެ ސުވާލުތަކަށް ރުހައިމް ޖަވާބު ދިނެވެ. އަދި މަންމައަށް ހިނިތުންވެލިއެވެ.

''ބައްޕަ ކޮބާތަ؟، މިހާރު ހުން ކިހިނެއްތަ؟...'' ބައްޕަގެ ހިލަމެއް ގޭތެރެއިން ނުވާތީ ރުހައިމް ސުވާލުކޮށްލިއެވެ. އޭރު އޭނަ ހުރީ ބަދިގޭގައެވެ. އައިސްއަލަމާރި ހުޅުވައިގެންނެވެ.

''ބޭސް ކައިގެން ދެންމެ ނިދަން ދިޔައީ، މާ ބޮޑަށް ވަރުބަލި ކުރުވާ ރެޔެކޯ... ދަރިފުޅު ކަންބޮޑު ނުވޭ، އެއީ ހަމަ އާދައިގެ ހުމެކޭ، ބައްޕަ ބުނި ކުރިއަށް ވުރެން މިހާރު ރަނގަޅޭވެސް...'' ޓީވީގެ ސްކްރީނާ ނަޒަރު ވަކިކުރުމެއް ނެތި ސަކީނާ ވާހަކަދެއްކިއެވެ. އޭނަ ބަލަމުންދާ ޑްރާމާގެ ފޯރިގަދަ ހިސާބަކަށް ގޮސްފައިވުމުން އޭނަގެ ސަމާލުކަން މުޅިހެން ދެވިފައި ވަނީ ޓީވީ އަށެވެ.

ފެންތަށްޓެއް ހިފައިގެން އައިސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީން ރުހައިމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ މަންމަގެ މޫނަށް އަރާފައިވި ޝައުޤުވެރިކަމުގެ ކުލަވަރުތަކުންނެވެ. ޑްރާމާތަކަށް މަންމަ ހުންނަ ފޯރިއަކީ އޭނައަށް މަޖާ ކަމެކެވެ. ގިނަ ރޭރޭ މަންމައާއި ބައްޕައާ ދެމެދު ޓީވީ ރިމޯޓު ހޯދަން އޮތްނަ ސިލްސިލާ ވާދަވެރިކަންވެސް އޭނައަށް ވަނީ މަޖާ ކަމަކަށެވެ. ބައްޕައަކީ ޑްރާމާތައް ދެކެ ނިކަން ފޫހިވާ މީހެކެވެ. ބައްޕަގެ ސަމާލުކަން އަބަދުމެ ހުއްޓިފައި ހުންނަނީ ސިޔާސީ ކަންކަމަށެވެ. އެދުވަސްވަރެއްގައި ސިޔާސީ ދުނިޔޭގައި ހިނގާ ކަންތައްތައް ފާޑުކިޔައި ހަދައެވެ. އެއީ މަންމަ އެންމެ ރުޅި އަންނަ ކަންތަކެވެ. އެކަމާ ގުޅިގެން އެދެމެދުގައި ޚިޔާލުތަފާތުންވުންތަކެއް އުފެދުނަސް އެދެމެދުގައި އޮތްނަ ލޯބި ކުދިކުދި ހަރަކާތްތަކުން ސާފުކޮށް ބަޔާންކޮށްދެއެވެ. މަންމައަށް ކުރިއެރުން ދެމުން ގިނަ ރޭރޭ ޓިވީ ރިމޯޓު މަންމައަށް ބައްޕަ ހަވާލުކުރާނެއެވެ. އަދި މަންމައާއެކު ޑްރާމާ ބަލަންވެސް އިންނާނެއެވެ. އެފަދަ ކަންތަކުން ވެސް އެދެމެދުގައި އޮތް ފުރިހަމަ ލޯބި ހާމަ ކޮށްދެއެވެ. މަންމައަށް ބައްޕަ ދޭ ސަމާލުކަމާއި ބަހައްޓާ ލޯބި ބަޔާންކޮށްދެއެވެ. ރުހައިމް ވެސް ބޭނުންވަނީ އެފަދަ ފުރިހަމަ ހަޔާތަކެވެ. ނާލާއާއެކު އެފަދަ ދިރިއުޅުމެއް ލިބޭނެކަމުގެ ޔަޤީންކަން އޭނަގެ ހިތުގައި އޮތެވެ. އޭނަގެ ތުންފަތަށް މާނަ ފުން ހިނިތުންވުމެއް ވެރިވިއެވެ.

''ދަރިފުޅުމެން އެއާޕޯޓަށް ގޮއްސަދޯ ކަނީ؟...'' އިސްތިހާރު ދައްކަން ފެށުމުން ސޯފާގައި އިން ރުހައިމްއަށް ސަކީނާ އަވަސް ނަޒަރެއް ދިނެވެ. ރޭގަނޑުގެ ކެއުމުގައި ރުހައިމްގެ ދެމަފިރިން ބައިވެރިނުވާތީ އޮޅުންފިލުވަން އޭނަ ބޭނުންވިއެވެ.

މަންމަގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ރުހައިމް ބޯ ޖަހާލިއެވެ.

''ތި ދަތުރަށް ފަހު ދަރިފުޅު ވާނެ އިނގޭ ނާލާއަށް ވަގުތު ދޭން، މިހާރު މާ ބުރަކޮށް ވަޒީފާގެ ކަންތަކުގަ ތިއުޅެނީ، ޖެހޭނެ ހުރިހާ ކަމަކަށް ވެސް އެކަށީގެންވަ ވަރަށް ވަގުތު ބަހަން، މިދުވަސްކޮޅު ނާލާ ހުންނަނީ ގޭގައި އެކަނިވެފަ، މަންމައަށް އެކަން ފާހަގަ ވެގެންނޭ ޗުއްޓީގެ ވާހަކަ ވެސް ދެއްކީ...'' ރުހައިމްއަށް ނަސޭހަތް ދެމުން ސަކީނާ ބުނެލިއެވެ. އަނބިމީހާއަށް ދޭންޖެހޭ ވަގުތާއި ސަމާލުކަމަށް ރުހައިމް އިހުމާލުވާން ސަކީނާ ބޭނުމެއް ނުވިއެވެ. އޭރުން ދެމެދުގައި ނުތަނަވަސްކަމުގެ ފާރެއް ލެވިގެން ހިނގައިދާނެނެތީއެވެ. އޭނަ އަބަދުމެ ދެކެން ބޭނުންވަނީ ރުހައިމްއާއި ނާލާ އުފަލުގައި އުޅޭ ތަނެވެ. މިހާރު އެންމެ އިންތިޒާރުކުރެވެނީ ދެމަފިރިންގެ ޢާއިލާ ފުރިހަމަވެގެންދާނެ ދުވަހަކަށެވެ.

''ލައްބަ މަންމާ، ނާލާއަށް ވަގުތު ދޭނަމޭ، ދެން އެހާ ބިޒީއެއް ނުވާނެ...'' މަންމައަށް ރުހައިމް ޔަޤީންކަން ދިނެވެ.

ރުހައިމްގެ ޖުމްލައިން ސަކީނާއަށް ހިނިތުންވެވުނެވެ. ދަރިފުޅަށް އިތުބާރުކުރެވޭތީއެވެ.

''އަންނާނަން ނާލާގެ ޚަބަރެއް ބަލާފަ، ތައްޔާރުވާން ވެސް ގަޑިއެއްހާ އިރުނަގާނެ...'' ސަމާސާ ރާގަކަށް ވާހަކަދައްކަމުން ރުހައިމް ސޯފާއިން ތެދުވުނެވެ. އަތުގައި އޮތް ތަށި ގެންގޮސް ބަދިގެއަށް ލުމަށްފަހު އޭނަ މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ.

*****

ޓެކްސީއެއްގައި އެއާޕޯޓަށް ދިއުމަށް ދަތުރުފެށި ޔަޝްފީ އޭނަގެ ފޯނުން އެކުވެރި އެސްޓާއަށް ގުޅައިލިއެވެ. އެވަގުތު ޔަޝްފީގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

''ކޮބާ އަހަރެން ބުނި ކަންތައް ވާނެދޯ؟...'' ޔަޝްފީގެ އަޑުގައި އުއްމީދެއް ވިއެވެ. ''އެސްޓާ ތިކޮޅުގަ އުޅޭތީ އަހަރެން އެހީއަކަށް މި އެދުނީވެސް، އަހަރެން އެކަނި އެކަމެއް ކުރަން އުޅެފިއްޔާ ލަނޑެއް ވެސް ލިބިދާނެ ވިއްޔާ...''

''އެކަން ވާނެ، އަހަރެން ހުއްޓާ ހާސްވާކަށް ނުޖެހޭނެއެއްނު، ޔަޝް ބަލާ އެއާޕޯޓަށް ދަންތަ؟...'' އެސްޓާ ބުންޏެވެ. އެސްޓާގެ ޖުމްލައިން ޔަޝްފީގެ ތުންފަތަށް ހިނިތުންވުމެއް ފުން ވިއެވެ.

''އުހޫނ... އެއާރޕޯޓަށް އަންނާނެ ކަމެއް ނެތް، އަހަރުމެން ބަލާ ދާނެ އެކޮޅުން ބައެއް... އަހަރެން ފްރީ ވީމަ ގުޅާނަން އިނގޭ...'' ޔަޝްފީ ބުނެލިއެވެ.

''އަދިވެސް އަހަންނަށް ހުރިހާ ވާހަކައެއް ކިޔައި ނުދެމެއްނު، ކުރަން ތިއުޅޭ ކަމެއްވެސް އެހާ ސާފެއް ނޫން...'' އެސްޓާ ބުނެލިއެވެ.

''ކިޔައިދޭނަމޭ، ހޭވް ޕޭޝަންސް މައި ޑިއާރ، މިކަން ކާމިޔާބު ވެއްޖެއްޔާ އެސްޓާ ބުނި އަގެއްވެސް ދޭނަން...'' ޔަޝްފީ ބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް އޭނަގެ ސިކުނޑީގައި އަތުރާލެވިފައިވި ރޭވުމަށް ހަޤީޤީ ކުލަ ގެންނާށެވެ. އޭރުން އޭނަގެ ނުބައި ރޭވުންތަކަށް ދިރުން ލިބިގެން ދާނެއެވެ. ފަޓާސްބަރިއެއް ގޮއްވާލާހާ ފަސޭހަކަމާއި ހަލުވިކަމާއެކު އަޑު ކިޔާފައި އޭނަގެ ރޭވުން ކާމިޔާބުކޮށްލެވޭނެއެވެ.

އިރުކޮޅެއް ވަންދެން އެސްޓާއާ ސައްލާކުރުމަށް ފަހު ޔަޝްފީ ފޯނު ބޭއްވިއެވެ. އެމޫނުން އުފާވެރިކަން ރަމްޒުކޮށްދެމުން ދިޔައެވެ.

''އައި ކާންޓް ވެއިޓް، އެންމެފަހުން ރުހައިމް އަހަރެންގެ މީހަކަށް ވާނެ ދުވަސް އައިސް ޖެހެނީ، ޕުއާރ ނާލާ، ޝީ ހޭވް ނޯ އައިޑިޔާރ ވަޓްސް ކަމިންގް، ހެހެހެ...'' ހިތާހިތުން ޔަޝްފީއަށް ބުނެލިއެވެ. އެތުންފަތަށް މަކަރުވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. މޫނަށް ފައިބާފައިވި އިސްތަށިކޮޅުތައް ކަންފަތުގައި އަޅުވާލަމުން، ކާރުގެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. އެތުންފަތާއި ކުޅެލަމުން ދިޔަ ހިނިތުންވުން ހިނދަށްހިނދަކަށް ފުންވަމުން ދިޔައެވެ.

*****

ނާލާއާއި ރުހައިމް ތިބީ އެއާޕޯޓްގެ ފުޑްކޯޓުގައި ހުރި ޕިއްޒާ ހަޓްގައެވެ. ޗެކިން ހުޅުވެން އިރުކޮޅެއް އޮތުމުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ދެމަފިރިން ވެސް ބޭނުން ވިއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތު ދެމަފިރިންގެ ދެމެދުގައި ވާހަކަތައް ބަދަލުކުރެވުނެވެ. ގިނައިން ދެކެވުނީ ޗުއްޓީ ލިބުމުން ދެމަފިރިން ތާވަލުކުރާނެ ކަންތަކާ ގުޅޭ ގޮތުންނެވެ. އެވާހަކަތައް ދެކެވުމުން ހިތަށް ލިބުނު އުއްމީދުތަކުން ރުހައިމްއާ ވަކިވާތީ ހިތަށް ލިބިފައިވި މޮޅިވެރިކަމާ ދުރުވެލަން ނާލާއަށް ފަސޭހަ ވިއެވެ.

''ފޯނު ރިންގްވަނީއެއްނު، ކާކުތަ ގުޅަނީ؟...'' މޭޒުމަތީ އޮތް ރުހައިމްގެ ފޯނު ވައިބްރޭޓްވާން ފެށުމުން ނާލާ އެހިއެވެ.

''ޔަޝްފީ...'' ރުހައިމް ފޯނަށް ނަޒަރެއް ދިނެވެ.

''ޔަޝްފީވެސް އައީދޯ... ބުނޭ މިތަނަށް އަންނާށޭ، އަހަރުމެންނަށް މި ޕިއްޒާ ހުހެއް ވެސް ނުކުރެވޭނެ...'' މޭޒުމަތީ އޮތް ޕިއްޒާއަށް އިޝާރާތްކުރަމުން ނާލާ ބުނެލިއެވެ.

''އެކަމަކު...'' ރުހައިމްއަށް ނާލާގެ ޚިޔާލު ކަމަކު ނުދިޔައެވެ. ދެމަފިރިން އެކުގައި ވަގުތު ހޭދަކުރަމުން ދަނިކޮށް އިތުރު މީހަކު ގެންނަން އޭނަ ބޭނުމެއް ނުވިއެވެ. ހަމައެއާއެކު އެކުގައި މަސައްކަތްކުރާ މީހަކަށް ޔަޝްފީ ވާތީ އަމުދުން ގެންނާކަށްވެސް ބޭނުމެއް ނުވިއެވެ. ''އަހަރުމެން ކައިގެން އެކޮޅަށް ދާނީ... އިންޓަނޭޝަނަލް ޓާރމިނަލް ކައިރިން ބައްދުލުކުރަން ބުނާނީ...''

''ނޫން، އޭރުން ކަމަކު ނުދާނެ، އެކަނި އައިސް ހުރިއްޔާ ކިހާ ފޫހިވާނެ... ބުނޭ އަންނާށޭ...'' ނާލާއަށް ކަމަކު ނުދިޔައެވެ. އޭނަ ބޭނުންވީ ޔަޝްފީއަށް ދައުވަތު ދޭށެވެ. ޔަޝްފީގެ ހުންނަ އެކުވެރި މިޒާޖުގެ ސަބަބުން ވާހަކަދައްކާލަން ބޭނުންވާތީއެވެ.

އިންކާރުކުރަން ބޭނުން ވިޔަސް ކުރުނުކޮށް ނާލާ ބުނަން ފެށުމުން އެންމެފަހުން ރުހައިމްއަށް މަޖުބޫރުވީ ޔަޝްފީ ގާތު އެމީހުން ތިބި ތަނަށް އަންނަން ދައުވަތުދޭށެވެ.

*****

ދުރުގައި ނާލާއާއި ރުހައިމްއަށް ބަލަން ހުރި ޔަޝްފީއަށް ދަތްކުނޑިވިކައިގަނެވުނެވެ. ފޮށީގެ އަތްގަނޑުގައި ހިފަހައްޓައިގެން ހުރި އަތަށް އޭނައަށް ބާރުކޮށްލެވުނެވެ. މޫނަށް އަރާފައިވި ނުރުހުންތެރިކަމުގެ އަސަރުތައް އަވަސްއަވަހަށް ސިއްރުކޮށްލީ ނާލާގެ ނަޒަރު އޭނައަށް ހުއްޓުމުންނެވެ. ފުޅާ ހިނިތުންވުމެއް ނާލާއާ ބައްދަލުކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. ނަފުރަތުގެ ދިލަ ހޫނުން އެތެރެހަށި ފިހެމުންދާ ހާލުގައެވެ.

(ނުނިމޭ)