އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު: 2007/4) އަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އޮޑިޓް ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ މި ބިލަކީ މިމަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިސްލާހުގައި އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިވަންކަމާއި އަދުލުވެރިކަމާއެކު، ތައައްސުބުން އެއްކިބާވެ، ވަކި ނުފޫޒަކަށް ލެނބުމެއްނެތި މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ.
ހަމައެއާއެކު މި ބިލުގައި އޮޑިޓާ ޖެނެރަލްގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކަށް އިސްލާހު ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އޮޑިޓާ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އޮޑިޓް ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު