ކުރިއަރަމުން އަންނަ ޒުވާން ބަތަލު ކާތިކް އާރްޔަން އެރޯސް އިންޓަނޭޝަނަލްގެ 3 ފިލްމެއް ކުޅުމަށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. އެ ތިން ފިލްމުން ކާތިކް އަށް 75 ކްރޯޑު ރުޕީސް ލިބޭނެެެވެ.

އެރޯސް އާއި އެކު 3 ފިލްމު ކުޅެން ކާތިކް އެއްބަސްވެފައިވާއިރު އެއިން ކޮންމެ ފިލްމެއްގެ އަގަކީ 25 ކްރޯޑު ރުޕޯސް އެވެ. ކުރީން ކާތިކް ފިލްމު ކުޅެނީ 6 ނުވަތަ 7 ކްރޯޑު ރުޕީސް އަށެވެ. އެހެންނަމަވެސް މިހާރު އާއްމުންގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް މަޝްހޫރު ވެފައިވުމުން އޭނާ ވަނީ ފިލްމު ކުޅެދޭ އަގު މަތިކޮށްފިއެވެ.

އެ ހަބަރު ކަށަވަރު ކުރުމަށް މީޑިއާއިން ވަނީ ކާތިކްގެ ޓީމުގެ ބަހެއް ލިބޭތޯ ބަލައިފައެވެ. އެހެންނަމަވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. ކާތިކް މިހާރު އަންނަނީ ދޯސްތާނާ 2 އަދި ބޫލް ބުލައްޔާ 2 ގެ މަސައްކަތްތައް ކުރަމުންނެވެ.

ކާތިކް އާރްޔަން އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ މަދު ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އެގޮތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ބޮޑު ސަޕޯޓެއް އޭނާ ވަނީ ހޯދައިފައެވެ.