މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސްގެ މައްޗަށް 3-1ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.
ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗަކީ ސިޓީން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ވުލްވްސް މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ހޯދި ތިން ޕޮއިންޓާ އެކުގައެވެ.
މެންޗެސްޓާ ސިޓީން މިދިޔަ ސީޒަން ދެވަނައިގައި ނިންމާލިއިރު، އެޓީމަކީ މި ސީޒަންގެ ލީގަށްވެސް އެންމެ ބޮޑަށް ވާދަކުރާނެ އެއް ޓީމެވެ. ހާއްސަކޮށް ޗެމްޕިއަން ލިވަޕޫލަށް ތަށި ދިފާއުކުރަން އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިވާނީ ސިޓީގެ ފަރާތުން ކަމަށްވެސް ވަރަށް ބޮޑަށް ބެލެވެއެވެ.
ސިޓީއަށް މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އަލަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ސްޕެއިން ގައުމީ ޓީމުގެ ފޯވަޑް ފެރާން ޓޮރޭސް އަދި ނޭތަން އަކޭވެސް ހިމެނެއެވެ. މެޗުގެ ފުރަތަމަ 11ގައި އަކޭ ފެނިފައިވާއިރު، ފެރަން ޓޮރެސް ވަނީ ފަހު 10 ވަރަކަށް މިނެޓަށް ކުޅެން ނުކުމެފައެވެ. ރިޕޯޓްތައް ބުނާގޮތުން، ސިޓީގެ ޓީމު އިތުރަށް ވަރުގަދަކޮށް، ޔޫރަޕްގެ ރަސްކަމަށް މިސްރާބު ޖެހުމަށް މިހާރު އަންނަނީ ނަޕޯލީގެ ޑިފެންޑަރު ކުލިބާލީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓްކޮށް، ސިޓީން ވަނީ އެޓީމުގެ ފެންވަރު ދައްކާލައިފައެވެ. ހާއްސަކޮށް މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ކެވިން ޑިބްރޭނާގެ ނުފޫޒު މެޗުގެ ފުރަތަމަ ހާފުގައި ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އެންމެފަހުން އިންގްލެންޑް ކުޅުނު މެޗަށް ތައްޔާރުވުމުގެ ތެރެއިން މައްސަލަގަނޑަކާ ކުރިމަތިލި ފޮޑެންއާއި ޑިބްރޭނާވެސް ފުރަތަމަ ހާފްގައި ގޯލް ޖެހިއިރު، ރަހީމް ސްޓާލިންވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ.
ދެވަނަ ހާފުގައި ވުލްވްސް ފެނުނީ ތަފާތު ކޮށެވެ. މި ސީޒަނަށްވެސް ރަނގަޅު ޓްރާންސްފާތަކެއް ކުރި ވުލްވްސްއިން މެޗު އަނބުރާލުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ގޯލްވެސް ޖެހިއެވެ. ޑެނިއަލް ޕޮޑެންސްއާއި ރޫބެން ނެވޭސްގެ ހަމަލާތައް ނާކާމިޔާބުވި ފަހުން، ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް ވުލްވްސްއަށް ގޯލް ޖަހައިދިނީ ރައުލް ހިމަނޭޒްއެވެ. މިދިޔަ ސީޒަންގައިވެސް ހިމަނޭޒް ވަނީ 27 ގޯލް ޖަހައިފައެވެ.
ވުލްވްސްއިން ފަހަތުން އެރުމަށް ކުރި މަސައްކަތަށް ހުރަސް އެޅުނީ މެޗު ނިމިނިމި އޮއްވައު ގެބްރިއަލް ޖެސޫސް ޖެހި ގޯލާއެކު ސިޓީން ތިން ޕޮއިންޓް ޔަގީން ކުރުމުންނެވެ.
ސިޓީން އަންނަ ހަފުތާގައި ލީގު ކަޕްގައި ބޯންމައުތާއި ދެކޮޅަށް ނުކުންނައިރު، ދެން އެންމެ އަވަހަށް ލީގުގައި ކުޅޭނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. ވުލްވްސްއިން ދެން ލީގުގައި ކުޅެން ޖެހޭނީ ވެސްޓް ހަމްއާ ދެކޮޅަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު