މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ މީހުން އައީ އިއްޔެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ މިއަދު ބުނީ ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ މީހުން ރާއްޖެ އައީ އިއްޔެ ކަމަށާއި އިއްޔެ ރާއްޖެ އައިސްފައިވަނީ 867 މީހުން ކަމަށެވެ.

އެމްއޭސީއެލުން އެންމެ ފަހުން އާންމު ކުރި މިދިޔަ ދެ މަހުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 7607 މީހުންނެވެ. އޮގަސްޓް 16 އިން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 12،883 މީހުންނެވެ.

އެގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އައި މީހުންގެ އަދަދު ވަނީ 69.36 ޕަސެންޓް މައްޗަށް ގޮސްފައެވެ.

އެމްއޭސީއެލުން ބުނީ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް ރާއްޖެއިން ފުރާފައިވަނީ 9241 މީހުންނެވެ. އޮގަސްޓް 16 އިން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 14،984 މީހުންނެވެ.

އެމްއޭސީއެލުން ބުނީ މިދިޔަ މަހެއްހާ ދުވަހު ވީއައިއޭގައި 441 އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް އަދި ޑޮމެސްޓިކް 310 ފްލައިޓް މޫވްމެންޓް ރެކޯޑު ކުރެވިފައިވާ ކަަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވައި، ފަތުރުވެރިން ގެންނަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު 32 ގައުމަކުން 100 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ބޯޑަރު އަލުން ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 13,516 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.