އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކޮށްފައި މިވަނީ ކާމިޔާބީން ފުރިފައިވާ، ފަހުރުވެރި އަހަރުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ،
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެއިން އދ. ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ.
އެ މެސެޖުގައި ރައީސް ވަނީ، އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ އިގުތިސޯދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ ސިނާއަތެއް ގާއިމުކޮށް ކުރިއަރުވާފައި ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ފައިތިލަ ސާބިތުކުރަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ކުދި އަދި ޖަޒީރާ ގައުމުތަކަށް ބަލާއިރު ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުން އަންނަ އެއް ގައުމު ކަމަށެވެ. އަދި ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކޮވިޑް 19ގެ ބަލިމަޑުކަން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ ގައުމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ، އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ހިފަމުންދާކަން ފާހަގަކުރައްވައިފައެވެ.
ރާއްޖެއިން އދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ މުނާސަބާ ފާހަގަކުރަމުން އަންނަނީ އެ ޖަމިއްޔާއަށް ވެސް 75 އަހަރު ފުރޭ މުނާސަބަތާއި އެކުއެކީގައިކަން ފާހަގަކުރައްވައި ރައީސް ވަނީ، އެ ޖަމިއްޔާގެ ޗާޓާއަށް ރާއްޖެއިން އިހުތިރާމުކޮށް، އެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމުގައި ރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތް ހައްލަކީ ބައިނަލްއަގުވާމީ މައިދާނުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ އދ. ގެ މެންބަރަކަށްވީ 1965 ވަނަ އަހަރު ސެޕްޓެމްބަރު 21 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު