ހިޔާ މަޝްރޫއުގެ 7000 ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމެނޭ މީހުންގެ ކެޓަގަރީ، (އެޗް9)ގެ ވަގުތީ ލިސްޓު އިއްގެ ހައުސިން މިނިސްޓްރީން ނެރުނުއިރު އެ ލިސްޓިގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މުއިއްޒަށް ރައްދު ދެއްވައިފިއެވެ.
އިއްޔެ ނެރުނު ފްލެޓް ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތާބެހޭގޮތުން މުއިއްޒު ވަނީ ސުވާލު އުފައްދަވައިފައެވެ.
އެކަމާގުޅިގެން މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކުގައި އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓް ދީފައިވާ ކަމަށެވެ.
އިއްޔެ ނެރުނު (އެޗް9) ލިސްޓުގައި އެކަން ވަރަށް ގިނަ ރައްޔިތުންނަށް ދިމާވެފައިވާ ކަމުގެ ކަންބޮޑުވުން ލިބިވަޑައިގަންނަވަމުންދާ ކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އެކުގައި އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓް މި ސަރުކާރުން މިދެނީ ކީއްވެތޯ އާއި، ކޮން ގޮތަކަށް ބައްލަވައިފައިތޯ، މުއިއްޒު ވަނީ ސުވާލު ކުރައްވައިފައެވެ.
މުއިއްޒުގެ އެ ވާހަކަތަކާ ގުޅިގެން ރައްދު ދެއްވައި މުއިއްޒު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ހުސް ނަންބަރުތަކެއް ޖަހައިގެން ނެރުނު ފުލެޓް ލިސްޓުގެ މަތިން ހަނދާން އެބަހުރިތޯ ރޮޒޭނާ ވަނީ ސުވާލު ކުރައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެދިގެންވެސް އޭގައި ތިބި މީހުންގެ މައުލޫމާތު ދީފައި ނުވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވާހީގައި ކުރިއަށް ގެންދާ 7000 ފުލެޓްގެ (ހިޔާ) މަޝްރޫއަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުން، ހައުންސިން މިނިސްޓަރު ކަމުގެ މަގާމުގައި މުއިއްޒު ހުންނަވައިގެން ފެއްޓެވި މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓެއް އެ ސަރުކާރުން ވެސް ނެރުނެވެ. ނޮވެމްބަރު ހަތަރެއް 2018 ގައި ނެރުނު އެ ލިސްޓުގައި މީހުންގެ ނަމުގެ ބަދަލުގައި އޮތީ، ކޮންމެ މީހެއްގެވެސް ފްލެޓަށް ފޯމުލި، ފޯމު ނަމްބަރު ހިމަނައިފައެވެ.
އެ މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭރުގެ މިނިސްޓަރު މުއިއްޒު ވިދާޅުވީ، ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި މީހުންގެ ނަން އާންމު ނުކުރެއްވީ ތަހުޒީބު ކަމަކަށް ނުވާތީ ކަމަށެވެ. އެ ލިސްޓްގައި ފޯމް ނަންބަރު އެކަނި ހިމެނީ ފްލެޓް ލިބޭ މީހުންނާއި، ނުލިބޭ މީހުންގެ ހައްގު ރައްކާތެރިކުރުމަށް ކަމަށާއި ފްލެޓްތައް ދޫކުރެވިފައި ވަނީ ގެދޮރުވެރިކަން އެންމެ ހައްގު ފަރާތްތަކަށް އިސްކަންދީގެން ކަމަށްވެސް ވިދާޅުވިއެވެ.
އެކަން ފާހަގަ ކުރައްވައި ރޮޒެއިނާ ވިދާޅުވީ، "މި ސަރުކާރުން ލިސްޓު ނެރެފައި ކަންބޮޑުވުން ފާޅު ކުރުމުގެ ފުރުސަތު އެބަދޭނު، މުއިއްޒުއަށް ތި ލިސްޓުން އެއްޗެއް އެބަ އޮޅުންފިލައި ނޫންތޯ، ހަނދާން އެބަހުރިތޯ، މުއިއްޒު ހުސް ނަމްބަރު ޖަހައިފަ ނެރުނު ލިސްޓު،" ރޮޒެއިނާ ވިދާޅުވިއެވެ.
މި ސަރުކާރުން ފްލެޓް ލިބޭ މީހުންގެ ލިސްޓުތައް އާއްމު ކުރަމުން ގެންދަނީ، އޭރުގެ ސަރުކާރުން ނެރުނު ލިސްޓުތައް އަލުން ބަލައި މުރާޖައާ ކުރުމަށްފަހު، ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުންގެ ނަމާއި ތަފްސީލު ހިމެނޭގޮތަށެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް