ހަތް އަހަރަށް ފަހު، މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

މިފްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މަސް ގަންނަމުން ދިޔަ ކޮންޓްރޯލް އަގު ދޫކޮށްލައި، ހަފުތާއަކު އެއް ފަހަރު މަސްވެރިންނަށް ފައިސާ ދެވޭނެ އުސޫލެއް މިހާރު ހަދާފައިވާ ކަމަށާއި އަދި އޮންލައިންކޮށް މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ނިންމި ނަމަވެސް މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. އަލަށް މި ގެންނަ ބަދަލާއެކު މިފްކޯގެ ކޭޝްފްލޯ މެނޭޖު ކުރަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ބަދަލުކުރަނީ ފްލޯޓިން ޕްރައިސިން މެކޭނިޒަމްއަކަށް ކަމަށް ފައުޒީ ވިދާޅުވިއެވެ.

"މިފްކޯ ފާއިތުވެދިޔަ ހަތް ވަރަކަށް އަހަރު މިދިޔައީ މަހުގެ އަގު ފިކްސް ކޮށްގެން. މާނައަކީ ބާޒާރުގައި މަހުގެ އަގާ އެއްކޮށެއް ނޫނޭ މި ދެވުނީ. މިފްކޯއަށް ވެސް ވަރަށް ދަތި. ބާޒާރުގައި އެ އިރެއްގައި މަހުގެ އަގު ހުންނަ ގޮތަށް ބަލާނަމަ މިފްކޯއަށް ކޭޝްފްލޯ ވެސް މެނޭޖު ކުރެވޭނެ. ފައިސާ ނުދެވި ދަތިތަކެއް ދިމާވީ ވެސް އެމަގުން އަޅުގަނޑުމެންނަށް ދެވުނީމަ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ބަދަލުކުރަނީ ފްލޯޓިން ޕްރައިސިން މެކޭނިޒަމްއަކަށް. އެހެންވީމަ އޭރުގައި ބާޒާރުގައި އޮންނަ އަގަކަށް ކުރިއަށް ދާނީ،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ އެ ކުންފުނީގެ ތާރީހުގައި މިހާތަނަށް ފައިސާ ދެމުން ގެންދިޔައީ ނަގުދު ފައިސާ ބޯޓުގައި ގެންގޮސް މަސްވެރިންގެ އަތަށް ދޭ އުސޫލުން ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ މަސްވެރިޔާ ކާޑާއި އެކައުންޓް މެދުވެރިކޮށް މަސްވެރިންގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އުސޫލެއް ގާއިމުކޮށް އެގޮތަށް ފައިސާ ދޭން ފަށާފައިވާ ކަމަށެވެ.

ފައުޒީ ވިދާޅުވީ މަސްވެރިންނަށް މިހާރުވެސް ތެލުގެ އިނާޔަތް ދޭ ކަމަށާއި މިހާރަށްވުރެ ވެސް އިތުރަށް ތެލުގެ އަގު ހެޔޮ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އައިސް ލިބުމުގެ މައްސަލައަށް ހައްލު ހޯދަން ފެލިވަރަށްވެސް އެއް މެގަވޯޓުގެ ޖަނަރޭޓަރެއް ގެނެވި ވަނީ އިންސްޓޯލްކޮށްފައި. ކޮމިޝަން ކުރީމަ އައިސް ލިބުމުގެ ދަތިވެސް ހައްލުވާނެ،" އިސްމާއިލް ވިދާޅުވިއެވެ.

މަސް ގަންނަ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށް ކަނޑައަޅަން މިހާރު ވަނީ ނިންމައިފައެވެ. މިގޮތަށް ހަދައިފިނަމަ މަސްވެރިންނާއި މިފްކޯއަށް ވެސް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިދާތަކެއް ކުރާނެ ކަމަށާއި މަސްވެރިން ބާނާ މަހަށް އަގުނުވެއްޓި މަސްކިރޭނެކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ވާދަވެރި މާހައުލެއްގައި މަސްގަނެ ބޭރުކުރުމުގެ ފުރުސަތު ކުންފުނިތަކަށް ހުޅުވާލާފައިވާ އިރު، 13 ރުފިޔާއަށްވުރެ ދަށް އަގެއްގައި ޕްރައިވެޓް ސެކްޓަރުން މަސްގަތުމަށް ކުރާ މަސައްކަތަށް ވެސް ނިމުން ގެނުވޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.

ރާއްޖެއަށް ބާނާ މަހުގެ ޖުމްލައަކީ 150،000 ޓަނެވެ. ނަމަވެސް މިފްކޯއަށް ގަނެވެނީ 42،000 ޓަނުގެ މަހެވެ. މިފްކޯއަށް މިދިޔަ އަހަރު 48،000 ޓަނުގެ މަސް ކިރުވިއެވެ. އަދި މަސްވެރިންނަށް 908 މިލިއަން ރުފިޔާ ދޫކުރިއެވެ.