ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ޖުލައި މަހު ބޯޑަރުތައް އަލުން ހުޅުވިފަހުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު %61 އިތުރު ވެއްޖެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން ދެމަސް ވެފައިވާއިރު، ފުރަތަމަ މަހަށް ވުރެ ދެވަނަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 61 އިންސައްތަ އިތުރު ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ބޯޑަރު އަލުން ހުޅުވިފަހުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޖުމުލަ 13,516 ފަތުރުވެރިން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެގޮތުން މިމަހު އެކަކުން 15ގެ ނިޔަލަށް މިހާތަނަށް ރާއްޖެއަށް ޖުމުލަ 4458 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން އާންމު ކޮށްފައިވާ ތަފާސް ހިސާބުން ދައްކައެވެ. އެގޮތުން މި މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޔޫއޭއީ އިން ކަމަށް އިމިގްރޭޝަނުގެ ތަފާސް ހިސާބުން ދައްކައެވެ.

ކޮވިޑް 19އާ ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް އެއާލައިންތަކުގެ ދަތުރުތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލި ނަމަވެސް ބައެއް ގައުމުތަކުގެ ބޯޑަރުތައް މިހާރު އަންނަނީ ހުޅުވަމުންނެވެ.