ޚަބަރު

ސްވިޒަލޭންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ސްވިޒަލެންޑުގެ އެޑެލްވައިސް އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

ސްވިޒަލެންޑުގެ އެންމެ ބޮޑު ސިޓީ، ޒިއުރިކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު އެޑެލްވައިސް އެއާލައިނުން ދަތުރުތައް ފަށަން ނިންމާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެ އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ދެ ފްލައިޓު ބާއްވާނެ އެވެ.

ސްވިޒަލޭންޑަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެގައުމުން 9291 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލި ފަހުން ކުރިން ދަތުރުކުރަމުންދިޔަ ގިނަ އެއާލައިންތަކަކުން އަންނަނީ އަލުން ދަތުރުތައް ފަށަމުންނެވެ. އެގޮތުން ރަޝިއާގެ އޭރޯފްލޯޓުން މިދިޔަ ހަފުތާގެ ތެރޭ ރާއްޖެއަށް ވަނީ ދަތުރުތައް ފަށައިފައެވެ.