ޓެކްނޮލޮޖީ

މައިކްރޯސޮފްޓް އިން ކަނޑު އަޑީގައި ގާއިމްކުރި ޑާޓާ ސެންޓަރު ދެއަހަރު ފަހުން ނަގައިފި

މުހައްމަދު އައުޒަމް

މައިކްރޯސޮފްޓް އިން ކަނޑު އަޑީގައި ގާއިމްކުރި ޑާޓާ ސެންޓަރު ދެއަހަރު ފަހުން ނަގައިފިއެވެ.

ދަގަނޑު ސިލިންޑަރެއްގައި ހަދާފައިވާ އެ ޑާޓާ ސެންޓަރު ނެގުމަށް ފަހު މައިކްރޯސޮފްޓްގެ ޓެކްނިކަލް ޓީމުން ވަނީ ނަތީޖާ ރަނގަޅުކަަމަށް ބުނެފައެވެ.

މައިކްރޯސޮފްޓުން ކަނޑުއަޑީގައި ގާއިމްކުރި މި ޑާޓާ ސެންޓަރުގައި 855 ސާވަރު ހުރިކަމަށާއި ފެއިލް ވެފައިވަނީ އެންމެ އަށް ސާވަރުކަމަށް އެކުންފުނިން ބުނެފައި ވެއެވެ. މައިކްރޯސޮފްޓުން ބުނީ މިއީ އެންމެ އެނާޖީ އެފިޝެންޓު ގޮތްކަމަށް ފާހަގަވެފައިވާ ކަމަށެވެ.

"ޕްރޮޖެކްޓް ނަޓިކް" ގެ ނަމުން ނަން ދީފައިވާ މިޕްރޮޖެކްޓްގައި ބޭނުންކޮށްފައިވާ ސިލިންޑަރަށް ވަނީ ނައިޓްރޮޖަން ގޭސް އަޅައިފައެވެ. މައިކްރޯސޮފްޓުން ވަނީ އިންސާނުން އެސިލިންޑަރުގައި މަސައްކަތް ކުރިނަމަ އޮކްސިޖަން ބޭނުން ކުރަން ޖެހޭނެކަމަށް ބުނެފައެވެ. ނަމަވެސް އިންސާނުން ބޭނުން ނުކޮށް ޑާޓާ ސާވާއެއް ކަނޑުގެ އަޑީގައި ގާއިމްކުރުމުން ފެއިލްވާ ނިސްބަތް ވެސް މަދުކަން ފާހަގަ ކޮށްފައި ވެއެވެ.

ކަނޑުގެ އަޑިން ސިލިންޑަރު ނެގިއިރު ބޭރުގައި ފެހިޖަހައި ކުލަވެސް ވަނީ ގެއްލިފައެވެ. މައިކްރޯސޮފްޓްގެ ދިރާސާ ކުރާ ޓީމުން އަންނަނީ ސިލިންޑަރުން އެއްކުރެވޭ މައުލޫމާތުތައް ނަގައި ތަހުލީލު ކުރަމުންނެވެ.