(14 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
ޒަރުބަޚުތު ކުޑަކޮށް ވިސްނައިވަޑައިގެންފައި ވިދާޅުވިއެވެ. "ކޮއްކޮ يـاسمـين އާ ވާހަކަފުޅު ދައްކައިލެއްވުން ރަނގަޅެއް ނުވާނެތޯއެވެ؟"
ماه بانو ހިނިފުޅު ވަޑުވައިލެއްވިއެވެ. "އަޅުގަނޑު يـاسمـين އާ ވާހަކަ ދައްކައިފީމެވެ. ކާވެނީގެ ދުވަހު މުސްލިމުންގެ މުޅި ލަޝްކަރު އަޅުގަނޑުމެންގެ ގެޔަށް ގެނެސްދެއްވާށެކޭ އޭނާ ވިދާޅެއް ނުވާނެއެވެ."
އެއްދުވަހެއްގެ ހެނދުނުކޮޅެވެ. އަވަށުގެ އެންމެން އުފަލުންތިބެ އެކަކު އަނެކަކަށް ދެމުންގެންދިޔައީ ޒަރުބަޚުތު ވަޑައިގެންނެވި ޚަބަރެވެ.
"ޒަރުބަޚުތު ވަޑައިގެންފިއެވެ. އޭނާ އިސްލާމްވެވަޑައިގެންފިއެވެ. އޭނާގެ އަރިހުގައި އޭނާގެ ކޮއްކޮއާއި އޭނާގެ އަރޫސާވެސް ވަޑައިގެންނެވިއެވެ."
ގަޑިއެއްހައި އިރުގެ ތެރޭގައި އެއަވަށުގެ މުޅި އާބާދީ ޒަރުބަޚުތުގެ ހަވޭއްޔަށް ޖަމާވެއްޖެއެވެ. މުސްކުޅީންނާއި ޒުވާނުން ބޭރުގެ ތަނަވަސް ގޯތިތެރޭގައި ޒަރުބަޚުތާ ބަޣަލްޤީރު ކުރަމުން ގެންދިޔައިރު ماه بانو އާއި يـاسمـين ވަށައިލައިގެން އަންހެނުންތައް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ.
قبــاد ގެ ދަރިކަލުން ވަޑައިގެންނެވި ޚަބަރު ކައިރި އަވަށް އަވަށަށްވެސް ހިނގައްޖެއެވެ. އެއަވަށް އަވަށުންވެސް އަންހެނުންނާއި ފިރިހެނުންގެ ޤާފިލާތައް އޭނާގެ ހަވޭއްޔަށް މިސުރާބުޖަހާން ފަށައިފިއެވެ. މީގެ އަހަރުތަކެއްގެ ކުރީން ތިމާމެންގެ އީރާނީ ސާހިބުންނާ ދުރުގައިތިބެ އިޝާރަތުން ސަލާންކޮށްލެވުމަކީވެސް ޝަރަފެއްކަމުގައި ދެކެމުންއައި ދަނޑުވެރީންނާއި ގޮވީންވެސް މިހާރުވަނީ މުޅީން ތަފާތު ތައްގަނޑަކަށް ފެތިފައެވެ. ޒަރުބަޚުތަށް އެބައިމީހުންގެ މޫނުމަތީން ފެނިވަޑައިގެންނެވި ހިތްހަމަޖެހުމާއި ފުދުންތެރިކަމުގެ އަސަރުން އޭނާ ހައިރާންފުޅުވިއެވެ. އޭނާއަށް ޔަގީންވެވަޑައިގެންނެވީ މިހާރު ޔަޒުދުގިރުދު އެއަވަށަށް ވަޑައިގެންނެވި ކަމުގައިވިޔަސް އެމީހުން އޭނާއާ އެއްހަމައިގައި އިށީނދެތިބެ ވާހަކަ ދައްކައި އުޅޭން ކުޑަކޮށްވެސް ފަސްނުޖެހޭނެކަމެވެ. ޚުދު އޭނާއަށްވެސް އެމީހުނާއެކު އެއްހަމައެއްގައި އިށީނދެވަޑައިގެންނެވުމާއި ވާހަކަފުޅު ދެއްކެވުމުން އުފާވެރިކަމެއް އިޙުސާސް ކުރެއްވުނެވެ. އޭނާގެ ވިސްނުންފުޅަށް އައިބަދަލާމެދު އޭނާ އަމިއްލަފުޅަށްވެސް ހައިރާންފުޅުވިއެވެ.
އެދުވަހުގެ މެންދުރުން ފިލިފަހުން މުސްކުޅިފުޅު ބޭކަލެއް އެ ހަވޭއްޔަށް ވަޑައިގެންފިއެވެ. އަވަށުގެ މީހުން ޒަރުބަޚުތަށް ދެންނެވިއެވެ. މިއީ ބަހުރައިނުގެ ބޭކަލެކެވެ. އަޅުގަނޑުމެންނަށް ދީން ދަސްކޮށްދެއްވަން މަސައްކަތް ކުރައްވާތާ އަށެއްކަމަސް ވެއްޖެއެވެ. ޒަރުބަޚުތު އޭނާއަށް އިޙުތިރާމް ކުރެއްވުމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެންނެވިއެވެ. އެ މުސްކުޅިފުޅު ޢާލިމު ޖެހިލުންވެވަޑައިގެންނެވުމެއްނެތި ޒަރުބަޚުތާ ސަލާންކުރެއްވުމަށްފަހު އޭނާގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަޅުގަނޑުގެ ނަމަކީ عـدى އެވެ. މިއަވަށުގެ މީހުން ފަދައިން އަޅުގަނޑުވެސް މިހުންނަނީ ކަލާ ވަޑައިގެންނެވުމުގެ އިންތިޒާރުގައެވެ. މާތް اللّـه އަށް ޝުކުރު ހުއްޓެވެ. ކަލާ ސަލާމަތުގެ މަގު ހޯއްދަވައިފީމުއެވެ. ކަލާއާމެދު حسّان ގެ އުންމީދުތައް ފުރިހަމަވެއްޖެއެވެ. حسّان އަބަދުވެސް ވިދާޅުވެއެވެ. قبــاد ގެ ދަރިކަލުންނަކަށް އިސްލާމްދީނާ ދުރަކު ނުހުންނެވޭނެއެވެ. ކަލާގެ ސަރަޙައްދުގެ އެންމެންވެސް ބުނެއުޅެނީ ކަލާ ކޮންމެވެސް ދުވަހަކުން އެނބުރި ވަޑައިގަންނަވާނެކަމީ ޝައްކެއްހުރިކަމެއް ނޫންކަމުގައެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑަށް އެނބުރި މިއާދެވުނީ އެތައް ދުވަހެއް ވަންދެން އަނދިރި މަގުތަކުގައި ގަނަތެޅުމަށްފަހުގައެވެ. ކަލޭގެފާނު އަޅުގަނޑަށް ހެޔޮދުޢާ ކޮށްދެއްވުން އެދެމެވެ."
عـدى ދެއަތްޕުޅު މައްޗަށް ނަންގަވައިގެން ދުޢާކުރައްވާން ފައްޓަވައިފިއެވެ. ހާޒިރުވެތިބި އެންމެން عـدى ގެ އަރިހުގައި އޭނާގެ ދުޢާފުޅުގައި ބައިވެރިވިއެވެ. عـدى ދުޢާ ނިންމެވުމަށްފަހު ޒަރުބަޚުތުގެ އަރިހުގައި ވާހަކަފުޅު ދައްކަވާން އިންނަވަނިކޮށް މާގިނައިރެއް ނުވަނީސް ޢަޞުރު ނަމާދަށް ގޮވައިފިއެވެ. ޒަރުބަޚުތުވެސް އަވަށުމީހުނާއެކު ޢަޞުރު ނަމާދަށް ނުކުމެވަޑައިގެންނެވިއެވެ. އަވަށުމީހުން ނަމާދުކުރާ ހަރުގެ ހުރީ ޒަރުބަޚުތުގެ ހަވޭއްޔާ ދުއިސައްތަ ވަރަކަށް ފިޔަވަޅު ދުރުގައެވެ. އެ ހަރުގޭގެ ވަށައިފާރު ރާނައިފައިހުރީ މަށީންނެވެ. އެއީ އެއަވަށުގެ އެންމެފުރަތަމަ މިސްކިތެވެ. އެވަގުތު އެތާނގައި ތިބި މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރަށްވުރެވެސް އެ މިސްކިތް މާކުޑައެވެ. އެހެންކަމުން މިސްކިތުގެ ބޭރުގައިވެސް އެތައް ސަފުސަފަކަށް މީހުން ތިއްބެވެ. ނަމާދުން ނިމިވަޑައިގެންނެވުމާއެކު ޒަރުބަޚުތު އިޢުލާނު ކުރެއްވިއެވެ. "އަހަރެމެންނަށް ނަމާދުކުރާނެ ތަނަވަސް އިމާރަތެއް ބޭނުމެވެ." އެއާވިދިގެން އައިދުވަހު ޒަރުބަޚުތު އަވަށުމީހުން ނަމާދުކުރާނެ ތަނަވަސް އިމާރާތެއް ބިނާކުރުއްވަން މަސައްކަތް ފައްޓަވައިފިއެވެ.
ماه بانو އޭނާގެ އަވަށަށް ވަޑައިގެންނެވިތާ ފަސްވަނައަށްވީ ދުވަހެވެ. އިރުއޮއްސޭން ކައިރިވީއިރު އޭނާ ހުންނެވީ އޭނާގެ ހަވޭލީގެ ހާމަ ފުރާޅުމަތީގައެވެ. އަލަށް ފެށޭ މަހުގެ ހިނިތުންވެފައިވާ ހުޅެވި ހަނދު މޫނު ދައްކައިލައިފިއެވެ. އުދަރެހުގެ ފުސްކަމުގެ ތެރެއިން ތުނިތުނި ދެވިލާކޮޅެއްގެ ދެމެދުންނެވެ. ހަނދު ފެނިވަޑައިގަތުމުން އޭނާ ދުޢާކުރައްވާން އަތްޕުޅު އުފުލައިލެއްވިތަނާ يـاسمـين ވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "ماه بانو އެވެ. ހަނދު ވަރަށް ބޮޑެވެ. ވިލާ ނެތްނަމަ އިހަށްރޭ ހަނދު ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހުރިހައި ދިމަދިމާއެއްގައި ވިލާ ހުރުމަކީ ލާޒިމުކަމެއް ނޫނެވެ. އެހެންކަމުން މީގެ އެއްދުވަސްކުރީން حسّان ހަނދު ދެކެވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. އޭރުން ކަލާގެ އިންތިޒާރުގެ މުއްދަތު އެއްދުވަސް ކުރުވާނެއެވެ. އެހެންނޫނަސް އޭނާ ވިސްނުންފުޅުގެ ބޭނުންކުރައްވާނަމަ ދެދުވަހެއްގެ ކުރީން ވަޑައިގަންނަވާން ޖެހޭނެއެވެ."
މިއަދު ހެނދުނު ކަލާގެ ބޭބޭފުޅުގެ އަރިހުގައި ކާއޫސު ދެންނެވި އަޑުއެހީމެވެ. "އަވަށްޓެރި އަވަށެއްގެ މީހެއް އޭނާގެ ތިމާގެ މީހުނާ ބައްދަލުވާން އަތުވެއްޖެއެވެ. އޭނާ އައީ ހީރަތުންނެވެ. އޭނާ ބުނާގޮތުގައި މުސްލިމުންގެ ލަޝްކަރު މަދާއިނު ފަސްދީ ކުރިޔަށްދާން އެބަތައްޔާރުވެއެވެ. މުސްލިމުންގެ މުބައްލިޣުން އައު މުސްލިމު ޤަބީލާތަކަށް ޖިހާދަށް ތައްޔާރުވާން ބާރުއަޅުއްވައި އެބަ ވަޢުޡު ވިދާޅުވެއެވެ. ކާއޫސު ބުނާގޮތުގައި އިސްލާމީ ލަޝްކަރު ދަތުރުފަށާނަމަ حسّان ގެ އަރިހުގައި ޢިރާޤުގައި ބުރުޖައްސަވާ ބޭކަލުންކުރެ އެއްވެސް ބޭކަލެއް ހަނގުރާމައިގެ މައިދާނާ ދުރުގައި ފަސްވެ ހުންނަވާކަށެއް ގަބޫލުފުޅެއް ނުވާނެއެވެ. حسّان ގިނިކަންޏާ ވަޑައިގަންނަވާން ޖެހިވަޑައިގެންނެވުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ. އެކަމަކު އެކަމުން އަންނާނެ ފަރަގެއް ނެތެވެ. ކަލާގެ ބޭބޭފުޅު ވިދާޅުވާގޮތުގައި އޭނާ حسّان ގެ އަވަށުގެ އެންމެން އެދުވަހަކަށް މިގެޔަށް އެއްކުރައްވާނެއެވެ."
ماه بانو ވިދާޅުވިއެވެ. "ހަނގުރާމައެއް ފެށިއްޖެނަމަ حسّان އޭނާގެ އެކުވެރީންނާ ވަކިވެވަޑައިގެން މިގެއަށް ވަޑައިގެންފާނެކަމަށް ހީފުޅުކުރެއްވުނީ ކިހިނަކުންތޯއެވެ؟"
يـاسمـين ލޯބިފުޅުން ماه بانو ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ އުޚުތާއެވެ. ފިކުރުފުޅު ބޮޑުނުކުރައްވާށެވެ. އޭނާ ވަޑައިގަންނަވާނެކަން ކަށަވަރެވެ."
ماه بانو ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. "އޭނާ ހަނގުރާމަޔަށް ވަޑައިގަންނަވާނަމަ އޭނާއަށްޓަކައި އިންތިޒާރު ކުރުމަކީ އަޅުގަނޑަށް އުނދަގޫ ކަމަކަށެއް ނުވާނެއެވެ. އޭނާގެ ސަލާމަތަށާއި ފަތަޙަ ލިބިވަޑައިގެންނެވުމަށްއެދި އަޅުގަނޑަށް ދުޢާ ކުރެވިދާނެއެވެ. އެކަމަކު އަޅުގަނޑަށްޓަކައި ޖިހާދުގެ މަގު ދޫކޮށްލައްވާކަށެއް އަޅުގަނޑަކަށް ނޭދެވޭނެއެވެ."
يـاسمـين ވާހަކައިގެ މައުޟޫޢު ބަދަލުކޮށްލެއްވުމަށްޓަކައި ވިދާޅުވިއެވެ. "ماه بانو އެވެ! ކަލާގެ ކާވެނިފުޅުގެ މުނާސަބާގައި އަޅުގަނޑު އަރުވާނީ ކޮން ހަދިޔާއެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟"
"ކަލާގެ ދުޢާފުޅު ފިޔަވައި އެހެން އެއްޗެއް އަޅުގަނޑު ބޭނުމެއް ނޫނެވެ."
"ދުޢާގެ އިތުރަށް އެހެން އެއްޗެއްވެސް ކަލާއަށް އަރުވާން އަޅުގަނޑު ބޭނުންވެއްޖެނަމަ އިންކާރު ކުރައްވައިގެން ނުވާނެއެވެ."
"އެކަމަކު އެއީ ކޮންއެއްޗެއްކަން ވިދާޅުވިއްޔާ ރަނގަޅެވެ."
"އަޅުގަނޑުގެ ހަދިޔާއަށް އިންކާރު ނުކުރައްވާނެކަމަށް އެންމެފުރަތަމަ ވަޢުދުވެވަޑައިގަންނަވާށެވެ."
"އެންމެ ރަނގަޅެވެ. އަޅުގަނޑު ވަޢުދުވަމެވެ." ماه بانو ހިނިފުޅުވަޑުވަނީއެވެ.
"އަޅުގަނޑު އެދެނީ މަދާއިނުގައިހުރި އަޅުގަނޑުގެ ގެ ކަލާއަށް އަރުވާށެވެ."
ماه بانو އިރުކޮޅެއްވަންދެން يـاسمـين އާ ދިމާޔަށް ބައްލަވަން އިންނެވިއެވެ. އިރުކޮޅަކުން ވިދާޅުވިއެވެ. "އެކަމަކު އެގެޔަކީ އަޅުގަނޑު ބޭނުންވާ ވަރަށްވުރެ މާބޮޑު ގެއެކެވެ. حسّان ގެ ތިޔަފަދަ އަގުބޮޑު ހަދިޔާއެއް ގަބޫލުކުރައްވަން ރުހިވަޑައިގަންނަވާނެހެނެއްވެސް އަޅުގަނޑަކަށެއް ހީއެއްނުވެއެވެ."
"އޭނާ ގަބޫލުކުރުވުމަކީ އަޅުގަނޑުމެންގެ ކަމެކެވެ. އެކަމަކު އަޅުގަނޑުގެ ހަދިޔާ ގަބޫލުކުރެއްވުމަށްފަހު ކަލާ ބެހެރާޝޭރުގައި އިންނެވުމަކީވެސް ލާޒިމު ކަމެއްނޫނެވެ. އެގެ ކަލާއަށެވެ. އެގެ ކަލާގެ ނަންފުޅުގައި ބެހެއްޓެވިޔަސް ނުވަތަ ވިއްކައިލެއްވިޔަސް އަޅުގަނޑުގެ މައްސަލައެއް ނެތެވެ. އަނެއްކާ އެކަމާ ވިދިގެން ކަލާގެ ބޭބެގެ ގެވެސް ކަލާއަށް ދަތިފުޅެއް ނުވާނެއެވެ. މިގޭގެ އެއްބައި އަބަދުވެސް ކަލާއަށްޓަކައި ހުހަށް ހުންނާނެއެވެ. އަސްފަހާނުގެ ކައިރީގައި ހުންނަ އަޅުގަނޑުގެ ގެދެކެ އަޅުގަނޑު ވަރަށް ލޯބިވެއެވެ. އެހިސާބުގަނޑުގެ ފަރުބަދަތަކުގެ މައްޗަށް ގަނޑުފެން ފައިބައެވެ. ސާފު ފިނިފެނުގެ ކޯރުތައް ހިނގައެވެ. ބަހާރުމޫސުން އައުމުން އެހިސާބުގެ ވާދީތައް އޮންނަނީ މާމެލާމެލީގެ މީރުވަހުން އެއްވަސްވެފައެވެ. އަޅުގަނޑުމެންގެ ބަގީޗާތަކުގެ އާފަލާއި މޭބިސްކަދުރު ވަރަށް މީރެވެ. ماه بانو އެވެ. އަސްފަހާން ފަތަޙަވާނެކަން އަޅުގަނޑަށް ޔަގީނެވެ. އޭރުން އަޅުގަނޑުމެން އަސްފަހާނަށް ދާނީއެވެ. ކަލާވެސް އަޅުގަނޑުމެންނާއެކު ހުންނަވާނޫއެވެ. ހޫނު މޫސުމުގައި އަޅުގަނޑުމެން އެތާނގައި އާފަލުގަސްތަކުގެ ހިޔަލުގައި ތިބެގެން ވޭތުވެދިޔަ ދުވަސްތަކުގެ ވާހަކަ ދައްކާނީއެވެ. ހޫނުމޫސުމުގައި އަޅުގަނޑުމެންނާއެކު އަސްފަހާނުގައި ހުންނަވަން حسّان ބޭބެލައްވައި އަޅުގަނޑު ވަޢުދު ކުރުވާނަމެވެ."
"ކޮންމެވެސް ދުވަހަކުން ކަލާގެ ތިޔަ އުންމީދު ހާސިލުވާނެކަން އަޅުގަނޑަށް ޔަގީނެވެ. އެކަމަކު އަސްފަހާން އަދި ވަރަށް ދުރެވެ."
"ނޫނެކެވެ." يـاسمـين ވިދާޅުވިއެވެ. "ހުޅެވިހަނދު ފުރިހަމަ ހަނދަކަށް ވާކަށެއް ލަހެއްނުވާނެއެވެ. ކަލާ ތިޔަ ހީފުޅުކުރައްވަނީ ރަނގަޅަށެވެ. މިވަގުތު އަޅުގަނޑުމެން އިންތިޒާރު ކުރާންވީ ހުޅެވިހަނދު ފުރިހަމަ ހަނދަކަށްވާނެ ދުވަހަކަށެވެ." يـاسمـين ހިނިފުޅުވަޑުވަނީއެވެ.
ماه بانو އުޑުމަތި ބައްލަވައިލެއްވިއިރު ހަނދު ވިލާތަކުގެ ބިއްދޮށަށްވަދެ ނިވާވެއްޖެއެވެ.
ދެން ހިންގަވާށެވެ. يـاسمـين ماه بانو ގެ އަތްޕުޅުގައި ހިއްޕަވައިފައި ވިދާޅުވިއެވެ.
+ + + + +
ހަނދުމަހުގެ ދިހަވަނަދުވަހު އިރުއެރުމާއެކު ޒަރުބަޚުތުގެ ހަވޭއްޔަށް މެހުމާނުން އަންނާން ފަށައިފިއެވެ. އެކަމަކު މެންދުރުވިއިރުވެސް حسّان ގެ ޚަބަރެއް ނުވެއެވެ. އިރުކޮޅަކަށްވުރެ އިރުކޮޅެއް ޒަރުބަޚުތުގެ ކަންބޮޑުވެވަޑައިގަތުން އައީ އިތުރުވަމުންނެވެ. އަވަށުގެ އަންހެންކުދީންތައް ހަވޭލީގެ ހާމަ ފުރާޅުމަތީގައި ތިބެ حسّان ވަޑައިގަންނަވާތޯ މަގު ބަލަނީއެވެ. އުމުރުން ދުވަސްވީ އަންހެނުންތައް ތިބީ ހަވޭލީގެ ތަނަވަސް ކޮޓަރިޔެއްގައި ماه بانو ވަށައިލައިގެންނެވެ. އެބައިމީހުން އަރޫސުގެ ސަލާމަތަށްއެދި ދުޢާކުރަނީއެވެ. يـاسمـين އިރުއިރުކޮޅާ މަޑުމަޑުން ماه بانو އަށް ތަސައްލީ ދެއްވަން މަސައްކަތް ކުރައްވައެވެ. އޭނާ ބައެއްފަހަރު ތެދުވެވަޑައިގެން އަންހެނުންތަކުގެ ތެރެއިން ނުކުމެވަޑައިގެން ހަވޭލީގެ ހާމަ ފުރާޅުމައްޗަށް ވަޑައިގަންނަވައެވެ. يـاسمـين އަށް ހީފުޅުވަނީ އެދުވަހުގެ އިރު ހިނގަނީވެސް މާބާރަށް ހެންނެވެ. އޭނާ ހަތަރުވަނަ ފަހަރަށް ތެދުވެވަޑައިގެން މައްޗަށް ވަޑައިގަންނަވާން ފެއްޓެވުމުން ماه بانو އޭނާގެ ހެދުންކޮޅުގައި ހިފަހައްޓަވައިފިއެވެ. ماه بانو ވިދާޅުވިއެވެ. "يـاسمـين އެވެ. ކަލާކޮށްޓަކައި އިށީނދެވަޑައިގަންނަވާށެވެ."
"އެކަމަކު އަޅުގަނޑު ހާދަ ކަންބޮޑެއް އެބަވެއެވެ! ماه بانو އެވެ!"
"ކަލާ ފިކުރުފުޅު ބޮޑުވެގެން އުޅުއްވާކަން އަޅުގަނޑަށް އެނގެއެވެ."
يـاسمـين އިށީނދެވަޑައިގެންފިއެވެ. އިރުކޮޅެއް ކޮށްލައްވައިފައި އޭނާ މަޑުމަޑުން ސުވާލު ކުރެއްވިއެވެ. "ماه بانو އެވެ! ތެދަށް ވިދާޅުވާށެވެ. ކަލާ ކަންބޮޑުވެވަޑައެއް ނުގަންނަވާތޯއެވެ؟"
"އާދޭހެވެ." ماه بانو ހަމަޖެހިވަޑައިގެން ވިދާޅުވިއެވެ.
"އެކަމަކު އޭނާ މިއަދު ވަޑައިނުގެންފިއްޔާ؟"
"އޭނާ ވަޑައިނުގެންފިނަމަ އެކަމުގައިވެސް އިލާހީ ކޮންމެވެސް މަޞްލަޙަތެއް އޮންނާނެއެވެ."
يـاسمـين ކޮންމެވެސް އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. އެކަމަކު އެވަގުތު ކުޑަކުއްޖެއް ދުވެފައި އައިސް އެތެރެޔަށް ވަދެއްޖެއެވެ. އެކުއްޖާ ބުންޏެވެ. "އޭނާ އެބަވަޑައިގަންނަވައެވެ. އަވަށާ ވަރަށް ކައިރިޔަށް ވަޑައިގެންފިއެވެ."
ގޭގެ ހާމަ ފުރާޅުމަތީގައްޔާއި ބޭރުގައިހުރި އުސް މަންސައިގެ މަތީގައި ތިބި މުސްކުޅި އަންހެނުންނަށާއި އަންހެންކުދީންނަށް ފެނުނީ އަރޫސާއެކު މެހުމާނުންކޮޅެއް ހަވޭއްޔަށް ވެދެވަޑައިގެންނެވި ތަނެވެ. އަންހެނުންގެ ވިލިތަކުގައި ދެން ޚިޔާލު ފާޅުކުރެވެންފެށީ އަރޫސުގެ އިސްކޮޅުފުޅާއި އޭނާގެ ބުރުސޫރަފުޅާ ބެހޭގޮތުންނެވެ. އެއްބަޔަކު ހައިރާންވީ އަރޫސުގެ އަރިހުގައި ވަޑައިގެންނެވީ މެހުމާނުންގެ އެންމެ ފަނަރަ ބޭކަލުންކަމުގައި ވާތީއެވެ. އަނެއްބަޔަކު އުފާފާޅުކުރަމުން ގެންދިޔައީ ވަޑައިގެންނެވި މެހުމާނުންގެ ތެރޭގައި އިސްލާމީ ލަޝްކަރުގެ އެންމެ އިސްބައެއް ޖަނަރަލުން ތިއްބެވިކަމުގައި ވާތީއެވެ.
ماه بانو ގެ ވަށައިގެން ހިނގާ އެއްވެސް ކަމަކާމެދު އޭނާގެ ކުޑަވެސް ޚިޔާލުފުޅެއް ނެތެވެ. އޭނާ ރޫޙީގޮތުން އިންނެވީ މާދުރުގެ ހުވަފެނީ ވާދީއެއްގައެވެ. އޭނާގެ މޫނުފުޅުމަތީން ހާމަވޭވެހުރީ އޭނާގެ ހިތްޕުޅު ހަމަޖެހިވަޑައިގެންފައިވާލެއް ބޮޑުކަމެވެ. އެއީ ވަރުބަލިވެފައިވާ ދަތުރުވެރިޔަކަށް އެމީހެއްގެ މަންޒިލަށް ވާސިލުވެވުމުން ލިބޭނެ ހިތްގައިމުކަމެވެ. ހިތްފަހިކަމެވެ.
ކާވެނީގެ އީޖާބާއި ގަބޫލުގެ ރަސްމިއްޔާތު ނިމިއްޖެއެވެ. މެހުމާނު އަންހެނުން ماه بانو އަށް ތަހުނިޔާ ދަންނަވައި ހެޔޮދުޢާ ކުރުމަށްފަހު ގޭގެއަށްދާން ފަށައިފިއެވެ. މިހާރު އެކޮޓަރީގައި ތިއްބެވީ ماه بانو އާއި يـاسمـين އާ ދެބޭފުޅުން ގިނިކަންޏާއެވެ. حسّان ހިނިފުޅުވަޑުވަމުން ވަޑައިގެން އެކޮޓަރީގެ ދޮރުމައްޗަށް އަރައިވަޑައިގެންފިއެވެ. އެތެރެޔަށް ބައްލަވައިލެއްވުމަށްފަހު އެއްފަރާތަކަށް ޖެހިވަޑައިގެންފިއެވެ. حسّان ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. "އަޅުގަނޑުގެ މުބާރިކުބާދީ ގަބޫލުކުރައްވާށެވެ. ލޯބިވާ ބޭބޭއެވެ!" يـاسمـين އެހެން ވިދާޅުވެފައި ކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު