ޚަބަރު

ރައީސް ނަޝީދު ސީވީއެފްގެ އެމްބިޝަން އެމްބެސެޑަރުކަމާ ހަވާލުވެވަޑައިގެން މަސައްކަތް ފައްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ އެމްބިޝަން އެމްބެސެޑަރުކަމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ރައްޔިތުން މަޖިލީހުން ބުނީ ރައީސް ނަޝީދު ސީވީއެފްގެ އެމްބިޝަން އެމްބެސެޑަރުކަމާ ހަވާލުވެވަޑައިގެން މިއަދު މަސައްކަތް ފައްޓަވައިފައިވާ ކަމަށެވެ. އެގޮތުން މިއަދު ބަންގުލަދޭޝް ސީވީއެފްގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއީ އަބްދުލް ކަލާމް އާޒާދުއާ ބަންގުލަދޭޝްގެ އެންވަޔަރަމަންޓް، ފޮރެސްޓް، އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓްރީގެ ބޭފުޅުންނާއި ސީވީއެފް ޕްރެޒިޑެންސީ އާއި އެ އިދާރާގެ ބޭފުޅުންނާއި އަދި ދަ ގްލޯބަލް ސެންޓަ އޮން އެޑަޕްޓޭޝަންގެ ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝް ސީވީއެފްގެ ޕްރެޒިޑެންސީ އަބްދުލް ކަލާމް އާޒާދު ވަނީ 2009 ވަނަ އަހަރު މި ފޯރަމް އުފައްދައި މަސައްކަތްތައް ކުރިއަށްގެންދެވުމުގައި ރައީސް ނަޝީދު ކުރެއްވި ބުރަ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާފައި ކަމަށް މަޖިލީހުން ބުންޏެވެ.

ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރު ފޯ އެމްބިޝަންގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ މައިގަނޑު އަމާޒަކީ މިއަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށް ޕެރިސް އެގްރީމަންޓުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް، ތިމާވެއްޓާ ރަހުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.

ރައީސް ނަޝީދަށް އަރުވާފައިވާ ތީމެޓިކް އެމްބެސެޑަރު އޮފް ސީވީއެފް ފޯ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަންގެ މަސްއޫލިއްޔަތަކީ އެމަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން ހިލޭސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެކެވެ.

ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމްއެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ރާއްޖޭގައެވެ.