ވާހަކަ

ބޭޤަރާރު - 04

ނަދީމާގެ ރުޅިވެރިކަން އެކުލެވިގެންވި ޖުމްލައާއެކު ކާކޮޓަރިއަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ލުމަށްފަހު ބިލާލް ވެސް ނަދީމާގެ މޫނަށް ނަޒަރު ހިންގާލިއެވެ. އޭނަ ނާލާއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. މާހައުލުގައި އޮތް ނުތަނަވަސްކަން ދެނެގަތުމަށެވެ. ދެމައިންގެ ދެމެދުގައި މައްސަލަގަނޑެއް ހިލުމުގެ ކުރިން ސަމާލުވެލުމަށެވެ.

މަންމަގެ ޖުމްލަ ފަހުމުކުރަން ދަތިވެފައިވާ ހާލު މަންމަގެ މޫނަށް ބަލަން ނާލާއަށް އިނދެވުނެވެ. ހައިރާންކަމާއެކުގައެވެ. ތުންތުންމަތިން ދެކެވެމުން އެދަނީ ކޮން ވާހަކައެއްތޯ ވެސް ހިތާހިތާ ސުވާލުކުރެވުނެވެ. މަންމަ ރުޅިއަންނަ ވަރުގެ ކަމެއް އޭނައަށް ކުރެވުނީ ބާވައޭ ވެސް ހިތާ ސުވާލުކުރެވުނެވެ. އިތުރު ނުތަނަވަސްކަމެއް ނަފުސަށް ވެރިވެގެން ދިޔައީ މަންމަގެ ދެލޮލުން ފެންނަމުންދާ ރުޅިވެރިކަމުގެ ސަބަބުންނެވެ. ހިތުގައި އުތިރި އަރަމުންދާ ސުވާލުތައް ދުލާ ހަމައަށް ގެންނަން ނާލާއަށް ދަތިކަމަށްވީ އިތުރަށް މަންމަ ރުޅި އައިސްފާނެތީއެވެ. ނަމަވެސް ބޮޑު މައްސަލަގަނޑެއް ހިލުމުގެ ކުރިން ހުރިހާ ކަމެއް ހައްލުކުރަން އޭނަ ބޭނުންވިއެވެ. މަންމަގެ ކަންފަތާ ހަމައަށް ދޮގު ވާހަކައެއް ފޯރާފައިވާނަމަ ހަޤީޤަތް ހާމަކުރަން ވެސް ގަސްދުކުރިއެވެ.

''ކޮން ވާހަކައެއްތަ؟...'' ހިންދިރުވާލަމުން ނާލާއަށް ސުވާލުކޮށްލެވުނެވެ. މޭޒުމަތީ ހުރި ފެންޖަގުން ތަށްޓަކަށް ފެންއަޅަމުން އެއްނާވާއިން ފެންތަށި ހުސްކޮށްލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވީ ނަފުސު ތައްޔާރުކޮށްލިހެންނެވެ.

''އަދިވެސް އަހަންނާތަ ސުވާލު ތިކުރަނީ؟...... މީޓިންއެއް އޮތަސް ރުހައިމްއަށް އާދެވެން ވާނެ، މުހިންމު ވާހަކައެއް ވީމަދޯ އެހާ ވަރުން އަންނާށޭ ބުނީ ވެސް...'' ފާއިތުވަމުންދާ ކޮންމެ މިނެޓަކާއެކު ނަދީމާގެ މޫނު ބަނަވާން ފެށިއެވެ. ހިތްހަމަނުޖެހުމާއެކު މޭގައި ދެއަތް ހުރަސްކޮށްލިއެވެ.

''ނަދީމާ!، އޮފީހުގެ މީޓިން ތަކަކީ ހިތަށް އެރި އިރަކުން ކެންސަލް ނުކުރެވޭނެ އެއްޗެއް ނޫނޭ...... ކޮން ވާހަކައެއް އަޑުއިވިގެންތަ ތިހާ ރުޅިގަދަވެގެން ތިއުޅެނީ؟...'' މަސްރަހުގެ ގޯސްކަން ބިލާލްއަށް އަންދާޒާކޮށްލެވުނެވެ. ނަދީމާގެ ނުރުހުންތެރިކަން ގޮސް ގުޅިފައިވަނީ ރުހައިމްއާކަން ވެސް އޭނައަށް ލަފާކޮށްލެވުނެވެ. އެއާއެކު އޭނަ މަސައްކަތްކުރީ މަސްލަހަތު އިތުރަށް ގޯސްވިޔަ ނުދިނުމަށެވެ. ރުހައިމް ދެކެ ނަދީމާ ހިތްހަމަނުޖެހޭކަން އެއީ އޭނަ ދަންނަ ހަޤީޤަތަކެވެ. ކިތަންމެ ފަހަރަކު އެކަމާ ގުޅިގެން ނަދީމާއާ ވާހަކަ ވެސް ދައްކައިފިއެވެ. ނަސޭހަތް ދީފިއެވެ. ރުހައިމްގެ ދެމަފިރިންގެ ދިރިއުޅުމަށް އެކަމުން ނޭދެވޭ އަސަރެއް ކޮށްފާނެތީއެވެ. ކުރިއާއަޅާބަލާއިރު ނަދީމާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ނަމަވެސް، ރުހައިމްއާ މެދު ދެކެމުން އަންނަ ނަޒަރިއްޔާތު މުޅިންހެން ބަދަލެއް ނުވެއެވެ.

''މަންމާ...'' ނާލާއަށް ގޮވާލެވުނެވެ. ''ރުހައިމްގެ ފަރާތުން އަހަރެން މަޢާފަށް އެދެން... ރުހައިމް ވަރަށް މަސައްކަތްކުރި އަންނަން، އެކަމަކު މީޓިން ފަސްކުރެވެން ނެތީމަ ނާދެވުނީ...''

ރުހައިމްގެ ދިފާއުގައި ނާލާ ބުނި ޖުމްލައިން ނަދީމާ ގާތަށް ވަކިން ރުޅިއައެވެ. ރުޅިގަނޑު ކޮންޓްރޯލްކުރަން ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ.

''ކޮން ދުވަހަކުންތަ ޢާއިލާއެއް ބިނާ ކުރުމާ މެދު ނާލާ ވިސްނާނީ؟، މިހާރު ކައިވެންޏަށް ފަސް އަހަރު މިވަނީ، ނާލާއަށް ވުރެ ފަހުން ވިވިއަން ކައިވެނި ކުރީ ވެސް، އެކަމަކު މިހާރު އެއިނީ ބަލިވެ... ރައްޓެހިވެގެން ވެސް އެތައް އަހަރެއް ވަންދެން އުޅުމަށްފަހު ކައިވެނި ކުރީވެސް، ވަގުތަކީ ކިހާ މުހިންމު އެއްޗެއްކަން ނާލާއަށް ނޭނގޭތަ؟... ސަކީނާއަކީ އެއްޗެއް ބުނާނެ މީހެއް ނޫން، އެކަމަކު އަހަރެން އެބަޖެހޭ މި މައުޟޫޢުއަށް ވާހަކަދައްކަން، ކައިވެންޏަށް ފަހު ދެމަފިރިއެއްގެ ދިރިއުޅުން ފުރިހަމަ ވާނީ ކުއްޖަކު ލިބުމުން، އޭރުން ލޯބި އިތުރު ވާނީ ވެސް، އަބަދު ވާޒީފާގައި ބުރަކޮށް އުޅެގެން ލިބޭނެ ފައިދާއެއް ވެސް ނޯންނާނެ... މިހާރު އަހަރެންގެ އެކުވެރިންގެ މެދުގައި ވެސް ދެކެވެނީ ނާލާގެ ކުއްޖަކު ނުހުންނަ ވާހަކަ!، މީހުންނަކީ ވާހަކަހަދަން ނިކަން މޮޅު ބަޔެއް!.... އެވާހަތަކަށް އަހަރެން ދޭނީ ވެސް ވަކި ކޮން ޖަވާބެއްތަ؟، އަހަންނަށް އެނގޭ މިއީ ނާލާއާއި ރުހައިމްގެ ދިރިއުޅުމާ ގުޅިފައިވާކަމެއްކަން، އެކަމަކު މިކަމާ ވާހަކަނުދައްކައި ހުރެވޭކަށް ވެސް ނެތް......'' ނަދީމާގެ އަޑުގައިވި ރުޅިވެރިކަން ކަންބޮޑުވުމަށް ބަދަލުވެގެން ދިޔައެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ ޝުޢޫރުތައް ވެސް ބަދަލުވެގެން ދިޔައީ ކުއްލިޔަކަށެވެ. ހީވީ ނާލާއާ މެދު އެހިތް ނުތަނަވަސްވެފައިވާހެންނެވެ. ފުންނޭވާއެއް އޭނައަށް ދޫކޮށްލެވުނެވެ. އެއަށްފަހު ދުލާ ހަމައަށް ގެންނަން މަސައްކަތްކުރީ ތުންތުން މަތިން ދެކެވެމުން އަންނަ ވާހަކައެވެ. އެޖުމްލައިން ނާލާގެ ހިތަށް ކޮށްފާނެ އަސަރާ މެދުގައި ވެސް ވިސްނާލަން ޖެހުނެވެ.

ދަރިންގެ ދިރިއުޅުމަށް ފާޑުކިޔައި ނުފޫޒު ފޯރުވަން ނަދީމާ މަސައްކަތްކުރިކަމުގައި ވިޔަސް އޭނައަކީ ދަރިން ދެކެ ލޯބިވާ މަންމައެކެވެ. އަޑުލައި ނުރުހުން ފާޅުކުރިޔަސް އެ އަމަލުތަކުގެ ފަހަތުގައި ކޮންމެވެސް ސިފައެއްގައި މައިވަންތަކަމުގެ ކުލުނު ފޮރުވިފައި ވެއެވެ. ރުންކުރުކަން އަޑުގައި ވިޔަސް ދަރިންގެ މުސްތަޤުބަލާ މެދު އޮތްނަ ކަންބޮޑުވުން ހާމަވެއެވެ. ދަރިންނާ މެދު ނަދީމާ ދެކެމުން އަންނަ ހުވަފެންތައް ގޮސް ގުޅިފައިވަނީ އާސުމާނާއެވެ. އޭނަ އެންމެ ބޮޑު އުއްމީދެއް ކުރީ ވެސް ނާލާގެ ފަރާތުންނެވެ. ފަހުރުވެރިކަމާއެކު އޭނަގެ އިސްއުފުލައިދޭނެ ކުއްޖަކަށް ވާނެކަމުގެ ފޮނި އުއްމީދުތައް ދެކުނެވެ. އެހެނަސް، ރުހައިމްއާއި ނާލާ ކައިވެނި ކުރި ހިސާބުން ފެށިގެން އޭނަގެ އުއްމީދުތަކުގެ ބިންގަލަށް އަރައިގެން ދިޔަ ލޮޅުމުގެ ސަބަބުން ހިތިކަމެއް ނަދީމާގެ އަރުބުޑަށް ވަނީ ފޭދިފައެވެ. އެގުޅުމާ ކިތަންމެ ވަރަކަށް އޭނަގެ ހިތް ދެކޮޅު ހެދިޔަސް އާޚިރުގައި ޖެހުނީ ފިރިމީހާގެ ނިންމުމަށް ބޯލަނބާށެވެ. ނާލާގެ އުފަލަށް އަހައްމިއްޔަތުކަން ދޭށެވެ. ނަމަވެސް އޭނައަށް ރުހައިމް ޤަބޫލުކުރަން ވެފައިވަނީ އުނދަގޫކަމަކަށެވެ. ކިޔަވައިގެން ހުރި ހަރުދަނާ ޒުވާނަކަށް ވިޔަސް، ދުނިޔެއާ މެދު ދެކެމުން އަންނަ ނަޒަރިއްޔާތުގެ ސަބަބުން ރުހައިމްގެ ޝައުހުސިއްޔަތު އޭނައަށް ފެންނަނީ އައިބު ގޮތަކަށެވެ.

''ޢާއިލާއެއް ބިނާ ކުރުމާ މެދު ނާލާ ނުވިސްނަނީ މައްސަލައެއް އުޅޭތީތަ؟... ޖަވާބު ދީބަލަ!.... އަނެއްކާ މަންމަމެންނަށް ކަމެއް ސިއްރުކުރަނީތަ؟...'' ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ނާލާގެ މޫނަށް ނަދީމާ ނަޒަރު ހުއްޓާލިއެވެ. ސަމާލުވެ އެމޫނަށް ވެރިވަމުންދާ ކުލަވަރުތައް ދިރާސާކުރަން ފެށިއެވެ. ބޭނުމަކަށްވީ އޭނަގެ ހުޝިޔާރުކަމުން ނާލާގެ ސިއްރުތައް ހޯދައިގަތުމެވެ.

ނާލާ އިނީ ހިމޭންވެފައެވެ. މަންމަގެ ސުވާލަށް ޖަވާބުދޭން ދަތިވެފައެވެ. ވާހަކަ ފަތުރަން މީހުންގެ ހުންނަ ޝައުޤުވެރިކަމާ މެދު އޭނަ ހައިރާން ވެސް ވިއެވެ. މަންމަގެ އަޑުގައިވި ކަންބޮޑުވުމާއި ނުތަނަވަސްކަން ވެސް އޭނައަށް ނަގައިގަނެވުނެވެ. ނާލާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޖަވާބު ދޭނެ ގޮތަކާ މެދު ވިސްނުން ހިންގާލެވުނެވެ. އަތުގެ އިނގިލިތައް އޭނައަށް މަހާލެވުނެވެ. އޭރު އަތުގައި ފިނިދަލެއް ހިއްލަން ފަށައިފިއެވެ.

''ނަދީމާ!...'' ނަދީމާގެ ވާހަކަތަކުން ބިލާލް ހިތްހަމަނުޖެހުނެވެ. އިރުކޮޅެއްވަންދެން ނަދީމާއަށް ބަލަން އިނދެފައި ނާލާއަށް ވެސް އޭނަ ބަލައިލިއެވެ. ކަންބޮޑުވުމާއެކުގައެވެ. ހުރިހާކަމަކަށް ވެސް ވަކި އިމެއް ކަނޑައެޅިފައިވާކަން އެއީ އޭނަގެ އުސޫލެވެ. އަމުދުން ދަރިންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަދެ ފާޑުކިޔުމަކީ އޭނަ ހިތްހަމަޖެހޭކަމެއް ނޫނެވެ. އެތައް ފަހަރަކު ނަދީމާއަށް އޭނަ ނަސޭހަތް ދީފިއެވެ. މައިންބަފައިންދެކެ ދަރިން ހިތްހަމަނުޖެހިދާނެތީއެވެ. ފޫހިވެދާނެތީއެވެ.

''މިއީ އަހަންޖެހިފައި އޮތް ސުވާލެކޭ، އަހަރެންމީ ނާލާގެ މަންމައޭ، އެކަމާ ސުވާލުކުރުމުގެ ހައްޤު އަހަންނަށް ލިބިފައިވޭ... އަހަންނަށް ޔަޤީން ސަކީނާ ވެސް އެއްޗެއް ބުނަން ބޭނުންވާނެކަން، އެކަމަކު އޭނަގެ ހުންނަ މަޑުމައިތިރިކަމުން ނާލާއާ ވާހަކަދައްކަން ފަސްޖެހެވެނީ... ނާލާ!، މަންމަގެ ސުވާލަށް ޖަވާބު ދީބަލަ!...'' ނާލާގެ ހިމޭންކަމުން ނަދީމާގެ ހިތްނުތަނަވަސް ވިއެވެ. އަވަސްވެގެން ދިޔަ ހިތުގެ ވިންދާއެކު އޭނަގެ އަޑު ވެސް ބާރުވިއެވެ. ނާލާގެ ހިމޭންކަމުން އޭނަ ބިރުގަންނަން ފެށިއެވެ. އޭނަގެ ހިތަށް ގޯނާކުރަމުން ދިޔަ ސުވާލުތަކުގެ ޖަވާބު އަންނަ ގޮތަކުން މާޔޫސްކަމެއް ލިބިދާނެތީ ޖެހިލުންވުން ހިތުގައި އުފެދުނެވެ.

''މައިންބަފައިންނަށް ވިޔަސް އަހަރުމެންނަށް ކޮންމެކޮންމެ ސުވާލެއް ކުރުމުގެ ހައްޤެއް ލިބިފައިނުވޭ، ނަދީމާ ތިދައްކަން ފެށި ވާހައަކުން ނާލާ އެއިނީ ކާން ބޭނުން ނުވެފައި، ކެއުމަށް ފަހު ތިދައްކަން އުޅުނު ވާހަކައެއް ނުދެއްކޭތަ؟، ނޫނީ ނާލާއާ ވަކިން ގޮސް ނުދެއްކޭތަ، އަހަރެން ހުއްޓާ އެފަދަ ސުވާލެއް ކުރުމުން އޭނަ ލަދުގަންނާނެ ކަމެއް ވެސް ނަދީމާއަކަށް ނޭނގޭތަ؟، މަންމައަކަށް ވެހުރެ އަންހެންކުއްޖަކާ އެފަދަ ވާހަކައެއް ދައްކާނެ ގޮތެއް ވެސް ނަދީމާއަކަށް ނޭނގުނެއްނު...'' ބިލާލްގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ.

އޭނަގެ ސަބަބުން މަންމައާއި ބައްޕަގެ ދެމެދުގައި ނުތަނަވަސްކަމެއް އުފެދިދާނެތީ ނާލާ ހާސްވާންފެށިއެވެ. އެއާއެކު ހަޤީޤަތް ހާމަކުރަން އޭނަގެ ދޫ ހަރަކާތްކޮށްލިއެވެ.

''މަންމައަށް އަޑުއިވިފައިވާ ވާހަކަތަކުގައި އެއްވެސް ހަޤީޤަތެއް އެކުލެވިގެން ނުވޭ......'' ނާލާ ބުންޏެވެ. ''ހޮސްޕިޓަލު ތެރޭގައި ވެސް ތިވާހަކަތައް ދެކެވޭ، އެކަމުގައި އެއްވެސް ހަޤީޤަތެއް އެކުލެވިގެން ނުވޭ.... އެކަމަކު އަހަރެން ބޭނުމެއް ނޫން އެކަމަށް އެއްޗެކޭ ބުނާކަށް، ބުންޏަސް އެވާހަކަތައް ފަތުރާ މީހުންގެ ދޫ ހިމޭނެއް ނުކުރެވޭނެ.... މަންމަގެ ކަންފަތާ ހަމައަށް ތިވާހަކަތައް އައީ ކާކުގެ ފަރާތުންކަން އަހަންނަށް އެނގޭ...''

ނާލާގެ ޖުމްލައިން ނަދީމާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ހީކުރި ފަދަ ތޫފާނަކާ ކުރިމަތިލާން ނުޖެހުމުން ނަފުސަށް ކުޑަ ނަމަވެސް ލުޔެއް ލިބުނެވެ. ސިކުނޑިއަށް ވެރިވެފައިވި ބުރަހެލިކަމަށް ވެސް ނިމުމެއް އައެވެ.

''މީހުން ދައްކާ ވާހަކަތައް ހުއްޓުވޭނީ ނަތީޖާ ނެރެވިގެން، މިހާރު ދަރިފުޅުގެ ކައިވެންޏަށް ވެސް ފަސް އަހަރުމިވީ، ދެން ޢައިލާއެއް ބިނާކުރުމާ މެދު ވިސްނާ، ރުހައިމްއަށް ވެސް ވަޒީފާގެ ކުރިއެރުން ލިބިއްޖެ، ކުއްޖަކު ބެލުމުގެ ޤާބިލުކަން ތި ދެމަފިރިންގެ އެބަހުރި... މަންމައަށް ފެންނަނީ ދަރިފުޅު ރުހައިމްއާ ވާހަކަދައްކަން، އުމުރަކީ މުހިންމު އެއްޗެއް، ބަލިވެއިނުމުގެ ސަބަބުން އުނދަގޫތަކާ ދިމާ ނުވާނީވެސް އޭރުން، ނާލާ ތި މަސައްކަތްކުރަނީ ސިއްހީ ދާއިރާގައި، މަންމައަށް ވުރެން ރަނގަޅަށް އެކަންތައް އެނގޭނީ ވެސް ނާލާއަށް...'' ނަދީމާ ބުނެލިއެވެ. އޭނަ މަސައްކަތްކުރީ ކުއްޖަކު ހޯދުމަށް ނާލާއަށް ބާރުއަޅާށެވެ. އެކަން ފާހަނގަ ކުރެވުމުން ބިލާލް ނުރުހުނެވެ. ނަދީމާއަށް ގޮވާލިއެވެ.

''މަންމާ، އަހަރެން ވިސްނާނަން...'' މަންމަގެ ވާހަކަތަކާ މެދު ނާލާއަށް ފިކުރު ހިންގާލެވުނެވެ. އެއީ ދޮގު ވާހަކަތަކެއް ވެސް ނޫނެވެ. މިވީހާ ތަނަށް ކުއްޖަކު ހޯދުމުގެ ޚިޔާލާ މެދު އޭނަ ފުންކޮށް ވިސްނާފައި ނެތެވެ. އޭނަގެ ފުރިހަމަ ސަމާލުކަން ދެވިފައި އޮތީ މަސައްކަތަށެވެ. ރުހައިމް ވެސް އޮފީހުގައި ބުރަކޮށް އުޅެތީ އެފަދަ ވިސްނުމެއް ވެސް އައިސްފައި ނެތެވެ. ނަމަވެސް މަންމަގެ ވާހަތަކުން އޭނައަށް ވިސްނާލަން ޖެހުނެވެ. ކުއްޖަކު ލިބުމަށްފަހު ދެމަފިރިންގެ ޒަވާޖީ ޚަޔާތަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަން ވެސް އޭނައަށް ޤަބޫލުކުރެވުނެވެ. ރުހައިމްއަކީ ކުޑަކުދިންނާ ދޯޅު ޒުވާނެކެވެ. ކުޑަކުދިން ދެކެ ނުހަނު ލޯބިވެއެވެ. ރަނގަޅު ބައްޕައަކަށް ވާނެކަމުގެ އެއްވެސް ޝައްކެއް ނެތެވެ.

އުނގު ފަޅުކަމުގެ އިހުސާސް ނާލާއަށް ފުރަތަމަ ފަހަރަށް ކުރެވުނީ އެޚިޔާލުތަކުންނެވެ. ރުޅިވެރިކަމާއެކު އުފެދިގެން އައި ހައިޖާންގަނޑަށް ފަހު މަންމަ ދިން ނަސޭހަތާ މެދު ނާލާ ފުންކޮށް ވިސްނާލިއެވެ.

ނާލާގެ ޖަވާބުން ބޮޑު އުއްމީދެއް ނުލިބުނަސް ހިތްހަމަޖައްސާލަން ޖެހުނީ ބިލާލް އޭނަގެ ކޮނޑުގައި އަތްތިލަ ބާއްވާލުމުންނެވެ. ބިލާލަށް ބަލައިލުމަށްފަހު ނަދީމާ ފުންނޭވާއެއް ދޫކޮށްލިއެވެ.

''ދެން އެވާހަކަ ވެސް ނިމުނީއެއްނު، ދަރިފުޅު ދެން ކާން ފަށާބަލަ...'' ކާކޮޓަރިއަށް ވެރިވެފައި އޮތް ނުތަނަވަސްކަމުގެ މާހައުލަށް ނިމުމެއް ގެންނަމުން ބިލާލް ހިނިތުންވެލިއެވެ. ނަދީމާ ވެސް އިތުރަށް އެވާހަކައެއް ނުދެއްކިއެވެ. ނާލާއަށް ވަކި މުހުލަތެއް ދިނީތީއެވެ. އެކަމުން ހިތްހަމަޖައްސާލުމަށްފަހު އޭނަ ދެން ފެށީ ލުޔޫންގެ ވާހަކައެވެ.

*****

މެންދުރުގެ ކެއުމަށް އިންސާފުކޮށް ނިމުނުއިރު ބްރޭކް ގަޑި ނިމެން އޮތީ ކައިރިވެފައެވެ. ހުކުރު ދުވަހުން އަންނާނެ ކަމަށް ބުނެ ނާލާ އަވަސްވެގަތީ ދާށެވެ. އޭރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ގުގުރާ އަޑު ވެސް އިވެއެވެ.

''ނަދީމާ!، ކުދިންގެ ދިރިއުޅުމަށް ބާރު ފޯރުވުން ދޫކޮށްލާނީ ކޮން ދުވަހަކުންތަ؟، ނާލާ މިހާރު އެހުރީ ކައިވެންޏެއް ކޮށްގެން... ތިހެން ކަންތައް ކުރާނަމަ ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެ...'' ކާކޮޓަރިން ނާލާ ނިކުމެގެން ދިއުމާއެކު ބިލާލް ބުންޏެވެ. އޭނަގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރެއް ނެތެވެ. އޭނަ މަސައްކަތްކުރީ ނަދީމާއަށް ވިސްނައިދެވޭތޯއެވެ. ނަދީމާގެ އެހުންނަ މިޒާޖާއި ވައްޓަފާޅި ބަދަލުކުރެވޭތޯއެވެ.

''ނާލާއަށް ރަނގަޅަކަށް އަހަރެން އެވާހަކަދެއްކީ، ބިލާލަށް ނޭނގޭނެ މީހުން ދައްކާ ފާޑުފާޑުގެ ވާހަކައެއް، ނާލާއަށް ދަރިން ނުލިބެޔޭ ކިޔާފަ އެދައްކާ ވާހަތައް އަޑުއަހަން އަހަންނަށް ނުހުރެވޭނެ......'' ނަދީމާ ހިފެހެއްޓީ އޭނަގެ ގޮތުގައެވެ. އޭނަގެ ވިސްނުމުގެ އުނިކަމެއް ހުންނަކަން ޤަބޫލުކުރަން އޭނަ ބޭނުމެއް ނުވިއެވެ.

''އެންމެ ރަނގަޅު، އެކަމަކު ތިހެން ރުޅިއިސްކޮށް ވާހަކަދެއްކުމަށް ވުރެން ހަމަޖެހިލައިގެން ނާލާއާ އެކަނި ވާހަކަދެއްކި ނަމަވެސް ރަނގަޅު... ރުހައިމް ކުރިމަތީގައި އެވާހަކަ ދެއްކިނަމަ ނާލާއަށް ވާނެ ގޮތަކާމެދު ވިސްނާލަބަ، ދެން އެވާހަކަ ނުދައްކަން އަހަންނަށް ފެންނަނީ، އެއީ އެދެމަފިރިންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެއް...'' ބިލާލަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ވެސް ކާކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

''ރަނގަޅު ވާހަކައެއް ދެއްކިޔަސް އަހަރެން ނުބައި މީހަކަށް ވާނީ... ރުހައިމް ވެސް ނާލާއަށް އެކަށީގެންވާ ވަގުތު ދޭނަމަ ރަނގަޅޭ، އޭރުން ޢާއިލާއެއް ބިނާކުރުމާ މެދު ނާލާ ވެސް ވިސްނާނެ...'' ކާމޭޒުދޮށުގައި އެކަނިވެފައި އިން ނަދީމާ ތުންއަނބުރާލިއެވެ.

*****

ބެލްކަންޏަށް ބޯދިއްކޮށްލުމަށްފަހު ފައިވާން ހަރުގަނޑު ކައިރީ ހުރި ނާލާއަށް ބިލާލް ބަލައިލިއެވެ. އޭރު ކަންފަތުފައި ފޯނު ޖައްސައިގެން ޓެކްސީއަކަށް ގުޅޭތޯ ނާލާ މަސައްކަތްކުރަމުން ދިޔައެވެ.

''ވަރަށް ވިއްސާރަ، ޓެކްސީއަކަށް ގުޅާނެކަމެއް ނެތް، ބައްޕަ ނާލާ ގެންގޮސްފާނަން...'' ބިލާލް ބުނެލިއެވެ. އެއަށްފަހު އޭނަ ވަނީ ކޮޓަރިއަށެވެ. ފުރުސަތަކަށް ބަލައި ހުރި ނަދީމާ ގޮސް ނާލާ ގާތަށް ހުއްޓުނެވެ.

''ރުހައިމްއާއި ދަރިފުޅު ވާހަކަދައްކާތި...'' ނާލާގެ ބުރަކަށީގައި ފިރުމާލަމުން ނަދީމާ ބުނެލިއެވެ. ނާލާ ބޯޖަހާލިއެވެ.

އިތުރަށް ވާހަކަ ދައްކަން ބޭނުން ވިޔަސް، ކާރުގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުތް ބިލާލް ފެނުމުން ނަދީމާއަށް މަޖުބޫރުވީ އެޚިޔާލު ދޫކޮށްލާށެވެ. ދެމައިންގެ ދެމެދުގައި ނުތަނަވަސްކަމެއް ނުވާކަން އަންގާލަދޭން އޭނަ ނާލާގެ ގައިގައި ބައްދާލިއެވެ.

''ރާޖޫ ކޮބާތަ؟...'' ގޭގެ ޑްރައިވަރު ފެންނަން ނެތުމުން ނާލާއަށް ސުވާލުކޮށްލެވުނެވެ.

''ރާޖޫ ޗުއްޓީގަވީ... ބައްޕަ ނާލާ ގެންގޮސްފާނަމޭ...'' ނާލާއަށް ހިނިތުންވެލަމުން ބިލާލް ބުނެލިއެވެ.

*****

''މަންމަ ދެއްކި ވާހަކަތަކާ މެދު ނާލާ ފިކުރުބޮޑުނުވާތި، އެއީ ދަރިފުޅު ދެކެ ރުޅިއައިސްގެން މަންމަ ދެއްކި ވާހަކައެއް ނޫން، ދަރިފުޅު ދެކެ މަންމަ ވަރަށް ލޯބިވޭ... ދަރިފުޅުގެ މުސްތަޤުބަލާ މެދު ކަންބޮޑުވާތީ އެސުވާލުތައް ކުރީ......'' ލިފްޓުގައި ނާލާއާއެކު އެކަނިވުމުން ބިލާލް ބުނެލިއެވެ. އޭނަ ބޭނުންވީ ކާމެޒުދޮށުގައި ދެކެވުނު ވާހަކައިގެން ސަބަބަން ނާލާއަށް ނުތަނަވަސްކަމެއް ލިބިފައިވާނަމަ އެކަމަށް ހައްލެއް ހޯދައިދޭށެވެ. އަދި ނާލާއާ މެދު ނަދީމާގެ މޭރުން ހުރީ ރުޅިއައިސްގެން ނޫންކަން ސާބިތުކޮށްދޭށެވެ. އެއީ ނަދީމާގެ ނުތަނަވަސްކަމުގެ ސަބަބުން އައި ބަދަލުތަކެއްކަން ބިލާލަށް އެނގެއެވެ. ނާލާއާއި ލުޔޫން ދެކެ ނަދީމާ ލޯބިވާ މިންވަރު އޭނައަށް އަންދާޒާކުރެވެއެވެ. އެކަމަށް ޝައްކެއް ވެސް ނުކުރެއެވެ.

ނާލާ ހިނިތުންވެލިއެވެ. އަދި ބޯޖަހާލިއެވެ. މަންމަގެ ވާހަތަކައް ނެގެޓިވްކޮށް ނުނަގާކަން އަންގާލުމަށެވެ.

*****

ހަވީރެވެ. ޑިއުޓީ ނިންމާލުމަށް ފަހު ރުހައިމް އޭނަ ބަލާ އަންނަންދެން ޝައިހާއާއެކު ނާލާ ދިޔައީ ކެފެޓީރިއާއަށެވެ. އޭރު ވިއްސާރަ އޮތީ އަލިކޮށްލާފައެވެ. ޖެހެމުން އައި ވައިރޯޅިތައް ވެސް މަޑުވެ ތުފާން ވަނީ ހިނދިގެން ގޮސްފައެވެ. އުދަރެހުން ފަނޑުކޮށް ނަމަވެސް އިރުގެ ހޫނުކަން ތަސްވީރުވަމުންދެއެވެ. ވިއްސާރަ ވިލާތައް ވެސް ރޫޅި އުޑުމަތި ސާފުވާން ފަށައިފިއެވެ.

''ކިހިނެއްވެފަ ތިއިންނަނީ؟...'' ގެނައި ހެދިކާ ތަކުގެ އިތުރުން ކޮފީތަށީގައި ވެސް އަތްނުލައި އިން ނާލާއަށް ބަލަމުން ޝައިހާ ސުވާލުކޮށްލިއެވެ. ''މެންދުރު ބްރޭކަށް ގޮސްފައި އައި ފަހުން ވިސްނުމަކަށް ގެއްލިފައި ހުންނަހެން ހީވަނީ، ނަދީމާއާންޓީ ކޮންކަހަލަ ވާހަކައެއްތަ ދެއްކީ؟، އަނެއްކާ މާބޮޑަށް ރުޅިއައީތަ؟...''

ނާލާއަށް އައިސްފައިވި ބަދަލުތަކުން ޝައިހާއަށް ލިބިފައިވަނީ ހައިރާންކަމެވެ. އޭނަގެ ހިތުގައިވި ސުވާލުތަކުގެ ޖަވާބު ހޯދަން ކެއްތެރިކަމާއެކު ނާލާގެ މޫނަށް ބަލަމުން ދިޔައެވެ.

ނާލާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ހުރިހާ ވާހަކައެއް ޝައިހާއާއި ހިއްސާކޮށްލިއެވެ. ރުހައިމްއާ އެވާހަކަތައް ދައްކާނެ ގޮތުގެ ޚިޔާލެއް ބޭނުންވެފައި ވާތީއެވެ. ކުއްލިޔަކަށް ރުހައިމްއާ ހިއްސާކުރަން ޖެހުމުން ސިކުނޑިވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެވާހަކަ ފަށައިގަންނާނެ ގޮތެއް ނޭނގޭތީއެވެ. ވަގުތާއި ހާލަތު އެކަމަށް އެކަށީގެންވާ ކަން ވެސް ނޭނގޭތީއެވެ.

''ބުނީމެއްނު ޗުއްޓީ ނަގަން އުޅޭ ވާހަކަ...'' އާވި އަރަހަމުން ދިޔަ ކޮފީތަށިން ރަހަ ބަލަމުން ޝައިހާ ވިސްނާލިއެވެ.

''ހޫމްމްމް، އަންނަ ހަފްތާގަ އޮތް ސެމިނާއަށް ފަހު ރުހައިމް އައުމުން ޗުއްޓީ ނަގާ ގޮތަށް އޮތީ...'' ނާލާ ބުނެލިއެވެ. ކުރިމަތީ ހުރި ތަށިން ގުޅައެއް ނަގައި އަނގަޔަށް ލިއެވެ.

''އެއޮތީ ފުރުސަތެއް ލިބިފައެއްނު، ޗުއްޓީ ނަގައިގެން ގޮސް ރުހައިމްއާ އެވާހަކަ ދައްކިދާނެއެއްނު...'' ޝައިހާ ޚިޔާލެއް ހުށަހެޅިއެވެ. ''އޭރުން މާފަސޭހަ ވާނެ ނާލާ ބޭނުންވާ ގޮތް ހާމަކުރަން ވެސް...''

ޝައިހާގެ ޚިޔާލު ނާލާއަށް ކަމުދިޔައެވެ. އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޝުކުރުވެރިކަމާއެކު ޝައިހާއަށް އޭނަ ބަލައިލިއެވެ.

''ގުޑް ނިއުސް ލިބޭނެ ދުވަހަކަށް މިހާރުވެސް އިންތިޒާރުކުރެވެނީ... އޭރުން މިތާ އުޅޭ ވިޗްގެ އަނގަވެސް ބަންދުވާނެ، ނާލާއޭ ކިޔައިގެން އޭނަ ފަތުރަނީ ދޮގު ވާހަކަތަކެއްކަން ވެސް ހާމަވާނެއެއްނު...'' ޝައިހާ ހިނިތުންވެލިއެވެ. އެވަގުތު ރުހައިމްގެ މެސެޖެއް ނާލާއަށް ލިބުނެވެ. އެއާއެކު އޭނަ އަވަސްއަވަހަށް ގޮނޑިން ތެދުވުނެވެ.

''ދަނީ އިނގޭ...'' މޭޒުމަތީ އޮތް އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ނާލާ ބުންޏެވެ.

''ސައި ވެސް ނުބޮއެތަ ދަނީ؟...'' ނާލާއަށް ބަލަމުން ޝައިހާ ސުވާލުކުރިއެވެ. ހައިރާންކަމާއެކުގައެވެ.

''ރުހައިމް އެބަހުރި ބަލާ އައިސް، ޔޫ ކޭން އެންޖޯއި ދެމް އޯލް، ކިތަންމެ ވަރަކަށް ކެޔަސް ޝާ ފަލައެއް ނުވާނެ...'' ސަމާސާކޮށްލަމުން ނާލާ ދާން ހިނގައިގަތެވެ.

*****

''ސޯ ސޮރީ، މަންމަ ދެއްކީ ކޮން ވާހަކައެއްތަ؟...'' ފިޔަވަޅުތަކެއްގެ ހިލަންވެގެން އަތުގައި އޮތް ފޯނު ފަޓުލޫނުގެ ޖީބަށް ލަމުން ރުހައިމް އިސްއުފުލައިލިއެވެ. އޭރު ދިގު ފިޔަވަޅުތަކެއް އަޅަމުން އައި ނާލާ އޭނަ ގާތަށް އައިސް ހުއްޓެނީއެވެ. ރުހައިމް ފެނުމުން ނާލާގެ ތުންފަތަށް ވެރިވެގެން ދިޔައީ ފުޅާ ހިނިތުންވުމެކެވެ. ހަމަ އެފަދައިން ރުހައިމް ވެސް ނާލާއާއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

''އަނެއްހެން އެއްޗެކޭ ނުބުނޭ، ރުހައިމްގެ ޕްރޮމޯޝަންއާ ބެހޭ ގޮތުން ސުވާލުކުރީ، ވަރަށް އުފާވެފަ ހުރީ...'' ނާލާއަށް ވިސްނާލަން ޖެހުނެވެ. ދޮގު ހެދުން އެއީ އޭނަ ފޫހިވާ ކަމަކަށް ވިޔަސް މިފަހަރު ޖެހުނީ އެމަގު ޚިޔާރުކުރާށެވެ. ހަމަޖެހިލައިގެން މުޅިން އެހެން މާހައުލެއްގައި ރުހައިމްއާ އެވާހަކަ ހިއްސާކުރަން ބޭނުންވާތީއެވެ.

''ރިއަލީ؟...'' ރުހައިމްއަށް ލިބުނީ ހައިރާންކަމެވެ. އުފާވެރިކަމުގެ ވިދުން ރުހައިމްގެ ދެލޮލުން ފާޅުވިއެވެ. ''މަންމަ ހަމަ އެހެން ބުނިތަ؟، އެވާހަކަ ހިއްސާ ކުރި ދުވަހު ނުދެވުނީމަ ދެރައެއްނު، ދެން ހުކުރުދުވަހުން ބައްދަލުވެދާނެތާ......''

''އާނ... މިހާރު ފުރާ ދުވަސް ފައިނަލް ވެއްޖެތަ؟...'' ސައިކަލުގެ ފަހަތަށް އަރަމުން ނާލާ ބުނެލިއެވެ. އޭނަ ބޭނުންވީ ދެކެވެމުން ދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ. މާގިނައިން ރުހައިމް ސުވާލުކުރަން ފަށައިފިނަމަ އޭނަގެ ދޮގުތައް ފަޅާއަރާފާނެތީއެވެ. ދޮގުހެދުމުގައި އޭނައަކީ މާހިރެއް ނޫނެވެ.

''އާނ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ހަމަޖެހުނީ، އެކޮޅުގަ ހަފްތާއެއްވަރު ވާނެ...'' ނާލާ ސައިކަލުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއެކު ރުހައިމް ސައިކަލު ދުއްވާލިއެވެ.

''އެކަނިތަ ދަނީ؟...'' ނާލާ އެހިއެވެ.

''ނޫން!، ޔަޝްފީއާއެކުގަ ދަނީ...'' ރުހައިމް ޖަވާބު ދިނެވެ.

''ޔަޝްފީ؟...'' ނާލާއަށް އަހާލެވުނެވެ.

(ނުނިމޭ)