އެމްޑީޕީން ވައްކަންކުރަން ބޭނުންނަމަ އެ ޕާޓީން ހުށަހަޅައިގެން އެ ޕާޓީގެ 65 މެންބަރުން ތިބި ރައްޔިތުންގެ މަޖިލީހަކުން ކޮވިޑް ހަރަދުތައް އޮޑިޓް ކުރަން ފާސް ނުކުރީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުުގެ ސަރުކާރާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީން ތަކުރާރުކޮށް ކުރަމުން ގެންދާ ތހުމަތުތަކަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ރޮޒެއިނާ ވިދާޅުވީ އެމްޑީޕީން ވައްކަންކުރަން ބޭނުންނަމަ މަޖިލީހުން އެގޮތަށް ފާސްނުކުރީސް ކަމަށެވެ. އަދި ކޮވިޑް 19 އާ ގުޅިގެން މިނިސްޓްރީތަކުން ކުރި ހަރަދުތައް އޮޑިޓް ކުރީ އިދިކޮޅު ޕީޕީއެމް ޕީއެންސީން ބުނެގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައްކަމާ ދެކޮޅު ކަމަށެވެ. އަދި އޮޑިޓާ ޖެނެރަލް މިއަދު މިނިވަން ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން މިނިސްޓްރީތަކުން ކުރި ހަރަދުތައް މަޖިލީހުން ފާސްކޮށްގެން ވަނީ އޮޑިޓް ކޮށްފައެވެ. އެ އޮޑިޓްތަކުން ގިނަ ކަންތައްތަކެއް ވަނީ ފެންމަތި ވެފައެވެ.

އެގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮޑިޓުން ބޮޑެތި ކަންތައްތަކެއް ފާހަގަ ކުރެވޭތީ، އެތަނުގެ ފައިސާ ހަރަދުކުރަން ހުއްދަ ދިން ފަރާތްތަކުގެ މައްސަލަ ބަލަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވަނީ އަންގަވައިފައެވެ.

އޭގެ އިތުރުން ވެންޓިލޭޓަރުތައް ގަތުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ މުއާމަލާތްތަކުގައި ކުރި މައްސަލަތަކާއި، ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހަރަދު ކުރުމުގައި ފާހަގަ ކުރެވޭ ކަންތައްތައް އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.