ޓެކްނޮލޮޖީ

އެޕަލް ޓައިމް ފްލައިސް: އާ އައިފޯނަށް ކުރި އުއްމީދު ފެނަށް

މުހައްމަދު އައުޒަމް

އެޕަލް އިން ކޮންމެ އަހަރަކުވެސް ބާއްވާ ހާއްސަ އިވެންޓަށް އެތައް ބަޔަކު އިންތިޒާރު ކުރަނީ އަބަދުވެސް އެކުންފުނިން ތައާރަފު ކުރާ ޕްރޮޑަކްޓްތައް ބަލައިލުމަށެވެ. ހާއްސަކޮށް އަލަށް ނެރޭ އައިފޯނު އެއީ ގިނަ ބައެއްގެ އުއްމީދެކެވެ.

މިއަހަރުގެ ހާއްސަ އިވެންޓް އެޕަލް އިން ރޭ ބާއްވާފައިވާއިރު އެޕަލްގެ ފޭނުން ތިބީ އާ އައިފޯނު ބަލައިލުމަށް ކެތްމަދު ވެފައެވެ.

އެޕަލް "ޓައިމް ފްލައިސް" އިވެންޓުގައި މިފަހަރު އެކުންފުނިން ދައްކައިލައިފައި ވަނީ އައިޕެޑްގެ އިތުރުން އައި ވޮޗްގެ އާ ސީރީޒް ތަކެވެ. އާ އައިފޯނެއް ނުފެނުނެވެ.

އެޕަލްގެ އެންމެ ފަހުގެ ފޯން އައިފޯން 12 އުފެއްދުމުގައި ބޮޑެތި ލަސްތަކެއް ހުރި ކަމަށް ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން މިއަހަރުގެ ކުރީކޮޅުގައި ދިޔައީ ބުނަމުންނެވެ. އައިފޯން 12 އުފެއްދުމަށް ބޮޑެތި ލަސްތަކެއް އައިސްފައިވަނީ ދުނިޔެއަށް އައި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން އެންމެ ބޮޑު ކާރުހާނާ ކަމުގައިވާ ޗައިނާގެ ފޮކްސްކޮމް ކާރުހާނާ ބަންދުކޮށް ހުޅުވުން ލަސްވުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޓެކްނޮލޮޖީ ދިރާސާކުރާ ނިކޭއީ އޭޝިއަން ރިވިއުއިން ވަނީ އައިފޯން 12 އުފެއްދުން ލަސްވެފައިވީ ނަމަވެސް މިއަހަރުގެ ފަހުކޮޅު އެޕަލް އިން އާ އައިފޯން ތައާރަފު ކުރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ނިކޭއީ އޭޝިއަން ރިވިއުއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެޕަލް އިން މިހާރު ކުރަމުން އަންނަނީ އައިފޯން 12ގެ އެންމެ ފަހުގެ ޓެސްޓުތަކުގެ އިތުރުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެވެ.

އެޕަލްއިން މީގެ ކުރިން އައިފޯން 12ގެ 100 މިލިއަން ފޯނު ވިއްކުމަށް ނިންމި ނަމަވެސް މިހާރު އެކުންފުނިން ވަނީ އެ އަދަދު 80 މިލިއަނަށް ދަށްކޮށްފައި ކަމަށް ވެސް ނިކޭއީ އިން ބުނެފައި ވެއެވެ.

އެޕަލް އިން އައިފޯން 12 ނެރޭނެ ތާރީހެއް އަދި އާންމު ކޮށްފައި ނުވިނަމަވެސް މިއަހަރު ނިމުމުގެ ކުރިން އާ ފޯނު ފެންނާނެކަމަށް ގިނަބަޔަކު އުއްމީދު ކުރެއެވެ.