ޓެކްނޮލޮޖީ

އެޕަލް ޓައިމް ފްލައިސް: އެޕަލް ވަން މެދުވެރިކޮށް ސަބްސްކްރައިބް ކުރާ ހިދުމަތްތައް އެއްތަނަކުން

މުހައްމަދު އައުޒަމް

އެޕަލް ވަން މެދުވެރިކޮށް ސަބްސްކްރައިބް ކުރާ ހިދުމަތްތައް އެއްތަނަކުން ލިބޭނެ ގޮތް ހަދައިފިއެވެ.

އެޕަލް އިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކުންފުނިން ވަނީ އޮންލައިން މެދުވެރިކޮށް ސަބްސްކްރައިބް ކުރާ ގިނަ ޕްލެޓްފޯމްތަކެއް އެއްފުރާޅެއްްގެ ދަށަށް ގެންގޮސްފައެވެ. އެޕަލް ވަންގެ ދަށުން އެޕަލް ޓީވީ ޕްލަސް އާއި އެޕަލް އާކޭޑްގެ އިތުރުން އެޕަލް ނިއުސް ޕްލަސް އަދި އެޕަލް ފިޓްނެސް ޕްލަސް އަށް ސަބްސްކްރައިބް ކުރެވޭނެއެވެ. މީގެ އިތުރުން އެޕަލް ވަން މެދުވެރިކޮށް އަައިކްލައުޑް އަށްވެސް ސަބްސްކްރައިބް ކުރެވޭނެ ގޮތް ވަނީ ހަދައިފައެވެ.

އެޕަލް ވަންގެ ހިދުމަތް 100 އެއްހާ ގައުމުތަކުގައި އެޕަލް ބޭނުންކުރާ ފަރާތްތަކަށް މިހާރު ލިބޭނެކަމަށް އެކުންފުނިން ބުނެފައި ވެއެވެ. އެޕަލް އިން ވަނީ މިހިދުމަތް އެޕަލްގެ އައިފޯން އާއި އައިޕެޑްގެ އިތުރުން އައިޕޮޑް ޓަޗް އަދި އެޕަލް ޓީވީ އާއި މެކް އިންވެސް ލިބޭނެކަމަށް ބުނެފައެވެ.

އެޕަލް ބޭނުންކުރާ ފަރާތްތަކަށް ފުރަތަމަ އެއް މަސްދުވަހުގެ ހިލޭ ޓްރަޔަލް އެއް ލިބޭނެ އެވެ. އެއަށްފަހު ޖެހޭނީ ހިދުމަތް ހޯދުމަށް ޕެކޭޗް ނަގަން ކަމަށް އެޕަލް އިން ބުނެފައިވެއެވެ.

އެޕަލް ވަން ގައި ތިން ޕެކޭޖެއް ހިމެނެއެވެ. އިންޑިވިޖުއަލް ޕެކޭޖް މެދުވެރިކޮށް އެޕަލް މިއުޒިކް އަދި ޓީވީ ގެ އިތުރުން އެޕަލް އާކޭޑް އަދި 50ޖީބީގެ އައިކްލައުޑް ސްޕޭސް ލިބޭނެއެވެ. މި ޕެކޭޖްގެ އަގަކީ މަހަކު 15.95 ޑޮލަރެވެ.

އެޕަލް ވަންގެ ފެމެލީ ޕްކޭޖް މެދުވެރިކޮށް އެޕަލް މިއުޒިކް އަދި ޓީވީ ގެ އިތުރުން އެޕަލް އާކޭޑް އަދި 200ޖީބީގެ އައިކްލައުޑް ސްޕޭސް ލިބޭއިރު މިޕެކޭޖް އެއްފަހަރާ ހަ މީހުންނަށް ބޭނުން ކުރެވޭނެއެވެ. މި ޕެކޭޖްގެ އަގަކީ މަހަކު 19.95 ޑޮލަރެވެ.

އެޕަލް ވަންގެ އެންމެ ބޮޑު ޕެކޭޖް ޕްރިމިއާ ޕެކޭޖް މެދުވެރިކޮށް އެޕަލް މިއުޒިކް އަދި ޓީވީގެ އިތުރުން އެޕަލް އާކޭޑް އާއި އެޕަލް ފިޓްނެސް ޕްލަސް އަދި އެޕަލް ނިއުސް އަދި 2 ޓެރަބައިޓްގެ އައިކްލައުޑް ސްޕޭސް ލިބޭނެއެވެ. މިޕެކޭޖް ވެސް އެއްފަހަރާ ހަ މީހުންނަށް ބޭނުން ކުރެވޭނެއެވެ. މި ޕެކޭޖްގެ އަގަކީ މަހަކު 29.95 ޑޮލަރެވެ.