އެމްއެމްޕީއާރުސީގެ މައްސަލަ އިންސާފުވެރިކަމާއެކު ނިންމުމުގެ ގާބިލުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެބައޮތް ކަމަށް އެ ހިޔާނާތުގެ މައްސަލައިގައި އެންމެ އިސްކޮށް ހިމެނިވަޑަިއގަންނަވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ، އޭނާގެ މައްޗަށް ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާ އެ ކޯޓުން ބާތިލުކުރުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްގެން މިއަދު ހައިކޯޓުގައި ބޭއްވި ޝަރިއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިހުލާސްތެރިކަމާއި ގާބިލުކަން އެބައޮތް ކަމަށާއި އެމްއެމްޕީއާރުސީގެ މައްސަލަ އިންސާފުވެރިކަމާއެކު ނިންމާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ސަރުކާރަށް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަަށްވެސް ވިދާޅުވިއެވެ.
"ރައީސް ސޯލިހުގެ ސަރުކާރުގައި އެބައޮތް އެ އިހުލާސްތެރިކަމާއި ގާބިލުކަން. މި މައްސަލަ ބަލައި ނިންމުމުގެ އިންސާފުވެރިކަން. އެހެންކަމުން އެއްބާރުން ދެމުން މިދަނީ،" އަދީބު ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ބާތިލުކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.
އަދީބު ވިދާޅުވީ، އެ ދައުވާތަކަކީ މައުޟޫއީ ގޮތެއްގައި ކުރިއަށްގެންދަން ޖެހޭ މައްސަލަތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ހައިކޯޓުގައި އެދިފައިވާގޮތަށް، އެ މައްސަލަތައް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު