މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެންއޭ) އާ ދެކޮޅަށް ބޭއްވި ހަރަކާތެއްގައި ބައިވެރިވި މެޖިސްޓްރޭޓަކަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމްއިއްޔާ އާއި އެ ރިޕޯޓް ތައްޔާރުކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައި އޮކްޓޯބަރު 15، 2019 ގައި ރ. ހުޅުދުއްފާރުގައި ބޭއްވި ހަރަކާތުގައި ބައިވެރިވެގެން ޖޭއެސްސީން ފިޔަވަޅު އެޅީ އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާއަށެވެ.
ޖޭއެސްސީން ނެރުނު މިއަދު ބަޔާނެއްގައި ވަނީ އެމްޑީއެންއާ ދެކޮޅަށް ބޭއްވި ހަރަކާތުގައި އިސް މެޖިސްޓްރޭޓް މުސްތަފާ ބައިވެރިވިކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާތީ އެކަމަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ، އޭނާއާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމާއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެެއް ފުރިހަމަ ކުރަން އެންގުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އަޑު އުފުލާފައިވާއިރު އެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް ސަރުކާރުން ވަނީ އެ ޖަމްއިއްޔާ އުވާލައިފަ އެވެ. ނަމަވެސް އެ ރިޕޯޓް ނެރުނު މައްސަލައިގައި އެއްވެސް މީހަކަށް މިހާތަނަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.