ކޮވިޑް-19އާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭ އިންކަމް ސަޕޯޓް އެލަވަންސް ބޮޑުކަންނެލި މަސްވެރިންނަށް ވެސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފި އެވެ.
އެ ޔޫނިއަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް ކޮވިޑުގެ ސަބަބުން ބޮޑުކަންނެލީ މަސްވެރިން ބާނާ މަސް ގަންނަމުން އައިސްފައިވަނީ 35 ރުފިޔާއަށްވުރެ ދަށް އަގުތަކެއްގައި ކަމަށެވެ. އަދި އާންމުގޮތެއްގައި މަހުގެ އަގު އެވްރެޖްކޮށް ހުންނަނީ 40 ރުފިޔާ އާއި 50 ރުފިޔާގެ ދަށް އަގެއްގައިކަމުން ދެބައިކުޅަ އެއްބަޔަށް މަސްގަންނަން އަގު ދަށްވުމުން އެވްރެޖްކޮށް ބޮޑުކަންނެލީގެ ބޮޑު އިންސައްތަ މަސްވެރިންނަށް 5000 ރުފިޔާގެ އާމްދަނީއެއް މަހެއްގެ މައްޗަށް ލިބިފައި ނުވާކަމުގައި ކަމަށް އެ ޔޫނިއަނުން ބުނެ އެވެ.
"ސަރުކާރުގެ ފަރާތުން ކޮވިޑް 19 ގައި މަސްގަންނަ ފަރާތްތަކަށް މަސްގަތުމަށް ފައިސާ ދޫކޮށްފައިވާތީ ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭ އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާނެ ކަމަށް ނިންމާފައިވާތީ މި ޔޫނިއަންގެ ފަރާތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ،" ޔޫނިއަންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ އެ ނިންމުން ވަގުތުން ވަގުތަށް ބަދަލުކޮށް ބޮޑު ކަންނެލި މަސްވެރިންގެ ތެރެއިން ވެސް 5000 ރުފިޔާގެ އާމްދަނީއެއް ނުލިބޭ މަސްވެރިންނަށް އާމްދަނީގެ އެހީތެރިކަން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލައިފަ އެވެ. އަދި ބޮޑުކަންނެލި މަސްވެރިން ބާނާ މަސް އެކަށީގެންވާ ރަނގަޅު އަގެއްގައި ގަނެ، ގިނަ މާކެޓްތަކަށް ބޭރުކުރެވި އިތުރު ފަރާތްތަކަށް ބޮޑުކަންނެލި މަސްގަނެ ބޭރުކުރެވޭނެ ގޮތަށް ސިޔާސަތު ބަދަލުކޮށް މަސްވެރިންގެ މެދުގައި ސަރުކާރުން ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށް ވެސް ގޮވާލާފައި ވެއެވެ.
އޭގެ އިތުރުން މަސްގަންނަ ފަރާތްތަކުން މަސްބޭރު ކުރުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ހައްލެއް ގެނެވި، މަހުގެ އަގަށް އަންނަ ނުރަނގަޅު ބަދަލު މަސްވެރިން ހަމައެކަނި ހިއްސާ ކުރަން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ވެސް ޔޫނިއަންގެ ފަރާތުން ގޮވާލި އެވެ.
ކަންނެލި
ކަންނެލި
ކަންނެލި
ކަންނެލި