ސިޔާސީ ޕާޓީއެއްގެ އެންމެ އިސްފަރާތް ކަނޑައަޅަނީ އިލެކްޝަން ކޮމިޝަނަކުން ނޫން ކަމަށް އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ފަރާތަކަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވައިދުގެ ހަ ވަނަ ބާބުގައި ބުނާ ގޮތުން ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެބޭފުޅެކެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސްއެވެ. ހަ ވަނަ ބާބުގައި ބުނާ ގޮތުން އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީގެ އެންމެ އިސް މަގާމު ކަމެއް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެއެވެ. އަސާސީ ގަވައިދުގެ 78 ވަނަ މާއްދާގައި ބުނާގޮތުން ޕާޓީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސްއެވެ.
އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ކޮބައިކަމާ މެދު އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ އިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާޓީގެ އެންމެ އިސް ފަރާތް އެނގޭނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދު އޮންނަ ގޮތަކުން ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވައިދުގެ ހަ ވަނަ ބާބުގެ މާއްދާތަކުން އެޕާޓީގެ އެންމެ އިސް ފަރާތަކީ ކޮބައިކަން އެނގޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީއެއްގެ އިސްފަރާތަކީ ކޮންފަރާތެއްތޯ ކަނޑައަޅާ މުއައްސަސާއެއް ނޫން. އެކަން އެނގޭނީ ޕާޓީގެ އަސާސީ ގަވައިދު އޮންނަ ގޮތުން،" ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ އިސް ލީޑަރު އޮޅުވާލައި ގައްދާރުވެފައިވާ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފު މަގާމުން ވަކިކޮށްދޭން އެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުވެއިބު އަލީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުއްވައިފައެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް ބާރު އަޅުއްވައި ދެއްވުމަށް އެދިވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅާ ގުޅިގެން ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް ޝުވެއިބު ފޮނުވި ސިޓީގެ ޖަވާބުގައި ހަސަން ލަތީފު އޭނާއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް މަގާމަކީ އެޕާޓީގެ ރައީސްގެ މަގާމު ކަމަށެވެ.
ހަސަން ލަތީފު ދެއްވި އެ ޖަވާބާ ގުޅިގެން ޝުވެއިބު މިއަދު ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް މަގާމަކީ ރައީސް ނަޝީދު ކަމަށް ހަސަން ލަތީފު އޭނާއަށް ފޮނުވި ސިޓީގައި ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު އެމްޑީޕީގެ އަސާސީ ގަވައިދުގައި ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ އެންމެ އިސްފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ޕާޓީގެ މެންބަރު ކަމަށް ގަބޫލުނުކުރެއްވުމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަގާވާތެއް ކަމުގައި ދެކޭ ކަމަށް ސިޓީގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު