މިދިޔަ މަހު ރާއްޖޭން ބޭރު ކުރި މުދަލާއި އެތެރެކުރި މުދަލުން، ދައުލަތަށް ލިބުނު އާމްދަނީ 66 އިންސައްތަ ދަށްވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމަސްއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓް މަހު ދައުލަތަށް އިމްޕޯޓް/ އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 297 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ އޮގަސްޓް މަހު ލިބުނީ 102 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 66 އިންސައްތައިގެ ދަށްވުމެކެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެކްސްޕޯޓުކޮށްފައިވަނީ 251 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ދެ ޕަސަންޓުގެ ދަށްވުމެކެވެ. މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 35 އިންސައްތައިގެ ދަށްވުމެކެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ އާއި އިންޑިއާ އަދި ސިންގަޕޫރެވެ. އެގޮތުން ޗައިނާ އިން 429 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 293 މިލިއަން އަދި ސިންގަޕޫރުން 254 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
މީގެ އިތުރުން މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑްގެ އިތުރުން ޖަރުމަނުވިލާތާއި އިނގިރޭސިވިލާތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު