_12 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ماه بانو ލަދުފުޅުން ތެދުވެވަޑައިގެންފިއެވެ. އޭނާ يـاسمـين ގެ މުލައްދަނޑިފުޅުގައި ހިއްޕަވައި ދަންނަވަމުން އެކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

حسّان ކަންބޮޑުވެވަޑައިގެން ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލައްވައިފައި ތެދުވެވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. ޒަރުބަޚުތު ދެން އަރާމުކުރައްވާށެވެ! އަޅުގަނޑު ދިޔުމުގެ ހުއްދަ ދެއްވާށެވެ!"

"ނޫނެކެވެ! އަދި މަޑުކުރައްވާށެވެ!" ޒަރުބަޚުތު حسّان ގެ އަތްޕުޅުގައި ހިފަހައްޓަވައިފިއެވެ.

حسّان އަނެއްކާވެސް އިށީނދެވަޑައިގެންފިއެވެ. ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވަން އިރުކޮޅަކު ތިއްބަވައިފައި ޒަރުބަޚުތު ވިދާޅުވިއެވެ. "يـاسمـين ކަލާއާ ސަމާސާކުރެއްވީކީ ނޫނެވެ. އޭނާ ماه بانو އާ ބެހޭގޮތުން އަޅުގަނޑު އަދާކުރާންޖެހޭ ޒިންމާއެއް އަޅުގަނޑަށް ހަނދާންކޮށްދެއްވަން މަސައްކަތް ކުރެއްވީއެވެ. ޙަޤީޤަތުގައި އެއީ އަޅުގަނޑު ކުރާންޖެހޭ ސުވާލެކެވެ. ކަލާ ماه بانو އާ ބެހޭގޮތުން ވިސްނައިވަޑައިގަންނަވަނީ ކޮންގޮތަކަށްތޯއެވެ؟"

حسّان ޖަޒުބާތުގައި އިންނަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު އެއްޗެކޭ ދަންނަވާން ޖެހޭނެތޯއެވެ؟"

"ނޫނެކެވެ. ކަލާ އެއްޗެކޭ ވިދާޅުވާކަށެއް ޖެހިވަޑައެއް ނުގަންނަވައެވެ. އެކަމަކު ކަލާ އެނބުރިވަޑައިގަންނަވާނީ ކޮންއިރަކުތޯއެވެ؟"

"އަޅުގަނޑަށް ދަންނަވާކަށެއް ނޭނގެއެވެ. އަޅުގަނޑުމެންގެ أميـر އެ އިންތިޒާރު ކުރައްވަނީ އިތުރަށް ކުރިޔަށް ވަޑައިގެންނެވުމާމެދު أميـرالمؤمنـين ގެ ވިދާޅުބަސްފުޅަކަށެވެ. ލަޝްކަރު ދަތުރު ފަށަންވުމާއެކު އަޅުގަނޑު އެނބުރި އަންނާންޖެހޭނެއެވެ. މަދާއިނަށް އެނބުރި އައުމުގެ ބަދަލުގައި ސީދާ ހަނގުރާމައިގެ މައިދާނަށްވެސް ދާންޖެހިދާނެއެވެ. އައު މައިދާނެއްގައި ހަނގުރާމަ ނުފެށޭހައި ހިނދަކު ޢިރާޤުގައި އަޅުގަނޑުގެ މަސައްކަތް ކުރިޔަށް ގެންދާނަމެވެ. އަޅުގަނޑު ޢިރާޤުގައި ހުއްޓައި ކަލާ އަވަށަށް ވަޑައިގެންފިނަމަ ކޮންމެވެސް ދުވަހަކުން އަޅުގަނޑަށް އެ އަވަށަށް ދެވުމަކީ އެކަށީގެންވާ ކަމެކެވެ."

"މިހާރު ކަލާ ތިޔަ ވަޑައިގަންނަވަނީ ސީދާ ޙީރަތަށް ތޯއެވެ؟"

"އާދޭހެވެ!"

"ބޭސްވެރިޔާ ބުނުއްވާގޮތުން މިމަސް ނިމޭހައިތަނަށް އަޅުގަނޑަށް އަސްމައްޗަށް ސަވާރުވެވޭވަރު ވެދާނެއެވެ. އަޅުގަނޑު ބަލާނީ ވީހައިވެސް އަވަހަކަށް އަވަށަށް އެނބުރި ދެވޭތޯއެވެ. ماه بانو ގެ މުސްތަޤުބަލާމެދު އޭނާގެ ބޭބެގެ ނިންމުން ކަލާ ގަބޫލުކުރައްވާކަމުގައިވާނަމަ އަންނަ ހަނދުމަހުގެ ދިހަވަނަ ދުވަހު އަޅުގަނޑުމެންގެ އަވަށަށް ވަޑައިގަންނަވާށެވެ! حسّان އެވެ! ވިދާޅުވެ ބައްލަވާށެވެ! އަޅުގަނޑުމެންގެ އަވަށަށްދާ މަގު ކަލާ ހަނދުމަފުޅެއް ނުނެތޭނެ ދޮގެއްތޯއެވެ؟"

"އާދޭހެވެ! އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ! އަޅުގަނޑަށް އެ އަވަށަށްދާ މަގު ފެނުނީ އަޅުގަނޑުގެ ކުރިމަތީގައި ނާމާން އަނދިރިކަން ފިޔަވައި އެހެން އެއްވެސް މަގެއް ނެތްއިރުއެވެ." حسّان ތެދުވެވަޑައިގެން ޒަރުބަޚުތާ މުސާފަހާ ކުރައްވަން އަތްޕުޅު ދިއްކޮށްލައްވައިފިއެވެ.

ޒަރުބަޚުތު އޭނާގެ އަތްޕުޅުގައި ހިއްޕަވައިފައި ތެދުވެވަޑައިގެން އޭނާއާ ބަޣަލްޤީރު ކުރައްވައިފިއެވެ.

"އަޅުގަނޑުގެ މުހުސިނެވެ! އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ! އަޅުގަނޑުގެ އަޚާއެވެ! މާތް اللّـه ކަލާ ރައްކާތެރި ކުރައްވާށިއެވެ."

حسّان ސަލާމްކުރައްވައިފައި އެކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

ماه بانو އާއި يـاسمـين އާ ދެބޭފުޅުން ގޯތިތެރޭގައި ތިއްބެވިއެވެ. حسّان މެދު ދޮރޯއްޓާ ހަމަޔަށް ވަޑައިގެންފައި ހުއްޓިވަޑައިގެން ފަހަތަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "يـاسمـين މިކޮޅަށް ވަޑައިގެން ބައްލަވާށެވެ!"

يـاسمـين ލަދުފުޅުން ހުންނަވައި حسّان ގެ އަރިހަށް ވަޑައިގެންފިއެވެ. حسّان ވިދާޅުވިއެވެ. "يـاسمـين އެވެ! އަޅުގަނޑު ކަލާއަށް ވަރަށްބޮޑަށް ޝުކުރުވެރިވަމެވެ. ماه بانو ގެ އަރިހުގައި ވިދާޅުވެދެއްވާށެވެ. އަޅުގަނޑު އޭނާގެ ގެޔަށްދާ މަގު ހަނދާނެއް ނުނެތޭނެއެވެ." حسّان އެހެން ވިދާޅުވެފައި ވަރަށް ބާރަށް ހިންގަވައިފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.

يـاسمـين ހިނިފުޅު ވަޑުވަމުން ماه بانو އާ ދިމާއަށް ބައްލަވައިލެއްވިއެވެ. ماه بانو ކުރިޔަށް ވަޑައިގެން ސުވާލު ކުރެއްވިއެވެ. "އޭނާ ވިދާޅުވީ ކީކޭތޯއެވެ؟"

"އަޅުގަނޑު ނުދަންނަވާނަމެވެ." يـاسمـين ސަމާސާގޮތް ކަނޑުއްވައިލައްވައިފައި ވިދާޅުވިއެވެ.

"ކަލާކޮށްޓަކައި ވިދާޅުވާށެވެ!" ماه بانو يـاسمـين ގެ އަތްޕުޅުގައި ހިއްޕަވައި ދަންމަވަމުން ކޮޓަރިޔަށް ގެންދަވައިފިއެވެ.

يـاسمـين ލާނެއް ހިނިފުޅުވެޑުވުމަކާއެކު ماه بانو އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އޭނާ ވިދާޅުވީ ތިމަން ماه بانو ގެ ގެޔަށްދާ މަގު ހަނދާނެއް ނުނެތޭނެއޭ ދަންނަވާށޭއެވެ. އޭގެ މާނަޔަކީ ކޮބައިކަން އެނގިވަޑައިގަންނަވާތޯއެވެ؟ ކަލާގެ ބޭބޭފުޅުގެ އަރިހުގައި ކަލާގެ އަވަށަށް ކަލާ ވަޑައިގަންނަވަނީއެވެ. އޭނާވެސް އެތަނަށް ވަޑައިގަންނަވަނީއެވެ. އޭނާ އަޅުގަނޑަށް ޝުކުރު އަދާކުރެއްވިއެވެ. އޭނާ އެހައި އުފާފުޅުން އެހުންނެވީ ކީއްވެގެންކަން ކަލާއަށް އެނގިވަޑައިގަންނަވާނެއެވެ. ماه بانو އެވެ. ކަލާގެ މުސްތަޤުބަލާމެދު މިހާރުވަނީ ގޮތެއް ކަނޑައެޅިފައެވެ. ކަލާ ދެނެއް އަޅުގަނޑުގެ ވަކާލާތަކަށް ބޭނުންފުޅެއް ނުވާނެއެވެ. އަޅުގަނޑު ހަމަ މިއަދު އަޅުގަނޑުގެ ގެޔަށް ހިނގައިދާނަމެވެ."

އަނެއް ކޮޓަރީން ޒަރުބަޚުތުގެ އަޑުފުޅު އިވިއްޖެއެވެ. "ماه بانو އެވެ. ماه بانو އެވެ!"

"ބޭބޭފުޅާއެވެ. މިދަނީއެވެ!" ماه بانو އަވަސްއަވަހަށް ދޮރާ ދިމާޔަށް ވަޑައިގަންނަވަމުން ޖަވާބު ދެއްވިއެވެ.

+ + + + +

ޒަރުބަޚުތު ބާލީސްކޮޅެއްގެ އެހީގައި ލެނގިވަޑައިގެން އޭނާގެ އެނދުގައި އިންނެވިއެވެ. ماه بانو ލަދުފުޅުން ހުންނަވައި އެކޮޓަރިޔަށް ވަދެވަޑައިގެންފިއެވެ. ޒަރުބަޚުތު އިޝާރަތް ކޮށްލެއްވުމުން އޭނާ އިށީނދެވަޑައިގެންފިއެވެ. ޒަރުބަޚުތު އިރުކޮޅެއްވަންދެން ماه بانو އާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އިރުކޮޅަކުން އޭނާ ވިދާޅުވިއެވެ. "ماه بانو އެވެ. ޙަޔާތުގެ ދަތުރުގައި މައްސަރުތަކެއްގެ ނުވަތަ އަހަރުތަކެއްގެ މަންޒިލުތައް ގަޑިޔެއްހައިއިރުން ނިންމަންޖެހޭކަހަލަ ހަތަރު އަނގޮޅިތައްވެސް އާދެއެވެ. حسّان ވަޑައިގަންނަވާތީ ކުއްލިއަކަށް ބޭބެގެ ހިތަށްއެރީ ބޭބެގެ ޙަޔާތުގެ މުހިންމު ޒިންމާއަކާމެދު ދެން އިތުރަށް ޣާފިލުވެގެން ނުވާނެކަމުގައެވެ. މިއަންނަ މަހުގެ ދިހަވަނަ ދުވަހު ކޮއްކޮގެ ކާވެނިފުޅު ކޮށްދޭން ބޭބެ ކަނޑައަޅައިފީމެވެ. ވިދާޅުވާށެވެ! ކޮއްކޮގެ އިޢުތިރާޟެއް އެބައޮތްތޯއެވެ؟" ޒަރުބަޚުތު ހިނިފުޅު ވަޑުވަނީއެވެ. ماه بانو ގެ ލޯފުޅުގެ ނަޒަރު ބިންމަތީގައި ހަރުލައިފައެވެ.

"ބޭބެ ބޭނުންވަނީ މިމަސް ނިމެންވާއިރަށް އަޅުގަނޑުމެންގެ އަވަށަށް ދާށެވެ. އެކަމަކު ކޮއްކޮ އަދިވެސް ބޭބެގެ ސުވާލަކަށް ޖަވާބެއް ނުދެއްވަމުއެވެ. ބޭބެގެ ނިންމުން ރަނގަޅުތޯއެވެ؟"

ماه بانو އިސްއުފުލައިލައްވައި އޭނާގެ ބޭބެއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާގެ ލޯފުޅުގެ ކުރިމަތީގައިވަނީ ކަރުނައިގެ ފަރުދާއެއް ހުރަސްވެފައެވެ. ޒަރުބަޚުތު ކުރިޔަށް ޖެހިވަޑައިގެން ماه بانو ގެ އިސްތަށިފުޅުގައި ފިރުމައިލެއްވިއެވެ. ޒަރުބަޚުތު ވިދާޅުވިއެވެ.

"ލޯބިވާ ކޮއްކޯއެވެ! ބޭބެ އަބަދުވެސް ކޮއްކޮގެ މޫނުފުޅުމަތީން ދެކޭހިތްވަނީ ހިނިފުޅުވެޑުވުމެވެ. ކޮއްކޮޔަށްޓަކައި ބޭބެ ހޯދަމުން ގެންދިޔައީ މަރުމަރު ހިލައިގެ ގަނޑުވަރުތަކެވެ. އެކަމަކު ބޭބެއަށް ފިނިފެންމަލޭ ހީކުރެވުނީ އަނގުރު އަލިފާނަށެވެ. ބޭބެގެ ނާކާމިޔާބީއަކީ ކެހިލިބިފައިވާ އިންސާނެއްގެ ނާކާމިޔާބީއެވެ. ބޭބެ އަމިއްލަ ނަފުސަށް ކެހިދިނުމުގެ ސަބަބުން ކޮއްކޮގެ ޙަޔާތްޕުޅުގެ މަގަށްވެސް އެބަ ކަށިއެޅޭކަން ބޭބެއަށް ވިސްނުނު ނަމައެވެ. ماه بانو އެވެ! ބޭބެއަށް މާފުކުރައްވާށެވެ! ބޭބެގެ ނަސީބުގައިވާ އަނދިރިކަމުގެ ތެރެޔަށް ކޮއްކޮ ކޮއްޕައިލުމުގެ އެއްވެސް ޙައްޤެއް ބޭބެއަކަށެއް ނެތެވެ."

ماه بانو އޭނާގެ ބޭބޭފުޅުގެ އަތްތިލަފުޅުގައި ހިއްޕަވައިފައި ލޯފުޅުގައި ޖައްސައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ބޭބޭފުޅާމެދު އަޅުގަނޑުގެ ކުޑަވެސް ޝަކުވާއެއް ނެތެވެ. އަޅުގަނޑުގެ ބޭބޭފުޅު އަޅުގަނޑަށް އަނބުރައި ލިބުނުކަމީ އަޅުގަނޑުގެ ހެޔޮ ނަސީބެއް ނޫންތޯއެވެ؟"

ޒަރުބަޚުތު ވިދާޅުވިއެވެ. "ކޮއްކޮއަކީ ތިޔައަށްވުރެ މާބޮޑު ނަސީބުވެރިއެކެވެ. ماه بانو އެވެ! ބޭބެ ހަލާކުން ސަލާމަތްކުރީ ކޮއްކޮގެ ޙަޔާތުގެ ބައިވެރިޔަކަށް ވެވަޑައިގަންނަވާ ހިތްވަރުފުޅުގަދަ މާތް އިންސާނާގެ ޒަރީމުގެ އަލިކަމެވެ."

ماه بانو ތެދުވެވަޑައިގެން ދޮރާ ދިމާޔަށް ވަޑައިގަންނަވާން ފަށްޓަވައިފިއެވެ. ނަމަވެސް ކޮންމެވެސް އެއްޗެއް ވިސްނައިވަޑައިގެން ހުއްޓިވަޑައިގެންފިއެވެ. އޭނާ ޒަރުބަޚުތާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ބޭބޭފުޅު يـاسمـين އާމެދު ވިސްނައިވަޑައިގަންނަވަނީ ކޮންގޮތަކަށްތޯއެވެ؟"

ޒަރުބަޚުތު އިރުކޮޅެއްވަންދެން ماه بانو އާ ދިމާޔަށް ބައްލަވާން އޮންނެވިއެވެ. އޭނާގެ އުދާސް މޫނުފުޅުމަތީގައި ކުއްލިޔަކަށް ހިނިފުޅު ވެޑުވުމެއްގެ އަސަރު ފެތުރިގެންފިއެވެ.

"ماه بانو އެވެ! ތިޔައީ ކޮއްކޮއަށް ދަންނަވާން ބޭނުން ވާހަކައެއް ކަމަކަށެއް ބޭބެ ނުދެކެމެވެ. ބޭބެ އަބަދުވެސް يـاسمـين ދުށީ ބޭބެގެ ޚިޔާލުގެ ހަތްވަނަ އުޑުންނެވެ. ބޭބެ މަގު ގެއްލުމުގެ އަނދިރީގައި ގަނަތެޅެމުން ދިޔައިރުވެސް ބޭބެގެ ޙަޔާތުގެ އެންމެ ފަޅިސިކުންތެއްވެސް އޭނާގެ ހަނދާނުން ހުސްވެގެންނެއް ނުވެއެވެ. ބޭބެގެ ޢަޒުމަކީ ރީތި ނަމާއި ކާމިޔާބީގެ އެންމެމަތީ ހަރުފަތަށް އެރުމަށްފަހު އެއްވެސް ފަސްޖެހުމަކާއި ލަދުވެތިކަމަކާ ނުލައި ފުރޭބުރުޒުގެ މާފަދަރިކަނބަލުންގެ އަރިހުގައި އަޅުގަނޑު ކަލާ ލިބުން އެދެމޭ ދެންނެވުމެވެ. ނަމަވެސް އެ މަންޒިލުތަކަށް ވާސިލުވެވޭ ސިޑި ހަލާކުވެއްޖެއެވެ. ބޭބެއަށް ގިރާނުކުރެވޭފަދަ އުސް ފަރުބަދަތަކަކާއި ފުން ކޯރުތަކެއްވަނީ އަޅުގަނޑުމެން ދެމީހުންގެ ދެމެދަށް ހުރަސް އަޅައިފައެވެ. ބޭބެ ޖަލުން ސަލާމަތްވިއިރު ދުނިޔެވަނީ ބަދަލުވެފައެވެ. އެކަމަކު އާރެއް ބާރެއްނެތް އެއްވެސް ފަދަޔަކުންކުރެ ފަދައެއްނެތް މީހެއްގެ ހައިސިއްޔަތުން يـاسمـين ގެ ކުރިފުޅުމަތީގައި އަތްފަތުރައިލާކަށެއް ބޭބެއަކަށް ނޭދެވުނެވެ. އަލުން އީރާނުގެ ފައުޖުގައި ބައިވެރިވެވުމުގެ ފުރުސަތު ލިބުމުން ބޭބެ އުންމީދުކުރީ ޤުދުރަތުން ބޭބެއަށް ނިކަމެތިކަމުގެ ތެރެއިން ތެދުވެ ހިންދެމިލުމުގެ އިތުރު ފުރުސަތެއް ދެއްވީކަމުގައެވެ. ބޭބެގެ މާޒީގެ ފަރުވާކުޑަކަމުގެ ބަދަލު އަނބުރައި ހޯދަން ޢަޒުމު ކަނޑައެޅީމެވެ. އެއީ ބޭބެގެ ހުރިހާ އުންމީދުތަކާއި އެދުންތައް އެ އަނދިރިކަމެއްގެ ތެރޭގައި ހުވާސް ހިނގި އަނދިރިކަމެވެ. އަނެއްކާވެސް ބޭބެއަށް މިދުވެވެނީ ކަނުއަނދިރީގެ ފަހަތުންކަމެއް ބޭބެއަކަށް ވިސްނައެއް ނުގަނެވުނެވެ. ބޭބެ ކުޑަވެސް ލަދުވެތިކަމެއްނެތި އިޢުތިރާފުވަމެވެ. ބޭބެއަށް އަނބުރައި މިއާދެވެނީ ނާކާމިޔާބީގެ އެންމެފަހު ރޮނގާ ހަމަޔަށް ދިޔުމަށް ފަހުގައެވެ. ماه بانو އެވެ. ކޮއްކޮ يـاسمـين ގެ އަރިހުގައި ވިދާޅުވާށެވެ. އޭނާ ބޭބެއަކީ ނަފުރަތު ކުރައްވަން އެކަށީގެންވާ މީހެއްކަމުގައި ނުބައްލަވައި ކެހިލިބިފައިހުރި އިންސާނެއްގެ މާޒީގެ ފަރުވާކުޑަ ކުރުންތައް ހަނދުމަފުޅު ނައްތައިލައްވަން ތައްޔާރަށް ހުންނެވި ކަމުގައިވާނަމަ ބޭބެ ދެކޭނީ ހުރިހައި އެއްޗެއްސެއް ނަގައިލެވުމަށްފަހުވެސް ބޭބެ އެދޭ ހުރިހާކަމެއް ހާސިލުވީ ކަމުގައެވެ."

ماه بانو ވިދާޅުވިއެވެ. "يـاسمـين އަށް އެނގިވަޑައިގެންފައި ނެތްކަމެއްގެ ވާހަކައެއް ބޭބޭފުޅު ވިދާޅެއް ނުވަމުއެވެ. އަދި އަޅުގަނޑުގެ ސުވާލުގެ ޖަވާބެއްވެސް ނުދެއްވަމުއެވެ."

"މީގެއިތުރަށް ކޮއްކޮޔަށް ދަންނަވައިދެވޭނީ ކޮންވާހަކައެއްތޯއެވެ؟ يـاسمـين ބޭބެއަށް އިތުބާރު ކުރައްވާނަމަ ބޭބެ އޭނާ މާޔޫސެއް ނުކުރާނަމެވެ."

ماه بانو ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ. އަޅުގަނޑުގެ ސުވާލަކީ ބޭބޭފުޅުގެ ކާވެނިފުޅު އޮންނާނީ ކޮންއިރަކުތޯ މިސުވާލެވެ؟"

ޒަރުބަޚުތު އޭނާގެ ހިނިފުޅު މަތަކުރައްވަމުން ވިދާޅުވިއެވެ. "އޭނާ ބެހެރާޝޭރަށް ވަޑައިގަންނަވާ ވާހަކަ ކޮއްކޮ ވިދާޅުވީމެއް ނޫންތޯއެވެ؟"

"އޭނާ ވަޑައިގަންނަވަނީކަމަށް ހީފުޅުކުރެއްވުނީ ކިހިނަކުންތޯއެވެ؟"

"އަޅުގަނޑުމެންގެ އަވަށަށް އަޅުގަނޑުމެން ދާއިރު އޭނާ އަޅުގަނޑުމެންނާއެކު ވަޑައިނުގަންނަވާނެކަމަށް ކޮއްކޮއަށް ހީފުޅުވީ ކީއްވެގެންތޯއެވެ؟ ކޮއްކޮ ވަޑައިގެން އޭނާގެ އަރިހުގައި ވިދާޅުވާށެވެ. އޭނާގެ މުސްތަޤުބަލާމެދު ގޮތެއް ކަނޑައަޅަން އަޅުގަނޑަށް އިޚުތިޔާރު ދެއްވާނަމަ މިމަސް ނިމުމުގެ ކުރީން އަޅުގަނޑުމެންގެ ކާވެނީގެ ތާރީޚު ކަނޑައެޅުއްވުމުގެ އިޚުތިޔާރު އަޅުގަނޑު ކޮއްކޮޔަށް ދީފީމެވެ. އެކަމަކު ކޮއްކޮއާމެދު ބޭބެގެ ޝަކުވާއެއް އެބައޮތެވެ."

ޒަރުބަޚުތު ހިނިފުޅު ވަޑުވައިލެއްވިއެވެ. "ވޭތުވެދިޔަ އަށްދަން އިރުއްސުރެ ބޭބެ މިވިސްނަނީ ބުއްދިވެރި ކޮއްކޮޔަކަށް އޭނާގެ މޮޔަ ބޭބެއާ ބެހޭގޮތުން އޭނާގެ ޒިންމާ އިޙުސާސްވެ ވަޑައިނުގަންނަވަނީ ކީއްވެގެން ބާވައެވެ؟ މިކަމާ މެދުގައެވެ."

ماه بانو ވިދާޅުވިއެވެ. "ބުއްދިވެރި ކޮއްކޮޔަށް އޭނާގެ މޮޔަ ބޭބޭފުޅު އަށްދަންއިރުގެ ތެރޭގައި މިހާދުރު މަންޒިލުތަކެއް ކަޑައްތުކުރައްވައިފާނެކަން އެނގޭނީ ކިހިނަކުންތޯއެވެ؟ އަޅުގަނޑުގެ ނިންމުމަކީ يـاسمـين ކާއޫސާއެކު ބެހެރާޝޭރަށް ވަޑައިގެންނެވުމެވެ. ބޭބޭފުޅުގެ އާލާސްކަންފުޅު ފަސޭހަފުޅުވުމާއެކު ކާވެނިފުޅުގެ ރަސްމިއްޔާތު އަދާކުރުމެވެ. ހަފުތާއެއްގެ ތެރޭގައި ބޭބޭފުޅަށް ރަނގަޅުފުޅު ވެދާނެކަމަށް އަޅުގަނޑަށް އުންމީދު ކުރެވިދާނެތޯއެވެ؟"

ޒަރުބަޚުތު ހިނިފުޅުވަޑުވަމުން ޖަވާބު ދެއްވިއެވެ. "އެއްހަފުތާގެ ތެރޭގައި ބޭބެއަށް ފަތައިފައި ކޯރު ހުރަސްކޮށްވެސް ލެވިދާނެއެވެ. އެކަމަކު ހިތާމަޔަކީ حسّان ވަޑައިގެން ނެތްކަމެވެ. އޭނާގެ ރަޙުމަތްތެރީންކުރެ ބޭސްވެރިޔާ ނޫން އެހެން ބޭކަލަކު ބޭބެޔަކަށެއް ނޭނގެއެވެ. ބޭބެ ގަސްދުކޮށްގެންހުރީ އަޅުގަނޑުމެންގެ އަވަށަށްގޮސް ކާވެނީގެ ރަސްމިއްޔާތު ބާއްވަން ކަމަށެވެ. މިވީގޮތުން حسّان ގެ ރަޙުމަތްތެރީންކޮޅެއް ގެނެސްދެއްވަން ބޭސްވެރިޔާއަށް ނަންގަންނާނީއެވެ."

ماه بانو ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ. ކާއޫސަށްވެސް ތިޔަކަންތައް ހަމަޖައްސައިލެވިދާނެއެވެ. އޭނާ އިސްލާމީ ލަޝްކަރުގެ އެތައް ޖަނަރަލުންނެއް ދަންނާނެއެވެ. ބޭބޭފުޅުގެ ރަޙުމަތްތެރީންކުރެ އިސްލާމްވެ ވަޑައިގެންފައިވާ އެތައްބަޔަކުވެސް މަދާއިނުން ހޯދިދާނެއެވެ."

ޒަރުބަޚުތު ކުޑަކޮށް ވިސްނައިވަޑައިގެންފައި ވިދާޅުވިއެވެ. "ކޮއްކޮ يـاسمـين އާ ވާހަކަފުޅު ދައްކައިލެއްވުން ރަނގަޅެއް ނުވާނެތޯއެވެ؟"

ماه بانو ހިނިފުޅު ވަޑުވައިލެއްވިއެވެ. "އަޅުގަނޑު يـاسمـين އާ ވާހަކަ ދައްކައިފީމެވެ. ކާވެނީގެ ދުވަހު މުސްލިމުންގެ މުޅި ލަޝްކަރު އަޅުގަނޑުމެންގެ ގެޔަށް ގެނެސްދެއްވާށެކޭ އޭނާ ވިދާޅެއް ނުވާނެއެވެ."

(ނުނިމޭ)