ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް، ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ މި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއްގެ ޝަރީއަތް ބާއްވައިފައެވެ. އެއީ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމާ ބެހޭ ދެ މައްސަލައެވެ. އެދުވަހުގެ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން އަދީބަށް 10 ދުވަސް ދިނުމަށްފަހު އަޑުއެހުން ވަނީ ނިންމާލައިފައެވެ.
އެ އަޑުއެހުންތައް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ. އޮންލައިންކޮށް ކުރިއަށްގެންދާ އެ ޝަރީއަތުގެ އަޑުއެހުން ވަގުތުން ގެނެސްދޭ ގޮތަށް ވަނީ ނިންމައިފައެވެ.
އެ ހަތް ދައުވާއަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލުކުރީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.
އެ ދައުވާތައް ކޯޓުން ބޭރުކޮށްލީ، ކުށަށް އިއުތިރާފުވެ ދައުލަތާއެކު އަދީބު ވީ އެއްބަސްވުމަކީ ގާނޫނު އަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ކޯޓުން ނިންމުމަށްފަހުގައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އެ މައްސަލަ ޖުލައި 15 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިގަތީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފެށީ މިދިޔަ ޖުލައި މަހުގެ 23 ގައެވެ. އެ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދުނު ގޮތަށް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުނީ، ރާއްޖޭން ފިލުމުގެ ފުރުސަތު އޮތުމުން ކަމަށް ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވިއެވެ.
މީގެ ކުރިން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާ ފިލައިގެން ގޮސްފައިވެއެވެ. އެފަހަރު އަދީބު ފިލަން މަސައްކަތް ކުރީ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށެވެ. ނަމަވެސް އިންޑިއާއަށް އެތެރެވުމުގެ ކުރިން ކަނޑުމަތީން އޭނާ ހައްޔަރުކުރިއެވެ. ފަހުން ރާއްޖެ ގެނެސް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލިއެވެ. އެ މައްސަލައިގައި ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒުކޮށް ނިންމާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު