ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނީ، އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަންނާނީ މިމަހުގެ 21، 22 އަދި 23 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހުން ކަމަށެވެ.
އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ މަގާމުގެ ދައުރުގެ މުއްދަތު ހަމަވާތީ އަދި ކޮމިޝަނުގައި ހުސްވެފައިވާ އިތުރު މަގާމަކަށް ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން މީހަކު އައްޔަންކުރަން މަޖިލީހުން ރުހުން ދީފައިނުވާތީ ކަމަށެވެ.
އެޗްއާރުސީއެމްގެ ރައީސާ ކަމުގައި ހުންނެވި އައިމިނަތު އީނާސްއާއި މެންބަރުކަން ކުރެއްވި އައިޝަތު އަފްރީންއާއި މޫސާ އަލީ ކަލޭފާނު އިސްތިއުފާދެއްވުމުންނާއި ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޒާހިދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ ކޮމިޝަންގެ ހަތަރު މަގާމެއް ހުސްވެގެން ދިޔައެވެ.
މީގެ ކުރިން އެޗްއާރުސީއެމުގެ މެންބަރުކަމަށް މަޖިލީހުން ރުހުން ދީފައިވަނީ ތިން ބޭފުޅަކަށެވެ. އެއީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ ސ. ފޭދޫ އާއި މުއުމިނާ ވަހީދު، މ. ޖިއެނާ އަދި ޑރ. އަހުމަދު އަދުހަމް އަބްދުالله، މއ. މާވެޔޮގެއެވެ. މިހާރު ހުސްވެފައިވާ ހަތަރުވަނަ މަގާމަށް ނަމެއް ފާސްވެފައިނުވާ އިރު، އެ ކޮމިޝަނުގައި ދެން އިންނަވާ ނައިވީން އަބްދުﷲގެ މަގާމުގެ ދައުރު ވެސް އަންނަ މަހުގެ ތެރޭގައި ހަމަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު