ސައުދީ އަރަބިއާ

އުމުރާ ދަތުރުތަކަށް ސައުދީ ހުޅުވާލުމަށް ތައްޔާރުވަނީ

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ސަބަބުން ސައުދީ އަރަބިޔާއަށް އުމްރާ ކުރުމަށް އެތެރެވުން ސައުދީ ސަރުކާރުން މަނާ ކުރުމަށް ފަހު، އުމުރާ ދަތުރުތަކަށް އެގައުމަށް އެތެރެ ވުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

ސައުދީ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލުއި ދިނުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން އެ ގައުމަށް އުމުރާ ވުމަށް މީހުން ދިއުމާ ގުޅޭ ވަކި ޕްލޭނެއް އެކުލަވާލައި, އެކަން ހަފުތާއެއްގެ ތެރޭ އާންމު ކުރާނެ ކަމަށް ވެސް ސައުދީން ބުނެ އެވެ. މި ހާލަތުގައި އުމުރާގެ އަޅުކަމަށް ހުޅުވާލާއިރު އަޅާނެ ފިޔަވަޅުތަކާ މެދު ވެސް މަޝްވަރާތައް ކުރިޔަށް އެބަދާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ކޮވިޑް 19 އާއި ގުޅިގެން މިއަހަރު ފެބްރުއަރީ މަހު ސައުދީން ވަނީ އުމްރާ ކުރުމަށާއި މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރާ މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފައެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ހަމަ އެކަނި ސައުދީގައ ތިބި މީހުންނާއެކު އެވެ.