ޚަބަރު

ކޮވިޑުގެ މުއްދަތުގައި ބީއެމްއެލް އިން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކޮވިޑާ ގުޅިގެން އިގުތިސޯދަށް ވެފައިވާ ގެއްލުންތަކުން ވިޔަފާރިތައް އަރައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ ލޯނު ދޫކޮށްފިއެވެ.

ކޮވިޑުގެ މުއްދަތުގައި ބޭންކުން ރައްޖޭގެ އިގުތިސޯދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން މިއަދު ހަވީރު ޒޫމް މެދުވެރިކޮށް މީޑިއާތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް ދިމާވެދާނެ ނުރައްކަލުން އަރައިގަތުމަށް ބޭންކުން އިސްނަގައި ކުރު މުއްދަތުގެ ފެސިލިޓީއެއް ތައާރަފުކޮށްފައިވާ ކަމަށެވެ. މި ފެސިލިޓީ މެދުވެރިކޮށް ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ދެ މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސްކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

"މިދިޔަ އޮގަސްޓްގެ ނިޔަލަށް ޝޯޓް ޓާމް ފައިނޭންސްގެ ގޮތުގައި 4.57 މިލިއަން ޑޮލަރާއި 125.29 މިލިއަން ރުފިޔާ ބޭންކުން ވަނީ ދޫކޮށްފައި. މީގެ އިތުރުން ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާވެސް ވަނީ ދޫކޮށްފައި،" ސޯޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގެ ދަށުން 10 މިލިއަން ރުފިޔާގެ ޓާންއޯވާގެ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރިތަކަށް އެހީވުމަށް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ ރިކަވަރީ ސްކީމް ފަންޑް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ބީއެމްއެލުން ވަނީ މިދިޔަ މަހުގެ ނިޔަލަށް 397 ލޯނަކަށް 769 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްދީފައެވެ. މިއާއެކު ކޮވިޑްގެ މުއްދަތުގައި ބީއެމްއެލް އިން 1.2 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ބަލިމަޑުކަން ކައިރި މުސްތަގުބަލެއްގައި ނިމިދާނެކަމަށް ނުބެލެވޭތީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތް ނުކެނޑި ގެންދެވޭނެ އެންމެހައި ގޮތްތައް އެ ބޭންކުން ބަލަމުން އަންނަ ކަމަށެވެ. އަދި ކޮންމެ ފަދަ ހާލަތެއްގައި ވެސް ބީއެމްއެލް އޮންނާނީ ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށް ސޯޔާ ވިދާޅުވިއެވެ.