މިމަހު 15ގެ ކުރިން ޖުލައި މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ޖޮބް ސެންޓަރުން އެދިއްޖެއެވެ.

ޖޮބް ސެންޓަރުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޖުލައި މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 15 ކަމަށެވެ. އަދި މި ތާރީހުގެ ކުރިން ޖުލައި މަހުގެ އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ޖޮބް ސެންޓަރުން އެދިފައިވެއެވެ.

ކޮވިޑް 19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭ އިންކަމް ސަޕޯޓު އެލަވަންސަށް އެދި ހުށަހެޅޭނީ ހަމައެކަނި https://jobcenter.mv/ މެދުވެރިކޮށް، އޮންލައިން ފޯމަކުންނެވެ. އަދި ޖޮބް ސެންޓަރުގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅަން އުޒުރުވެރިވާ މީހުން އީ-ފާސްގައި ރަޖިސްޓްރީ ވުމަށްފަހު، އޮންލައިން ފޯމް ފުރިހަމަކޮށް އެ ފޯމު ހުށަހެޅޭނެއެވެ. އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އީ-ފާސްގައި ރަޖިސްޓްރީވުމާއި އެޕްލިކޭޝަން ހުށަހެޅުމާ ބެހޭ ތަފުސީލު ޖޮބް ސެންޓަރު ވެބްސައިޓުން ލިބޭނެއެވެ.

އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެންނެވެ. އެގޮތުން އޮގަސްޓް މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިންކަމް ސަޕޯޓުގެ ގޮތުގައި 43.6 މިލިއަން ރުފިޔާ 10،522 މީހަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.