ޖިނާއީ ކުށެއްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހާ، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރާތާ 10 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން އޭނާގެ މައްޗަށް ދައުވާ އުފުލަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމަނައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެ އިސްލާހު ގެނެސްފައިވާ އިރު، އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ އުފުލަން ޖެހޭނެއެވެ.

އެފަދަ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރު ކުރުމަށްފަހު، ދޫކޮށްލާފައިވާ މީހެއްނަމަ އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރާތާ 45 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހަޅަންވާނެ ކަމަށާއި އަދި އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހާޅާތާ 10 ދުވަހުގެ ތެރޭގައި ޕީޖީ އޭނާގެ މައްޗަށް ދައުވާ އުފުލަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ގާނޫނުގައި މިހާރު އޮންނަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރު ކުރުމަށްފަހު، ދޫކޮށްލާފައިވާ މީހެއްނަމަ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި، އޭނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުލަންވާނެ ކަމަށެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހަކު ޝަރިއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނިންމައިފިނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަންޖެހޭނެ ކަމަށްވެސް ވަނީ އެ އިސްލާހުގައިވެއެވެ.