(10 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
ކާއޫސު ފިކުރުކޮށްލައިފައި ޖަވާބު ދިނެވެ. "قبــاد ގެ ދަރިކަލުންނޭވެ! ދަރިފުޅު ތިޔަ މުޢާމަލާ ކުރައްވަނީ حسّان އަކާ ނޫނެވެ. حسّان ގެވެސް ޚާލިޤާ އެކުގައެވެ. ނިކަމެތިކަމާއި އާރެއް ބާރެއްނެތްކަމުގެ ކަރުނަޔަކީ އެކަލާނގެ ޙަޟުރަތުގައި ބޭކާރުވާނެ އެއްޗެއް ނޫނެވެ. އެކަލާނގެ އަޅުތަކުންގެ އާދޭހާއި ނުކުޅެދުންތެރިވެގަތުމަށް އެކަލާނގެ ދަރުމަ ދެއްވައެވެ. حسّان އަބަދުވެސް ޔަގީންކުރައްވަނީ މުސްތަޤުބަލުގެ ބާއްޖަވެރިކަން ދަރިފުޅަށް އިންތިޒާރުކުރާނެ ކަމުގައެވެ. ޖިހާންދާދުގެ ކޮއްކޮ ޙައްޤަށް ނަޞުރު ދެއްވުމުގައި އޭނާއާ އެއްސަފެއްގައި ހުންނެވުމަކީ އޭނާ ފަޚުރުވެރިވެވަޑައިގަންނަވާނެ ކަމެކެވެ."
ކާއޫސު ޒަރުބަޚުތާ ވާހަކަދައްކަމުން ގެންދިޔައިރު ماه بانو ގެ މޫނުފުޅުމައްޗަށްވަނީ އެތައް ކުލައެއް އަރައި އޮއްސިފައެވެ. ماه بانو ގެންދެވީ އޭނާގެ ބޭބޭފުޅުގެ މޫނުފުޅަށް އަންނަމުންދާ ބަދަލުތައް ބައްލަވަމުންނެވެ. އޭނާއަށް އިޙުސާސުވެވަޑައިގެންނެވީ އެވާހަކަތަކުގެ ކޮންމެ ލަފުޒަކާއި ކޮންމެ ޖުމުލައަކާއެކު އޭނާގެ ބޭބޭފުޅުގެ ލޯފުޅުގެ ވިދުވަރު ގަދަވަމުން ދާހެންނެވެ. މޫނުފުޅުމަތީން ފެންނަ ހަމަޖެހިވަޑައިގަތުން އިތުރުވަމުންދާހެންނެވެ. ކާއޫސު ގަޑިޔެއްހައިއިރު ފަހުން އޭނާގެ ބޭބޭފުޅަށް ތައުހީދުގެ ކަލިމަފުޅު ކިޔައިދޭން ފެށުމާއެކު ماه بانو ގެ ލޯފުޅު ޝުކުރުވެރިކަމުގެ ކަރުނަފޮދުން ފުރިއްޖެއެވެ. އޭނާ ކުއްލިޔަކަށް ތެދުވެވަޑައިގެންފިއެވެ. ދުވެވަޑައިގެންފައި ވަޑައިގެން އަނެއް ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ.
"يـاسمـين އެވެ! يـاسمـين އެވެ!" އޭނާ ކަރުނަފޮދު ފޮއްސަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ބޭބޭފުޅު މާތް اللّـه ގެ ދީން ގަބޫލުކުރައްވައިފިއެވެ." يـاسمـين ތެދުވެވަޑައިގެން ماه بانو އާ އޮޅުލައިވަޑައިގެންފިއެވެ.
+ + + + +
ވިދިގެންއައި ދުވަހުގެ ފަތިސްވަގުތެވެ. ماه بانو އާއި يـاسمـين އާ ދެބޭފުޅުން ފަތިސްނަމާދުން ނިމިވަޑައިގެންނެވިތަނާ ބޭރުން އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. އިރުކޮޅަކުން ފެނިވަޑައިގެންނެވީ سُهيل ދޮރުމަތީގައި ހުންނެވި ތަނެވެ. އޭނާ މަޑުމަޑުން ވިދާޅުވިއެވެ. "ބޭބެ ވަޑައިގެން އެބަހުންނެވިއެވެ."
ماه بانو އަށް ލިބިވަޑައިގެންނެވި އުފާފުޅުން އޭނާގެ މޫނުފުޅު އަލިވެ ވިދައި ބަބުޅައިގަތެވެ. ماه بانو ވިދާޅުވިއެވެ. "އޭނާ އެތެރެޔަށް ގެންނަވާށެވެ. އަޅުގަނޑު ބޭބޭފުޅަށް ދަންނަވާނަމެވެ."
سُهيل ޖަވާބު ދެއްވިއެވެ. "ނޫނެކެވެ. ބޭބޭފުޅުގެ އަރާމުކުރެއްވުމަށް ހުރަސް ނާޅުއްވާށެވެ. އަޅުގަނޑުގެ ބޭބެގެ އެކުވެރީންވެސް ބޭރުގައި އެބަތިއްބެވިއެވެ. ބޭބެ ބޭނުންފުޅުވީ މަދާއިނުން ބޭރަށް ވަޑައިގެންނެވުމުގެ ކުރީން ކާއޫސާ ވާހަކަ ދައްކަވާށެވެ. އެކަމަކު އޭނާ ގެޔަކު ނެތެވެ. ދައިތާފުޅު އިރުކޮޅަކަށް ބޭރަށް ނުކުމެވަޑައިގެން ބޭބެ ވިދާޅުވާ އެއްޗެއްގެ އަޑު އައްސަވައިލައްވާށެވެ."
ماه بانو ވިދާޅުވިއެވެ. "ކާއޫސު ދިޔައީ ޤުރުއާނުގެ ދަރުސު އަޑުއަހަންވެގެންނެވެ. ވަރަށް އަވަހަށް އަތުވެދާނެއެވެ. ކޮއްކޮގެ ބޭބެ ގޮވައިގެން ވަޑައިގަންނަވާށެވެ."
سُهيل ވިދާޅުވިއެވެ. "ނޫނެކެވެ. ދައިތާފުޅު ވަޑައިގަންނަވާށެވެ. ބޭބެއަށް ވަރަށް ލަސްފުޅުވެއެވެ."
يـاسمـين ވިދާޅުވިއެވެ. "ماه بانو އެވެ. ކަލާ ވަޑައިގަންނަވާށެވެ."
"ކަލާވެސް އަޅުގަނޑާއެކު ހިންގަވާށެވެ!" ماه بانو ތެދުވެވަޑައިގެން يـاسمـين ގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވަމުން ވިދާޅުވިއެވެ.
ދެބޭފުޅުން ކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. حسّان ހުންނެވީ މެދުދޮރޯށި ކައިރީގައެވެ. حسّان އަށް އެބޭފުޅުން ފެނިވަޑައިގެންނެވުމުން ދެތިން ފިޔަވަޅުފުޅެއް ކުރިޔަށް ވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވިއެވެ. "ނުވަގުތެއްގައި އުނދަގޫފުޅު ކުރެވުނީތީ މަޢާފުކުރައްވާށެވެ. ޒަރުބަޚުތުގެ ހާލުކޮޅު ކިހިނަކުންތޯއެވެ؟"
ماه بانو ޖަވާބު ދެއްވިއެވެ. "ބޭބޭފުޅު މިހާރު ރަނގަޅެވެ. އިއްޔެ އެންމެފުރަތަމަ ފަހަރަށް ގޯތިތެރޭގައި ބުރެއް ޖައްސަވައިލެއްވިއެވެ."
"އަޅުގަނޑު ޒަރުބަޚުތުގެ އިޒުނަޔާނުލައި އެތެރެޔަށް ވަދެއްޖައީމެވެ. ކާއޫސު ނެތުމާއެކުގައެވެ. އަޅުގަނޑު ވަރަށް އަވަހަށް ދާންޖެހޭތީއެވެ. ދިޔުމުގެ ކުރީން އޭނާއަށް ވަރަށް މުހިންމު ސިޓީފުޅެއް ރައްދުކުރާންވެގެންނެވެ."
ماه بانو އުފާފުޅާއި ކަންބޮޑުވެވަޑައިގެންނެވުމާއެކު يـاسمـين އާ ދިމާޔަށް ބައްލަވައިލައްވައިފައި އިސްދަށަށް ޖައްސަވައިލައްވައިފިއެވެ.
يـاسمـين ވިދާޅުވިއެވެ. "ބޭބެއަށް މިގޭގެ ދޮރު ބަންދެއް ނޫނެވެ. ماه بانو ގެ ޝަކުވާއަކީ ބޭބެއަށް މަގުއޮޅިވަޑައިގެން މިގެއަށް ވަޑައިގެންނެވުނީތޯ ކުރައްވާ ޝަކުވާއެވެ."
حسّان ޖަވާބު ދެއްވިއެވެ. "ماه بانو ތިޔަކަހަލަ ޝަކުވާތަކެއް އަޅުގަނޑަކާ ނުކުރައްވާނެއެވެ. ޒަރުބަޚުތުގެ ޞިއްޙީ ހާލުކޮޅާމެދު އަޅުގަނޑަށް ހިތްހަމަޖެހުން ލިބެމުން ނުދާނަމަ މިހާރު އެތައްފަހަރަކު އަތުވެއްޖައީމުހެވެ."
ماه بانو ސުވާލު ކުރެއްވިއެވެ. "ކަލާ ތިޔަ ވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟"
"އަޅުގަނޑު މިދަނީ ހީރަތަށެވެ. އަޅުގަނޑުމެންގެ ލަޝްކަރުގެ އަމީރު އަޅުގަނޑަށް އަމުރުކުރައްވައިފައިވަނީ އަޅުގަނޑު ޢިރާޤުގައި ބުރެއް ޖެހުމަށެވެ. އަޅުގަނޑުމެން ފަތަޙަކޮށްފައިވާ ތަންތާނގެ އިންތިޒާމުތަކާ ބެހޭގޮތުން އެތަންތާނގެ ހިންގަންތިބި މީހުނަށް އިރުޝާދު ދިނުމަށެވެ. ލަޝްކަރުގެ އެހެންބަޔަކުވެސް އަޅުގަނޑާ އެކުގައި އެބަދެއެވެ."
ماه بانو ގެ މޫނުފުޅުމައްޗަށް އުދާސްކަން ވެރިވެގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "އެހެންވީއިރު ކަލާ ތިޔަ ވަޑައިގަންނަވަނީ ވަރަށް ދިގު ދަތުރުފުޅަކަށް ދޮގެއްތޯއެވެ؟"
"އާދޭހެވެ. ހަނގުރާމައިގެ ކޮންމެވެސް މައިދާނަކަށް އަޅުގަނޑުމެން ބޭނުން ނުވެއްޖެނަމަ އަޅުގަނޑުމެން އަލްޖަޒީރާގައިވެސް ބުރެއްޖަހައިލާން ޖެހެއެވެ. ލަޝްކަރުގެ އަމީރުގެ ފަރާތްޕުޅުން އަޅުގަނޑަށް މި އަމުރުފުޅު އައީ ވަރަށް ލަހުން ރޭގައެވެ. ވަރަށް ކުއްލި ގޮތަކަށެވެ. އަޅުގަނޑު މިއައީ ފުރުމުގެ ކުރީން ޒަރުބަޚުތުގެ ހާލުކޮޅާބެހޭ މަޢުލޫމާތު ހޯދައިލާންވެގެންނެވެ. ޒަރުބަޚުތުގެ އާލާސްކަންފުޅު ފަސޭހަފުޅުވުމަށްފަހު މުސްލިމުންނާ ބެހޭގޮތުން އޭނާގެ ޚިޔާލުފުޅު ހުންނާނެގޮތެއް އަޅުގަނޑަކަށެއް ނޭނގެއެވެ. ކޮންމެއަކަސް އަޅުގަނޑަކަށް މިއަށްވުރެ ބޮޑުކަމެއް ކޮށެއް ނުދެވޭނެއެވެ. މިލިޔުމުގައި ހިއްޕަވާށެވެ. މިއީ އަޅުގަނޑުމެންގެ ލަޝްކަރުގެ އަމީރު އޭނާއަށް ދެއްވައިފައިވާ ޙުކުމްނާމާއެކެވެ." حسّان އޮޅައިލައިފައިއޮތް ކަރުދާހެއް ދިއްކޮށްލެއްވިއެވެ.
ماه بانو ވިދާޅުވިއެވެ. "ތިޔައީ އަޅުގަނޑުގެ ބޭބޭފުޅުގެ ނަންފުޅުގައި އޮތް ޙުކުމްނާމާއެއް ކަމުގައިވާނަމަ ކަލާ ވަޑައިގަންނަވާންވާނީ ބޭބޭފުޅާ ބައްދަލުކުރައްވައިފައެވެ. މަޑުކުރައްވާށެވެ. އަޅުގަނޑު ހަމަ މިހާރު އެބައަންނަމެވެ." ماه بانو ޒަރުބަޚުތުގެ ކޮޓަރިޔާ ދިމާޔަށް ހިންގަވައިގެންފިއެވެ.
حسّان ވިދާޅުވިއެވެ. "ނޫނެކެވެ. ނޫނެކެވެ. ماه بانو އެވެ! މިހާރު އޭނާ އަޅުގަނޑާ ވާހަކަފުޅު ދައްކަވާކަށެއް ގަބޫލުފުޅެއް ނުވާނެއެވެ."
ماه بانو އެނބުރިވަޑައިގެން ސިކުންތުކޮޅެއްހައިއިރު ވަންދެން حسّان އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު ބާރަށް ހިންގަވައިފައި ޒަރުބަޚުތުގެ ކޮޓަރިޔަށް ވަޑައިގެންފިއެވެ.
حسّان ހުންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. އޭނާ އިރުކޮޅަކުން يـاسمـين އާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.
يـاسمـين ހިނިފުޅުވަޑުވައިލެއްވިއެވެ. "ބޭބެ ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. އަޅުގަނޑަށް ޔަގީނެވެ. ބޭބެއަށް ކަނޑިކޮޅު އުރައިން ދަންމަވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ماه بانو ގެ ބޭބެ އެހުންނަވަނީ ބޭބެގެ އިންތިޒާރުގައެވެ."
"ޒަރުބަޚުތު ހުންނެވީ އަޅުގަނޑުގެ އިންތިޒާރުގައޭތޯއެވެ؟"
"އާދޭހެވެ. އޭނާގެ ޝަކުވާއަކީ މިއޮތްހައި ދުވަސްވީއިރުވެސް ބޭބެ އޭނާގެ ހާލުކޮޅުވެސް ބައްލަވައިނުލެއްވީތީއެވެ. ބޭބެގެ އެކުވެރީންނަށް ޚަބަރު ފޮނުއްވާށެވެ. ބޭބެ އިރުކޮޅަކު މަޑުކޮށްލައްވަން ޖެހިވަޑައިގަންނަވާނެ ވާހަކަ އަންގަވާށެވެ."
حسّان ކޮންމެވެސް އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. އެކަމަކު އޭނާގެ ލޯފުޅު ދޮރާ ދިމާޔަށް ހުއްޓިއްޖެއެވެ. ޒަރުބަޚުތު ماه بانو ގެ އަރިހުގައި ކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭނާ މަޑުމަޑުން ފިޔަވަޅު އަޅުއްވަމުން ގޯތީގެ މެދަކާ ހަމަޔަށް ވަޑައިގެންފިއެވެ. އޭނާ ހުއްޓިވަޑައިގެން حسّان އާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. حسّان ކުރިޔަށް ވަޑައިގެން ދެއަތްޕުޅު ދަންމަވައިލައްވައިފައި ޒަރުބަޚުތު އޭނާގެ މޭފުޅުގައި ޖައްސައިލައްވައިފިއެވެ. އޭނާ ވިދާޅުވިއެވެ. "ޒަރުބަޚުތުއެވެ. ކަލާ ބޭރަށް ނުކުމެވަޑައިނުގަންނަވާށެވެ. އެތެރެޔަށް ހިންގަވާށެވެ!"
އެބޭފުޅުން ކޮޓަރިޔަށް ވެދެވަޑައިގަންނަވަމުން حسّان ފަހަތްޕުޅަށް އެނބުރިވަޑައިގެން سُهيل ގެ އަރިހުގައި ވިދާޅުވިއެވެ. "ކޮއްކޮ ވަޑައިގެން އެބޭކަލުންގެ އަރިހުގައި ވިދާޅުވާށެވެ. ދެން އަންނަ މަންޒިލަކުން ބޭބެ އެބޭކަލުންނާ ބައްދަލުކުރާނަމެވެ. ބޭބެގެ އަސް ޚާދިމަކާ ހަވާލުކޮށްލައްވާށެވެ."
حسّان ޒަރުބަޚުތަށް އެހީވެވަޑައިގެން އޭނާ އެނދުގައި ބާއްވަވަން އުޅުއްވިއެވެ. ނަމަވެސް ޒަރުބަޚުތު ވިދާޅުވިއެވެ. "ނޫނެކެވެ. އަޅުގަނޑު ބޭނުންވަނީ ކަލާގެ ކުރިފުޅުމަތީގައި އިށީނދެއިނދެ ވާހަކަ ދައްކާށެވެ."
حسّان އާއި ޒަރުބަޚުތާ ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ކުރިމަތިވާނެހެން ދެގޮނޑީގައި އިށީނދެވަޑައިގެންފިއެވެ. ماه بانو އާއި يـاسمـين ދެބޭފުޅުން ދޮރުމަތީގައި ހުއްޓިވަޑައިގެންފިއެވެ. ޒަރުބަޚުތު އެދެބޭފުޅުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "ماه بانو އެވެ. ވަޑައިގެން އިށީނދެވަޑައިގަންނަވާށެވެ. يـاسمـين ވެސް ވަޑައިގަންނަވާށެވެ. އަޅުގަނޑާއި حسّان އާ ދެމީހުންގެ ހަނގުރާމަ ނިމިއްޖެއެވެ. ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި އަޅުގަނޑު ދެރަވެއްޖެކަމަށް އިޢުތިރާފުވާން ބޭނުމެވެ." އެބޭފުޅުން ލަދުފުޅުން ތިއްބަވައި ކައިރިޔަށް ވަޑައިގެންފިއެވެ. ހިމަވެވަޑައިގެން އެނދުގައި އިށީނދެވަޑައިގެންފިއެވެ.
حسّان ވިދާޅުވިއެވެ. "ޒަރުބަޚުތެވެ! އަޅުގަނޑުގެ ޙަޔާތުގެ އެންމެބޮޑު ނާކާމިޔާބަކީ ކަލާ އަނިޔާވެރިކަމާއި ގޮށްމުށުބާރުގެ ޙިމާޔަތުގައި ކަނޑި އުފުލައިލެއްވިޔަނުދީ ނުހުއްޓުވުނުކަމެވެ. އެކަމަކު އެ އަނދިރި ރެޔެއްގެ ކަނުއަނދިރީގައި އަޅުގަނޑުމެންގެ ދެމީހުންގެ ޙަޔާތުގެ މަގު އެކަކު އަނެކަކާ ވަކިވި އަނދިރި ދުއްޕާންރޭ މިހާރުވަނީ ފާއިތުވެފައެވެ. ކަލާއަށް ފަތިހުގެ އަލިކަން ފެނިވަޑައިގެންފި ކަމަށާއި، ރަޙުމަތްތެރީންނާއި ދުޝްމިނުން ވަކިކުރައްވާން އެނގިވަޑައިގެންފި ކަމުގައި ވިދާޅުވެއްޖެނަމަ އަޅުގަނޑު ދެކޭނީ އަޅުގަނޑުގެ ހިތުގެ އެންމެބޮޑު އެއްމުރާދު ހާސިލުވެއްޖެ ކަމުގައެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "حسّان އެވެ! މިއަދު އަޅުގަނޑުގެ ހަކަތަ މިހައި ދެރަވެފައި ނުވާނަމަ ކަލާގެ ހިތްޕުޅު ހަމަޖައްސައިދިނުމަށްޓަކައި އަޅުގަނޑު މަދާއިނުގެ މަގުމަގާއި ބާޒާރުމަތީގައި އަޅުގަނޑު އިސްލާމުވެއްޖެކަން އިޢުލާނު ކުރީމުހެވެ."
ލިބިވަޑައިގެންނެވި އުފާފުޅުން حسّان ގެ މޫނުފުޅު ވިދައި ބަބުޅައިގަތެވެ. އޭނާ ވިދާޅުވިއެވެ. "ޒަރުބަޚުތެވެ. ކަލާގެ ތިޔަ ވާހަކަފުޅުން އަޅުގަނޑަށް ލިބުނު އުފާ ކަލާއަށް އަންދާޒާކޮށެއްވެސް ނުލެއްވޭނެއެވެ. އެކަމަކު ތިޔަ އުފާވެރި ޚަބަރަކީ އަޅުގަނޑު އުންމީދު ނުކޮށްހުރި ޚަބަރެއްވެސް ނޫނެވެ. ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެން ދެމީހުންގެ ޙަޔާތުގެ މަގު އެއްމަގަކަށް ވާނެކަމަށް އަޅުގަނޑު އަބަދުވެސް ޔަގީންކުރަމެވެ. ކަލާއަށްޓަކައި سعـد بـن أبى وقّـاص ގެ މި ސިޓީފުޅަކީ އަޅުގަނޑުގެ މިވާހަކައިގެ ހެތްކެކެވެ. އަޅުގަނޑު އުންމީދުކުރަނީ ކަލާ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އަޅުގަނޑު ލަދުނުގަންނަވާނެ ކަމުގައެވެ."
سعـد بـن أبى وقّـاص ގެ ސިޓީފުޅެއް..... އަޅުގަނޑަށް؟ ޒަރުބަޚުތު އެސިޓީފުޅު އަތުލައްވަމުން ވިދާޅުވިއެވެ. "އެކަލޭގެފާނު ލިޔުއްވައިފައިވަނީ ކީކޭތޯއެވެ؟"
"އެކަލޭގެފާނު އަމުރުކުރައްވަނީ ކަލާގެ އާލާސްކަންފުޅު ފަސޭހަފުޅުވުމާއެކު ކަލާގެ ސަރަޙައްދުގެ ހިންގުމާބެހޭ ހުރިހައިކަމަކާ ހަވާލުވެވަޑައިގެންނެވުމަށެވެ."
"އަޅުގަނޑުގެ ޚިޔާލު ހުރިގޮތެއް ބެއްލެވުމަކާނުލައި އެކަލޭގެފާނު މިފަދަ އަމުރުފުޅެއް ނެރުއްވީތޯއެވެ؟"
"އެކަމުގެ ޒިންމާ އުފުލީ އަޅުގަނޑެވެ. ކަލާގެ ފައިދާއަށްޓަކައި ނޫނަސް ކަލާ ވަޑައިގަންނަވާތޯ އަދިއަދަށްވެސް މަގު ބަލަބަލައި އެތިބަ ދަނޑުވެރީންގެ ހެވަށްޓަކައިވެސް ކަލާ މި އަމުރުފުޅާ އިންކާރު ނުކުރައްވާނެކަމުގައި އަޅުގަނޑު ޔަގީންކުރަމެވެ. އަޅުގަނޑަށް ޔަގީނެވެ. ކަލާގެ އަވަށަށް ކަލާ ވަޑައިގެންނެވުމުން އެތަނުން އައު އިންޤިލާބެއްގެ އަސަރު ފެނިވަޑައިގަންނަވާނެއެވެ. އެތަން ފެނިވަޑައިގެންނެވުމުން ކަލާއަށް ޔަގީންވެވަޑައިގަންނަވާނެއެވެ. ޢަދުލުވެރިކަމާއި އިންސާނީ ހަމަހަމަކަން ހޯދަން ބޭނުންވާ މީހުންގެ އެންމެފުރަތަމަ ބޭނުމެއްކަމުގައިވާނީ އިސްލާމްދީނެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު އިސްލާމް ނުވިނަމަ، އަދި މި އަމުރުފުޅު ގަބޫލުކުރާން ދެކޮޅުހެދިނަމަ ވާނީ ކިހިނަކުންތޯއެވެ. ހަނގުރާމައިގެ އެހެނިހެން ޢަސީރުންނަށްވުރެ ރަނގަޅަށް މުޢާމަލާކުރުން ޙައްޤު މީހަކު ކަމުގައި ބެލެވޭނެތޯއެވެ؟"
"އާދޭހެވެ. ތިޔަ ވިދާޅުވިގޮތަށް ކަންތައް ވީނަމަވެސް ކަލާގެ ގެޔަކީ އާރެއް ބޭރެއްނެތް އަނިޔާ ލިބެމުންދާ އިންސާނުންގެ ޙިމާޔަތުގެ މަރުކަޒެއް ކަމުގައި އާއްމު މުސްލިމަކު ލަޝްކަރުގެ އަމީރުގެ އަރިހުގައި ދަންނަވައިލުމުން ފުދޭނެއެވެ. ތިޔަބޭފުޅުން އަވަށުން ފިލައިވަޑައިގެން ވަޑައިގެންނެވި ދުވަހުވެސް އަޅުގަނޑު ހަމަ މިފަދަ އަމުރުފުޅެއް ކަލާގެ ބައްޕާފުޅުގެ ނަންފުޅުގައިވެސް ގެންދިޔައީމެވެ. އެކަމަކު ނަސީބު ދެރަކަމުން އަޅުގަނޑަކަށް ކަލާއާ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދެއްވީމުއެވެ."
ޒަރުބަޚުތު އިރުކޮޅެއްވަންދެން ހިމޭންކަމާއެކު حسّان އާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އޭނާ އިރުކޮޅަކުން ވިދާޅުވިއެވެ. "ކާއޫސާއި يـاسمـين އާއި އަޅުގަނޑުގެ ކޮއްކޮ ماه بانو ހެކިވެވަޑައިގަންނަވާނެއެވެ. އަޅުގަނޑު އިސްލާމްދީން ގަބޫލުކުރީ އެއްވެސްކަމެއްގެ ދަހިވެތިކަމުގައެއް ނޫނެވެ. އެއްވެސްކަމަކާ ބިރަކުންވެސް ނޫނެވެ. އަޅުގަނޑުގެ މާޒީ އެނގިވަޑައިގެން ހުންނަވައިވެސް ކަލާ އަޅުގަނޑުގެ ކިބައިން ހެޔޮކަމަކަށް އުންމީދުކުރައްވާނަމަ އަޅުގަނޑު ކަލާ މާޔޫސެއް ނުކުރާނަމެވެ. ވެދިޔަތާނގައި އަޅުގަނޑަށް ހެދިފައިހުރި ގޯސްތަކުގެ ކައްފާރާ އަދާކުރުމުގެ ތައުފީޤު ދެއްވާތޯ ދުޢާކޮށްދެއްވުން އެދެމެވެ."
حسّان ހިނިފުޅު ވަޑުވައިލެއްވިއެވެ. "އަޅުގަނޑު ޔަގީންކުރާ ގޮތުގައި ކަލާއާމެދު އަޅުގަނޑުގެ ދުޢާ އިޖާބަކުރައްވައިފިއެވެ."
يـاسمـين ވިދާޅުވިއެވެ. "އެކަމަކު ބޭބެ ماه بانو އަށް ގެންނެވި ޙުކުމްނާމާއަކީ ކޮބައިތޯއެވެ؟"
حسّان ކަންބޮޑުވެވަޑައިގެން ޒަރުބަޚުތާ ދިމާއަށް ބައްލަވައިލެއްވިއެވެ. يـاسمـين އިރުކޮޅެއް ކޮށްލައްވައިފައި حسّان އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ބޭބެއެވެ! ماه بانو ވެސް އިސްލާމްވެވަޑައިގެންފިއެވެ. އަޅުގަނޑމެން ދެމީހުންވެސް އިސްލާމްވެއްޖައީމުއެވެ."
حسّان ހިނިފުޅު ވަޑުވައިލެއްވިއެވެ. "ކަލާ އިސްލާމްވެވަޑައިގެންނެވިކަން އަޅުގަނޑު ދެނެހުރީމެވެ. ޒަރުބަޚުތާމެދު އަޅުގަނޑު ހިތްހަމަޖެހުނު އެއްސަބަބަކީވެސް އެއީއެވެ."
"ބޭބެއަށް އެކަން އެނގިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟" يـاسمـين ހައިރާންފުޅުވެވަޑައިގެން ސުވާލު ކުރެއްވިއެވެ.
"ކާއޫސު ވަނީ އެ އުފާވެރިކަމުގެ ޚަބަރު سُهيل އަށް ދަންނަވައިފައެވެ. އަޅުގަނޑަށް އެ ޚަބަރު ދެއްވީ سُهيل އެވެ."
يـاسمـين ވިދާޅުވިއެވެ. "ބޭބެ އަދިވެސް އަޅުގަނޑުގެ ސުވާލުގެ ޖަވާބެއް ނުދެއްވަމުއެވެ. އަޅުގަނޑު ދެންނެވީ ބޭބެ ماه بانو އާ ބެހޭގޮތުން ގެންނެވީ ކޮން ޙުކުމެއްތޯއޭ އެވެ."
ماه بانو ލަދުފުޅުން ތެދުވެވަޑައިގެންފިއެވެ. އޭނާ يـاسمـين ގެ މުލައްދަނޑިފުޅުގައި ހިއްޕަވައި ދަންނަވަމުން އެކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު