ބ. ދޮންފަނު، ކުޑަރިކިލު އަދި ކިހާދޫގެ ބަނދަރު ހެދުމަށް އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖަރު ޖޯގެން ފެލްޑްބޯގް ސްކާރުޕްއެވެ.

މިއަދުން ފެށިގެން 381 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޖުމުލަ 108.3 މިލިޔަން ރުފިޔާ ހަރަދުކޮށް ހިންގާ މިމަޝްރޫއުގެ 77 ޕަސެންޓް ފައިސާ ހަމަޖައްސާފައިވަނީ ވަނީ އޮފިޑުންނެވެ. ބާކީ 23 ޕަސަންޓް ހަރަދުކުރާނީ ދިވެހި ސަރުކާރުންނެވެ.

ކުޑަރިކިލު ބަނދަރު މަޝްރޫއު 33،215،485.13 ރުފިޔާއަށް ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުގެ ދަށުން 246 މީޓަރު ދިގުމިނުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި އެއްގަމު ތޮށި ލުމާއި ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބްލޮކްސް ޖެހުމާއި ރިވެޓްމަންޓް ޖެހުމާއި ޕޭވްމަންޓް ހެދުމާއި ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތްކުރާނެއެވެ.

ދޮންފަނު ބަނދަރު މަޝްރޫއު 31،731،103.53 ރުފިޔާއަށް ހަވާލުކުރި އިރު، އެ މަޝްރޫއުގެ ދަށުން 204 މީޓަރު ދިގުމިނުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި އެއްގަމު ތޮށި ލުމާއި ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބްލޮކްސް ޖެހުމާއި ރިވެޓްމަންޓް ޖެހުމާއި ޕޭވްމަންޓް ހެދުމާއި ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތްކުރާނެއެވެ.

މީގެ އިތުރުން ކިހާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 350 މީޓަރު ދިގުމިނުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި އެއްގަމު ތޮށި ލުމާއި ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބްލޮކްސް ޖެހުމާއި ރިވެޓްމަންޓް ޖެހުމާއި ޕޭވްމަންޓް ހެދުމާއި ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތްކުރާނެއެވެ. އެ ރަށުގެ ބަނދަރު ހަދަން އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 43،381،648.33 ރުފިޔާއަށެވެ.