(07 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ޒަރުބަޚުތު ޖަވާބު ދެއްވުމުގެ ބަދަލުގައި އޭނާގެ ތުންފަތްޕުޅު ފިއްތައިލެއްވިއެވެ. سُهيل ބޭރަށް ނުކުމެވަޑައިގެންފިއެވެ.

ހަފުތާއެއްވީއިރު ޒަރުބަޚުތުގެ ހާލުކޮޅުވަނީ ވަރަށްބޮޑަށް ރަނގަޅުވެފައެވެ. ބޭސްވެރިޔާ ماه بانو ގެ ހިތްޕުޅު ހަމަޖައްސައިދެއްވަން ބުނުއްވައެވެ. "ކަމަނާގެ ބޭބޭފުޅަށް ވަރަށް އަވަހަށް ހިންގަވައި އުޅުއްވޭވަރު ވެދާނެއެވެ." سُهيل ކޮންމެދުވަހަކުވެސް ޒަރުބަޚުތުގެ ހާލުކޮޅު ބައްލަވާން ވަޑައިގަންނަވައެވެ. ނަމަވެސް އޭނާއާ حسّان އަކާ ބައްދަލުވެވަޑައެއް ނުގެންނެވެއެވެ. އެންމެފުރަތަމަ ދުވަހުގެ ބައްދަލުވެވަޑައިގެންނެވުމަށްފަހު ޒަރުބަޚުތު ހީފުޅުކުރައްވަނީ އޭނާ ހުންނެވީ حسّان ގެ ބާރުފުޅުގެ ދަށުގައި ކަމުގައެވެ. حسّان އެދުވަހު ގިނަވާހަކަފުޅުތަކެއް ނުދައްކަވައި އެނބުރި ވަޑައިގެންނެވީ އޭނާ ޒަޚަމުވެވަޑައިގެންފައިވާތީ ކަމުގައެވެ. އޭނާއަށް ފަސޭހަފުޅުވާއިރަށް ފާތިޙެއްގެ ބޮޑާފުޅުކަމާއެކު حسّان ވަޑައިގަންނަވާނެ ކަމުގައެވެ. ޒަރުބަޚުތު ދެކެވަޑައިގަންނަވާ ގޮތުގައި حسّان އެދުވަހަކުން ވިދާޅުވާނެއެވެ. "ޒަރުބަޚުތެވެ! ކަލާއަކީ އާއްމު ޤައިދީއަކާ ތަފާތު ހައިސިއްޔަތެއް ޙައްޤު ބޭފުޅެއް ނޫނީމުއެވެ. އެހެންކަމާއެކުވެސް އަޅުގަނޑު ކަލާގެ ފުރާނަފުޅު ސަލާމަތް ކޮށްދިނީމެވެ. ކަލާގެ ކޮއްކޯފުޅުގެ އަބުރުފުޅާއި ޢިއްޒަތް ރައްކާތެރިކުރާން މަސައްކަތް ކުރީމެވެ. އެހެންކަމުން އަޅުގަނޑުގެ ފައިމައްޗަށް ވެއްޓިވަޑައިގެންނެވުން ނޫން އެހެންގޮތެއް މިހާރަކު ކަލާއަކަށް ނެތެވެ. ކަލާ މިނިވަންކަމާއެކު ދިރިހުންނެވުމަށްޓަކައި މީހެއްގެ އެހީތެރިކަން ބޭނުންފުޅުވާނެއެވެ. އަޅުގަނޑަށް ކަލާއަށް އެހީތެރިވެ ދެވިދާނެއެވެ."

ބެހެރާޝޭރުގައި ފުރޭބުރުޒުގެ ގެއަށް ޙަމަލަދެވުނު ރޭގެ ތަފުސީލުތައް ماه بانو އާއި يـاسمـين ގެ ދޫފުޅުން އަޑުއެއްސެވުމަށްފަހުވެސް އޭނާއާއި حسّان އާ ދެމެދު ފާތިޙަކާއި މަފުތޫޙަކާ ދެމެދުގެ ގުޅުން ފިޔަވައި އެހެން ގުޅުމެއް އުފެއްދެވިދާނެ ކަމަކަށެއް އޭނާގެ ހިތްޕުޅަކަށް ޔަގީނެއް ނުކުރެއްވެއެވެ. އޭނާ ލޯފުޅު ހުޅުއްވައިލައްވައިފައި ވަނީ ފާތިޙުން އަބަދުވެސް އަނިޔާވެރީން ކަމުގައިވާ މަފުތޫޙުންނަށް އަނިޔާ ލިބުން އާއްމުވެފައިވާ ވެއްޓެއްގައެވެ. އެހެންކަމާއެކުވެސް ބައެއްފަހަރުފަހަރު އޭނާގެ ހިތްޕުޅުގައި އުންމީދެއް އުފެދެއެވެ. حسّان އޭނާ ލަފާކުރައްވާ ވަރަށްވުރެ ފުކެއް ރަނގަޅުފުޅުވެދާނެކަމަށްވެސް ހީފުޅުކުރެއްވެއެވެ. ޒަރުބަޚުތު އިންތިޒާރު ކުރައްވަމުން ގެންދަވަނީ حسّان އާ ބައްދަލުވެވަޑައިގެންނެވޭނެ ދެވަނަ ބައްދަލުވެވަޑައިގެންނެވުމަކަށެވެ. އެކަމަކު حسّان ވަޑައެއް ނުގަންނަވައެވެ. އޭނާ حسّان އާ ބައްދަލުވެވަޑައިގަންނަވަން އިންތިޒާރުކުރައްވާ ފަދައިން ماه بانو އާއި يـاسمـين އާއި سُهيل އާއި ކާއޫސުގެ ކުރިފުޅުމަތީގައި حسّان ގެ ވާހަކަ ދައްކަވަންވެސް ފަސްޖެހިވަޑައިގަންނަވައެވެ. އޭނާ سُهيل އާވެސް ހިތްޕުޅު ހުޅުއްވައިލައްވައިގެން ވާހަކަފުޅެއް ނުދައްކަވައެވެ. އެހެންކަމުން سُهيل ވެސް ވަޑައިގެން ކޮޅަށް ހުންނަވައި ޒަރުބަޚުތުގެ ހާލުކޮޅު އޮޅުންފިލުއްވައިލައްވައިގެން އެނބުރި ވަޑައިގަންނަވަނީއެވެ.

މަދާއިނާއި ބެހެރާޝޭރާ ބެހޭ ތާޒާ ޚަބަރުތައް އޭނާއަށް ލިބިވަޑައިގަންނަވަނީ މުސްކުޅިފުޅު ބޭސްވެރިޔާގެ އަރިހުންނެވެ. އެކަމަކު ބޭސްވެރިޔާއަށްވެސް حسّان އާބެހޭ މާގިނަ ވާހަކަތަކެއް ބުނުއްވާކަށެއް އެނގިއެއް ނުލައްވައެވެ. ބޭސްވެރިޔާ ބުނުއްވައެވެ. "حسّان ކަލާއާމެދު ވަރަށްބޮޑަށް ވިސްނައިވަޑައިގަންނަވައެވެ. އަޅުގަނޑާއި حسّان އާ ބައްދަލުވާ ކޮންމެފަހަރަކުވެސް އޭނާ އެންމެފުރަތަމަވެސް ސުވާލުކުރައްވަނީ ކަލާގެ ހާލުކޮޅާ ބެހޭގޮތުންނެވެ."

ماه بانو ކަންތައް ބަހައްޓަވާ ގޮތްކޮޅުން އޭނާއަށް އެނގިވަޑައިގަންނަވައެވެ. ماه بانو ގެ އަރިހުގައި އޭނާގެ މިހާރާއި މުސްތަޤުބަލަށްވުރެ މުހިންމީ ޒަރުބަޚުތުގެ ޞިއްޙަތުގެ މައްސަލައެވެ. ނަމަވެސް يـاسمـين ކަންތައް ބަހައްޓަވާ ގޮތްކޮޅާމެދު އޭނާގެ ހިތްޕުޅުގައި ވަނީ ސުވާލު އުފެދިފައެވެ. يـاسمـين ހައްދަވަނީ ކިހިނެއްކަމެއް އޭނާއަށް ވިސްނައިވަޑައެއް ނުގެންނެވެއެވެ. يـاسمـين ބެހެރާޝޭރުން ވަޑައިގެންނެވިފަހުން އެންމެފުރަތަމަ ތިންހަތަރު ދުވަހަކު ދުވަހަކު ޒަރުބަޚުތުގެ ހާލުކޮޅު ހުރީ ކަންބޮޑުވެވަޑައިގަންނަވަން ޖެހޭކަހަލަ ގޮތްކޮޅަކަށެވެ. އޭރު ماه بانو އެކޭ އެއްފަދައިން يـاسمـين ވެސް ރޭދުވާ އެއްކޮށްލައްވައިގެން ޒަރުބަޚުތަށް ހޭހަންކުރެއްވިއެވެ. އޭރު އޭނާގެ ލޯފުޅުން އަވަހާރަފުޅާއި ވަރުބަލިފުޅުކަމުގެ އަސަރު ފެނެއެވެ. ނަމަވެސް ޒަރުބަޚުތަށް ފަސޭހަފުޅުވަމުންދާ ވަރަކަށް يـاسمـين ގެންދަވަނީ އޭނާއާ ދުރަށް ޖެހިވަޑައިގަންނަވަމުންނެވެ. އޭނާގެ އަރިހަށް ވަޑައިގެންނެވުމަށާއި އޭނާއާ ވާހަކަފުޅު ދައްކަވަން ފަސްޖެހިވަޑައިގަންނަވަމުންނެވެ. ޒަރުބަޚުތުގެ ހިތްޕުޅު ބައެއްފަހަރަށް ޝަކުވާއިން ފުރެއެވެ. އެކަމަކު ފެންބޮވައިގެންފައިވާ ރޫޙުގެ ޝަކުވާ އޮބިގެންދަނީ ހަނގުރާމައިން ބަލިވެވަޑައިގެންނެވުމާއި އާރެއް ބާރެއް ނެތްކަމުގެ އިޙުސާސުގެ ތެރެޔަށެވެ.

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ޒަރުބަޚުތު އޮންނެވީ އަވަހާރަފުޅު ލައްޕަވައިފައެވެ. ماه بانو އޭނާގެ އެނދުކައިރީގައި ގޮނޑިޔެއްގައި އިންނެވިއެވެ. ޒަރުބަޚުތު ފުރޮޅިވަޑައިގެންފައި ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. ماه بانو އާ ދިމާޔަށް ބައްލަވާން އިރުކޮޅަކު ހިމޭނުން އޮންނެވިއެވެ. ކުއްލިޔަކަށް ތެދުވެވަޑައިގެން އިށީނދެވަޑައިގެންފައި ވިދާޅުވިއެވެ. "ބޭބެ ހައިރާންވަމެވެ. حسّان އެއްގޮތަކަށްވެސް މިގެޔަށް ވަޑައިނުގަންނަވަނީ ކީއްވެގެން ބާވައެވެ؟ އިއްޔެ ބޭބެ ގަސްދުކޮށްގެންހުރީ حسّان ވަޑައިނުގަންނަވަނީ ކީއްވެގެންތޯ سُهيل ގެ އަރިހުން އަހައިލަންކަމަށެވެ. އެކަމަކު سُهيل ވެސް އިއްޔެއަކު ވަޑައެއް ނުގެންނެވިއެވެ."

ماه بانو އޭނާގެ ބޭބެއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ އިސްދަށަށް ޖައްސަވައިލެއްވުމަށްފަހު ވިދާޅުވިއެވެ. سُهيل ދެންމެއަކު ވަޑައިގެންނެވިއެވެ. މިތާނގައި ހުންނަވައި ބޭބޭފުޅުގެ ހާލުކޮޅު އައްސަވައިލައްވައިފައި އެނބުރި ވަޑައިގެންފިއެވެ. އަޅުގަނޑު ބޭބޭފުޅު ހޭފުޅުލައްވަން އުޅުނީމެވެ. އެކަމަކު އޭނާ މަނާކުރައްވައިފިއެވެ. އޭނާ ހުންނެވީ ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާން ބޭނުންފުޅުވެފައެވެ. سُهيل ވިދާޅުވިއެވެ. "އޭނާގެ ބޭބެ މަދާއިނުން ބޭރަށް ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނީއެވެ. ފަހަރެއްގައި އޭނާއަށްވެސް އޭނާގެ ބޭބެގެ އަރިހުގައި ވަޑައިގަންނަވާން ޖެހިވަޑައިގެންފާނެއެވެ. އޭނާގެ ބޭބެ ވަރަށްގިނަދުވަހު މަދާއިނުން ބޭރުގައި އުޅުއްވާނެއެވެ."

ޒަރުބަޚުތު އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "ماه بانو އެވެ! މިހާލަތުގައި އޭނާއާ ބެހޭގޮތުން ސުވާލުކުރަން ބޭބެ ޖެހިލުންވެއެވެ. އެކަމަކު އޭނާ ކޮންމެވެސް ތަނަކަށް ވަޑައިގަންނަވާކަމުގައިވާނަމަ ކޮންމެގޮތަކަށް ނަމަވެސް އަޅުގަނޑުމެންގެ މުސްތަޤުބަލަކީ ކޮބައިކަން އޭނާގެ އަރިހުން އޮޅުންފިލުވަން ބޭނުމެވެ."

ماه بانو ޖަވާބު ދެއްވިއެވެ. "سُهيل ވިދާޅުވާގޮތުގައި އޭނާގެ ބޭބެ މަދާއިނުގައި ވަޑައިގެން ނެތްކަމުގައިވިޔަސް ބޭބޭފުޅަށް އެއްވެސް ދަތިފުޅުކަމެއް ނޯންނާނެއެވެ. ބޭބޭފުޅަށް ހިންގަވައިވަޑައިގެން އުޅުއްވެންދެން ބޭސްވެރިޔާވެސް ހުއްޓައިނުލައްވައި ދުރުވަމުން ގެންދަވާނެއެވެ."

ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ماه بانو އެވެ! ބޭބެގެ މުސްތަޤުބަލާމެދު ބޭބެ ކުޑަކޮށްވެސް ފިކުރު ބޮޑެއް ނުވެއެވެ. ބޭބެއަކީ ސިފައިންގެ މީހަކީމެވެ. ހަނގުރާމައިން ބަލިވުމުގެ ނަތީޖާއާ ކުރިމަތިލާން ބޭބެ މިހިރީ ތައްޔާރަށެވެ. ބޭބެއަށް އަޅުވެތިކަމުގެ ހިލިހިލާގެ ބަރު އުފުލިދާނެއެވެ. ބަންދުކުރުމާއި ޖަލަށްލުމަކީވެސް ބޭބެއަށް އައު ކަންކަމެއް ނޫނެވެ. އެކަމަކު ކޮއްކޮއާއި يـاسمـين އާމެދު ވިސްނައިލުމުން ބޭބެ ބިރުގަނެއެވެ. ބޭބެއަށް ވިސްނައިގަންނާކަށެއް އުނދަގުލެއް ނޫނެވެ. އަޅުގަނޑުމެންނާ ބެހޭގޮތުން އިސްލާމީ ލަޝްކަރުގައި އޭނާގެ އެއްވެސް ބަސްފުޅެއް ވިކޭނެކަމުގެ ޔަގީންކަން އޭނާއަށް ލިބިވަޑައިގެންފައި އޮތްނަމަކަ އޭނާ ވަޑައިނުގެންނެއް ނުހުންނެވީސްކަން ކަށަވަރެވެ."

ماه بانو ހިތާމަވެރި ހިނިތުންވެވަޑައިގެންނެވުމަކާއެކު ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ! ބޭބޭފުޅު އޭނާ ބަލައިފޮނުއްވިނަމަ އޭނާ މިހައިތަނަށް އެތައްފަހަރަކު ވަޑައިގެންފީހެވެ."

"އޭނާއަކީ ފާތިޙެކެވެ. އޭނާގެ ކުރިފުޅުމަތީގައި ބޭބެއަކަށް މިގޭގެ ދޮރު ބަންދެއް ނުކުރެވޭނެކަން އޭނާއަށް އެނގިވަޑައިގަންނަވާނެއެވެ."

"ބޭބެއަކީ قبــاد ގެ ދަރިކަލުންކަންވެސް އޭނާއަށް އެނގިވަޑައިގަންނަވައެވެ. ބޭބެ ޒަޚަމުވެވަޑައިނުގެންނެވިނަމަކަ އޭނާ އެދުވަހަކުވެސް ވަޑައެއް ނުގެންނެވީހެވެ. މިހާރު ކަންހުރިގޮތުން ބޭބެ އޭނާއާ ވާހަކަފުޅު ދައްކަވަން ގަބޫލުފުޅެއް ނޫންކަންވެސް އޭނާއަށް އެނގިވަޑައިގަންނަވާނެއެވެ."

"އޭނާއަށް އަޅުގަނޑުމެންނަށް ޙިމާޔަތްދެއްވިދާނެކަން ކޮއްކޮޔަށް ޔަގީންފުޅުތޯއެވެ؟"

"އާދޭހެވެ! އޭނާ ވަނީ އަޅުގަނޑުމެން ޙިމާޔަތްކުރެއްވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެންފައެވެ."

"އެކަމަކު އަޅުގަނޑުމެންނާ ބެހޭގޮތުން ގޮތެއް ނިންމެވުމުގެ އިޚުތިޔާރު މުސްލިމުން އޭނާއަށް އެރުވުމަކީ ކިހިނަކުންވާނެ ކަމެއްތޯއެވެ؟"

"ތިޔަގޮތެއް އަޅުގަނޑަކަށެއް ނޭނގެއެވެ. އަޅުގަނޑަށް އެނގެނީ އޭނާއަކީ އިސްލާމީ ލަޝްކަރުގެ އެންމެ ކުރިޔަށް ތިއްބެވި ޖަނަރަލުންކުރެ އެއްބޭފުޅެއްކަމެވެ. އޭނާއަކީ އާދައިގެ ސިފައިންގެ މީހަކަށްވެފައި އޭނާ އަޅުގަނޑުމެންނަށް އަމާންދެއްވި ކަމުގައި ވީނަމަވެސް މުސްލިމުންގެ ކޮމާންޑަރ އިން ޗީފް އޭނާ ދެއްވި ޙިމާޔަތް ރައްދެއް ނުކުރެއްވީހެވެ. ބޭބެ އަދިވެސް ތިޔަހުންނެވީ އޭނާގެ ޤައިދުގައި ކަމަށް ބޭބެ ވިސްނައިވަޑައިގަންނަވާނަމަ ބޭބެގެ އެވަހުމަށް ހަދާނެ ބޭހެއް ފަންޑިތައެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ބޭބެއަށް އަދިވެސް حسّان ދަސްފުޅު ނުވާކަމަށްވުރެ ނަސީބު ދެރަކަމެއް އަޅުގަނޑުމެންގެ އޮންނާނެތޯއެވެ؟"

"އޭނާ އަޅުގަނޑުމެން ޙިމާޔަތްކުރެއްވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެންފައިވާނަމަ އަދި ކޮއްކޮ އެކަމަށް ތިޔަހައި ބޮޑަށް އިތުބާރު ކުރައްވާނަމަ އޭނާގެ ޝަރުޠުތަކަކީ ކޮބައިތޯ ބޭބެއަށް ސުވާލު ކުރެވިދާނެތޯއެވެ؟"

ماه بانو ގެ މޫނުފުޅު ރަތްވެއްޖެއެވެ. އޭނާ ތެދުވެވަޑައިގެންފިއެވެ.

ޒަރުބަޚުތު ވިދާޅުވިއެވެ. "މަޑުކުރައްވާށެވެ! ބޭބެގެ ވާހަކައެއް ނުނިމެއެވެ. އިށީނދެވަޑައިގަންނަވާށެވެ! ބޭބެ މިހެން މިދެންނެވީ ކޮއްކޮގެ ހިތްޕުޅަށް އުނދަގޫފުޅު ކުރާކަށެއް ނޫނެވެ."

ماه بانو އިށީނދެވަޑައިގެންފިއެވެ. އޭނާގެ ލޯފުޅުން ހުރީ ކަރުނަފޮދު ފާއްދައިލައިފައެވެ. ޒަރުބަޚުތު އިރުކޮޅަކު އިސްދަށަށް ޖައްސަވައިގެން ވިސްނައިވަޑައިގަންނަވާން އިންނެވިއެވެ. އެއަށްފަހު އޭނާ ކާއޫސަށް ގޮވައިލައްވައިފިއެވެ. "ކާއޫސު!" ކާއޫސު އައިސް އެކޮޓަރިޔަށް ވަދެއްޖެއެވެ.

ޒަރުބަޚުތު ވިދާޅުވިއެވެ. "ކާއޫސެވެ! يـاسمـين އަށް ދަންނަވާށެވެ. އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކައިލާން ބޭނުމެވެ."

ކާއޫސު އަވަސްއަވަހަށް ބޭރަށް ނުކުމެއްޖެއެވެ. ماه بانو ސުވާލުކުރެއްވިއެވެ. "ބޭބެ ތިޔަ އުޅުއްވަނީ އޭނާއާ ކޮންވާހަކަފުޅެއް ދައްކަވަންތޯއެވެ؟"

"ކޮއްކޮޔަށް ހަމަމިހާރު އެނގިވަޑައިގެންފާނެއެވެ."

يـاسمـين ވަޑައިގެންފިއެވެ. އޭނާ ގޮނޑިޔެއް ކައިރިކޮށްލައްވައިފައި ماه بانو ގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. ކާއޫސު އެނބުރިދާން ފެށުމުން ޒަރުބަޚުތު އަތްޕުޅުން އިޝާރަތްކުރައްވައި އޭނާ ހުއްޓުވައިފައި ވިދާޅުވިއެވެ. "ކާއޫސުވެސް މަޑުކޮށްލާށެވެ."

ކާއޫސު މަޑުކޮށްލައިފިއެވެ. ޒަރުބަޚުތު يـاسمـين އާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "ކަލާ ބެހެރާޝޭރުން ކަލާގެ އަސްތައް ގެންނަވާށެވެ. ފުރުސަތެއް ލިބިވަޑައިގެންނެވުމާއެކު އަސްފަހާނަށް ވަޑައިގަންނަވާން މަސައްކަތްޕުޅު ކުރައްވާށެވެ. ماه بانو އާއި ކާއޫސާވެސް ކަލާގެ އަރިހުގައި ވަޑައިގަންނަވާނެއެވެ. މުސްލިމުން ތިޔަބޭފުޅުން ހުއްޓުވާނެއެވެ. އޭރުން އަޅުގަނޑުގެ ކޮއްކޮ މުސްލިމުންނާމެދު ކުރައްވާ ރަނގަޅު ހީފުޅުގެ ޙަޤީޤަތެއް ނެތްކަން އޭނާޔަށް އެނގިވަޑައިގެންފާނެއެވެ. އަޅުގަނޑާމެދު ތިޔަބޭފުޅުން ކަންބޮޑުވެވަޑައިނުގަންނަވާށެވެ. އަޅުގަނޑަށް ވަރަށް އަވަހަށް ރަނގަޅު ވެދާނެއެވެ. އަޅުގަނޑަށް އަސްފަހާނަށް ނުދެވުނު ކަމުގައި ވިޔަސް ތިޔަބޭފުޅުން ތިއްބެވީ ދުޝްމިނުންގެ އަތްނުފޯރާ ހިސާބުގައި ކަމުގެ ހިތްހަމަޖެހުން އަޅުގަނޑަށް އޮންނާނެއެވެ."

يـاسمـين ޒަރުބަޚުތާ ދިމާޔަށް ބައްލަވައިވެސް ނުލައްވައި ޖަވާބު ދެއްވިއެވެ. "އަޅުގަނޑު އަސްފަހާނަށްދާން އުޅުނުކަމުގައިވިޔަސް މުސްލިމުން އަޅުގަނޑު ނުހުއްޓުވާނެކަން އަޅުގަނޑަށް ޔަގީނެވެ. އެކަމަކު އަސްފަހާނުގައިހުރި އަޅުގަނޑުގެ ގެޔަށްވުރެ ރައްކާތެރިކަމުގައި އަޅުގަނޑު ދެކެނީ ބެހެރާޝޭރުގައި ހުރި އަޅުގަނޑުގެ ގެއެވެ. މާދަމާ ހެނދުނު އަޅުގަނޑު ގެޔަށް ހިނގައިދާނަމެވެ."

ޒަރުބަޚުތު ހުއްޓުންއަރައިވަޑައިގެން އިރުކޮޅަކު يـاسمـين އާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އޭނާ ވިދާޅުވިއެވެ. ފުރޭބުރުޒުގެ މާފަދަރިކަނބަލުންވެސް އީރާނުގެ މުސްތަޤުބަލާމެދު މާޔޫސުވެވަޑައިގެންފާނެ ކަމަކަށް އަޅުގަނޑު ހީއެއް ނުކުރަމެވެ."

"އަޅުގަނޑު އީރާނުގެ މުސްތަޤުބަލާމެދު މާޔޫސެއް ނުވަމެވެ. އަޅުގަނޑު ހިތާމަކުރަނީ އިރުއަރައި އަލިވުމުންވެސް ހެނދުނުގެ އަލިކަމުގެ ތެރެޔަށް ލޯހުޅުވައިލަން ބޭނުންނުވާ މީހުންގެ ހާލާމެދުގައެވެ. ކުރުވަމުން ހަނިވަމުންދާ ކަޅު ހިޔަންޏަކާއެކު ދުވެވަޑައިގަންނަވަން ކަލާ ބޭނުންފުޅު ކަމުގައިވާނަމަ ކަލާ ދުވެވަޑައިގެންނެވިޔަ ނުދީއެއް އަޅުގަނޑަކަށް ނުހުއްޓުވޭނެއެވެ. އަނދިރި މަގުމަގުން ތަންތާ ފެކެލިވަޑައިގަންނަވަމުން ބޮނޑި ލިބިވަޑައިގަންނަވަމުންގޮސް އެންމެފަހުން ލޯފުޅު ހުޅުއްވައިލައްވަން ކަލާއަށް މަޖުބޫރުވެވަޑައިގަންނަވާ ދުވަހަކާ ހަމަޔަށްވެސް އަޅުގަނޑު އިންތިޒާރު ކުރާނަމެވެ."

يـاسمـين އެހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ. ދުވެވަޑައިގެންފައި ވަޑައިގެން ޖެހިގެންހުރި ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ.

ޒަރުބަޚުތު ނާކާމިޔާބުވެވަޑައިގެން ކާއޫސާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ކާއޫސެވެ. ކަލާކޮށްޓަކައި އޭނާއަށް ވިސްނައިދޭށެވެ. އަހަންނަށްޓަކައި އަހަރެން އެއްވެސް ބޭނުމަކު ނޭދެމެވެ. އަހަރެން އެދެނީ މިބޭފުޅުން ރައްކާތެރި ތަނަކަށް ވަޑައިގެންނެވުމެވެ."

ކާއޫސު ހަމަޖެހިލައިފައި ޖަވާބު ދިނެވެ. "މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަނީ މި ދެބޭފުޅުންގެ ސަލާމަތާ މެދުގައި ދޮގެއްތޯއެވެ؟ އެހެންކަމުގައިވާނަމަ އަޅުގަނޑު ޔަގީންކޮށް އަރުވަމެވެ. މަދާއިނުގައި އެބޭފުޅުންނަކަށް އެއްވެސް ނުރައްކަލެއްނެތެވެ."

ޒަރުބަޚުތު ކަންބޮޑުވެވަޑައިގެންނެވުމާއެކު ޖަވާބު ދެއްވިއެވެ. "ކަލޭ... ކަލޭ ماه بانو އާއި يـاسمـين ގެ ސަލާމަތުގެ މަސްއޫލިއްޔަތާ ހަވާލުވީހެއްޔެވެ؟"

ކާއޫސު ޖަވާބުދިނެވެ. "ނޫނެކެވެ! މިހާރު އެބޭފުޅުންގެ ސަލާމަތަކީ މުސްލިމުންގެ ކޮމާންޑަރ އިން ޗީފުގެ މަސްއޫލިއްޔަތެކެވެ!"

ޒަރުބަޚުތު ޒަހަރުގެ ކޯވަރެއް ހިއްޕަވައިލެއްވިއެވެ. އޭނާގެ މުޅި ހަށިކޮޅު ތުރުތުރުއަޅާން ފަށައިފިއެވެ. އޭނާ ސަމާލުވެވަޑައިގަންނަވަން މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. "ކަލޭ މިތަނަށް އައީ މިބޭފުޅުން މަގުފުރައްދަންކަމެއް އަހަރެން ނުދެނެހުރީމެވެ."

"ނޫނެކެވެ. ޒަރުބަޚުތެވެ! އަޅުގަނޑު މިތަނަށްއައީ މަނިކުފާނު ހަލާކުގެ މަގުން ސަލާމަތް ކުރުމަށްޓަކައެވެ. އަޅުގަނޑު މިތަނަށް ފޮނުއްވީ މިދުނިޔެމަތީގައި ހުންނެވި މަނިކުފާނަށް އެންމެ އިޚުލާޞްތެރި އެންމެ ހެޔޮއެދިވަޑައިގަންނަވާ ރަޙުމަތްތެރިޔާއެވެ."

ޒަރުބަޚުތު ސުވާލު ކުރެއްވިއެވެ. "ކަލޭވެސް އިސްލާމްވީހެއްޔެވެ!"

"އާދޭހެވެ! އަޅުގަނޑު ފަޚުރުވެރިވަމެވެ. އެއްވެސް ބޮޑާކަމެއް ނުވަތަ ނަފުރަތެއް ނުވަތަ ބިރެއް އަޅުގަނޑު ސަލާމަތުގެ މަގު ޚިޔާރުކުރުން ހުއްޓުވުމުގެ ސަބަބަކަށްވިޔަކަ ނުދެމެވެ."

ماه بانو ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ތެދު ގަބޫލުކޮށް ޙައްޤަށް އިޢުތިރާފުވުމަކީ ކުށެއްކަމުގައިވާނަމަ އަޅުގަނޑުވެސް ބޭބޭފުޅު ދެއްވާނެ އަދަބަކަށް އަޅުގަނޑުގެ ނަފުސު ހުށަހަޅަމެވެ."

"ކޮއްކޮ......؟" ޒަރުބަޚުތު ހަށިކޮޅުން ވާގިދޫވެގެން އެނދުގައި އޮށޯވެވަޑައިގެންފިއެވެ.

ماه بانو އެކޮޓަރީން ނުކުމެވަޑައިގަންނަވަން ދޮރާ ދިމާއަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ނަމަވެސް ވިސްނައިވަޑައިގެންފައި މަޑުކޮށްލައްވައިފިއެވެ. އޭނާ ޒަރުބަޚުތާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ޒަރުބަޚުތު އޮންނެވީ ދެލޯފުޅު ބޮޑުކުރައްވައިގެން މަތިބައްލަވާށެވެ. ماه بانو ކާއޫސާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ކާއޫސު އިޝާރަތްކޮށްލުމުން އޭނާ އެނބުރިވަޑައިގެން ޒަރުބަޚުތުގެ އެނދުކައިރިޔަށް ހުއްޓިވަޑައިގެންފިއެވެ.

"ބޭބޭފުޅާއެވެ!" އޭނާ ބިރުފުޅުގެން ވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. އޭނާގެ ތުރުތުރު އަޅައަޅައިއޮތް އަތްތިލަފުޅު ޒަރުބަޚުތުގެ ނިތްކުރިފުޅުމަތީގައި ބާއްވަވައިފިއެވެ. ޒަރުބަޚުތު ޖަވާބު ދެއްވުމުގެ ބަދަލުގައި ލޯފުޅު މަރުއްވައިލައްވައިފިއެވެ.

"ބޭބޭފުޅާއެވެ! ބޭބޭފުޅާއެވެ!" ماه بانو ކީރިތިކުރެއްވޭ އަޑުފުޅަކުން ވިދާޅުވިއެވެ.

ޒަރުބަޚުތު ماه بانو ގެ އަތްޕުޅުގައި ހިފަހައްޓަވައިފިއެވެ. އޭނާގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. "ލޯބިވާ ކޮއްކޯއެވެ!" އޭނާ ވިދާޅުވިއެވެ. "ބޭބެ މީގެފަހަކުން ކަޅު އަނދިރިކަމުގެ ފަހަތަކުން ނުދުވާނަމެވެ."

ޒަރުބަޚުތު ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. އޭނާ ކާއޫސާ ދިމާޔަށް ބައްލަވައިލެއްވިއެވެ. "ކާއޫސެވެ! އަހަރެން އަހަރެންގެ ނާކާމިޔާބީއަށް އިޢުތިރާފުވެ حسّان ވެސް ބައްލަވާ ނަޒަރުން މުސްތަޤުބަލާމެދު ބަލާންފަށައިފިނަމަ އަހަރެމެން ދެމީހުންގެ މެދުގައި ލެވިފައިހުރި ނަފުރަތުގެ ފާރުތައް ވެއްޓޭނެހެއްޔެވެ؟"

ކާއޫސު ޖަވާބު ދިނެވެ. "حسّان ދަރިފުޅަކަށް ނަފުރަތެއް ނުކުރައްވައެވެ. ދަރިފުޅުގެ ހިތްޕުޅުގައި ސަލާމަތުގެ މަގު ގަބޫލުކުރެއްވުމުގެ ބުންވަރު އުފެދުމަށްވުރެ ވަކީންބޮޑަށް އޭނާ އުފާކުރައްވާނީ ކޮންކަމަކާތޯއެވެ. އޭނާގެ އެންމެބޮޑު އެދިވަޑައިގެންނެވުމަކީ ޖިހާންދާދުގެ ކޮއްކޮ އަދި ماه بانو ގެ ބޭބެ ހަލާކުގެމަގުން ސަލާމަތްކުރެއްވުމެވެ. އެއީ އޭނާ ހާސިލުކުރައްވަން ބޭނުންފުޅުވާ އެންމެ މުހިންމު އެއް އަމާޒެވެ."

"ނޫނެކެވެ! ނޫނެކެވެ! ޒަރުބަޚުތު ހިތްޕުޅު ކުޑައިކުރައްވައި ވިދާޅުވިއެވެ. "ކަލޭ އަހަރެންގެ ގާތުގައި ވަޢުދުވާށެވެ. ކަލޭ حسّان ގެ އަރިހުގައި އަހަރެންގެ ވާހަކަ ދައްކައިގެން ނުވާނެއެވެ. އަހަރެން މާޔޫސުވެ ގޮތްހުސްވެގެން އަހަރެންގެ ގޮތް ބަދަލުކުރަން އުޅޭވާހަކަ ދަންނަވައިގެން ނުވާނެއެވެ. އަހަރެން މިބަލީން ގަދަވެ މަދާއިނުގެ ހަތަރު އަނގޮޅިޔެއްގައިހުރެ އަހަންނަށް ސަލާމަތުގެ މަގު ފެނުނު ވާހަކަ އިޢުލާނުކުރަންދެން އޭނާގެ އަރިހުގައި މިވާހަކަ ނުދައްކާށެވެ. އެދުވަހަކުން އަހަރެން އޭނާގެ ކުރިފުޅުމަތީގައި ލަދެއް ނުގަންނާނެއެވެ."

ކާއޫސު ފިކުރުކޮށްލައިފައި ޖަވާބު ދިނެވެ. "قبــاد ގެ ދަރިކަލުންނޭވެ! ދަރިފުޅު ތިޔަ މުޢާމަލާ ކުރައްވަނީ حسّان އަކާ ނޫނެވެ. حسّان ގެވެސް ޚާލިޤާ އެކުގައެވެ. ނިކަމެތިކަމާއި އާރެއް ބާރެއްނެތްކަމުގެ ކަރުނަޔަކީ އެކަލާނގެ ޙަޟުރަތުގައި ބޭކާރުވާނެ އެއްޗެއް ނޫނެވެ. އެކަލާނގެ އަޅުތަކުންގެ އާދޭހާއި ނުކުޅެދުންތެރިވެގަތުމަށް އެކަލާނގެ ދަރުމަ ދެއްވައެވެ. حسّان އަބަދުވެސް ޔަގީންކުރައްވަނީ މުސްތަޤުބަލުގެ ބާއްޖަވެރިކަން ދަރިފުޅަށް އިންތިޒާރުކުރާނެ ކަމުގައެވެ. ޖިހާންދާދުގެ ކޮއްކޮ ޙައްޤަށް ނަޞުރު ދެއްވުމުގައި އޭނާއާ އެއްސަފެއްގައި ހުންނެވުމަކީ އޭނާ ފަޚުރުވެރިވެވަޑައިގަންނަވާނެ ކަމެކެވެ."

(ނުނިމޭ)