ދެހާސް ނަވާރަވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެމްއެމްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުން ދޭ، އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށާއި މި އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

  • ތަހުގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާނަލިޒަމް)
  • އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަން
  • ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީ
  • ސިޔާސީ
  • ޝަރުއީ އަދި ގާނޫނީ
  • ވިޔަފާރިއާއި އިގުތިސޯދު
  • ކުޅިވަރު
  • ފޮޓޯ ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް
  • ފީޗާ / ރިޕޯޓް
  • އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު

އެމްއެމްސީން ބުނީ އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ފިޔަވައި އެހެން އިނާމުތައް ދޭނީ ޕްރިންޓް، ޑިޖިޓަލް ޕްރިންޓް/އޮންލައިން ކެޓެގަރީ އަދި ބްރޯޑްކާސްޓިން ކެޓެގަރީ (ޓީވީ) ވަކިން ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކެޓެގަރީއަށް ކުރިމަތިލާ ނޫސްވެރިންނަށް އޮންލައިން ނުވަތަ ޕްރިންޓް ކެޓަގަރީއަށް ކުރިމަތި ނުލެވޭނެ ކަމަށާއި އޮންލައިން ނުވަތަ ޕްރިންޓް ކެޓަގަރީއަށް ކުރިމަތިލާ ނޫސްވެރިންނަށް ބްރޯޑްކާސްޓިން ކެޓަގަރީއަށް ކުރިމަތި ނުލެވޭނެ ކަމަށްވެސް އެމްއެމްސީން ބުނެއެވެ.

އެމްއެމްސީން ދޭ އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ކުރިމަތިލެވޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާ ދެމެދު މަދުވެގެން ޖުމުލަ ނުވަ މަސް ދުވަހު މަސައްކަތްކޮށްފައިވާ އަދި އެ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިކަމުގެ ދާއިރާގައި ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ނޫސްވެރިންނަށެވެ. އެ އިނާމަށް ނޫސްވެރިޔަކު ހުށަހަޅާނީ އޭނާ މަސަައްކަތްކުރާ މީޑިއާއެއްގެ އިދާރާއިންނެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ނުވަ ދާއިރާއަކުންނެވެ.

އެމްއެމްސީން ބުނީ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3003995 ނުވަތަ 7967919 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށެވެ.