ލ. ފޮނަދޫ މަގު ހެދުން "ފޭސް 2" ބަޖެޓުގައި ހިމަނާފައި ވަނިކޮށް އެ މަޝްރޫއުގައި ސޮއިނުކޮށް، ބަޖެޓުގައި ހިމެނިފައިނުވާ ރ. ދުވާފަރުގެ މަގު ހެދުމުގެ "ފޭސް 2" ގައި ސޮއިކޮށްފައިވާތީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި މައްސަލައިގައި ސުވާލުކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވިކަން ހާމަކުރައްވައި، މެންބަރު މޫސާ ސިރާޖު ވިދާޅުވީ ޕްރޮޖެކްޓްތަކުގައި ސޮއިކުރުމުގައި ދާއިރާތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލަންޖެހޭ ކަމަށެވެ. އޭނާ މިނިސްޓަރު އަސްލަމާ ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ އެކަން އެގޮތަށް އޮއްވައި، މިއަހަރުގެ ބަޖެޓުގައި ހިމަނާފައިނުވާ، ދުވާފަރު މަގު ހެދުމުގެ "ފޭސް 2" ޕްރޮޖެކްޓް 37،871،786.00 ރުފިޔާއަށް އިއްޔެ ސޮއިކުރީ ކޮން އުސޫލަކުންތޯ އޮޅުންފިލުއްވުމަށެވެ.
ބިންބޮޑު ފޮނަދޫގެ މަގު ހެދުމަށްވުރެ ބިމުގެ ގޮތުން މާބޮޑު ތަނުން ކުޑަ އަދި ބަޖެޓުގައި ހިމެނިފައިނުވާ، ދުވާފަރު ޕްރޮޖެކްޓަށް އިސްކަން ދޭން ޖެހުނީ ކީއްވެތޯ ސުވާލުކުރަން ވެސް ވަނީ ހިމަނައިފައެވެ. އަދި ކޮވިޑުގެ ސަބަބުން ޕްރޮޖެކްޓުތަކުގައި ސޮއިކުރުން މަޑުޖައްސާލާފައިވާ ވަގުތެއްގައި އެވަރުގެ ހަރަދެއްކުރަން އިސްކަމެއް ދީގެން ބަޖެޓުގައި ނެތް ޕްރޮޖެކްޓެއްގައި ސޮއިކުރަންޖެހެނު ސަބަބާއި، ބަޖެޓުގައި ހިމެނިފައިނުވާ ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި އަމަލުކުރަން އޮންނަ އުސޫލު އޮޅުންފިލުވަންވެސް ސުވާލުގައި ހިމަނާފައިވެއެވެ.
ފިނޭންސް މިނިސްޓްރު އަމީރާ ސުވާލުކުރަން ހުށަހަޅާފައިވަނީ، އެ ޕްރޮޖެކްޓުގައި ސޮއިކުރަން ހުއްދަދެއްވީ ކޮން އުސޫލަކުންތޯ އާއި ބަޖެޓުގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި އެހާ ބޮޑު އަދަދަކުން ހަރަދުކުރަން ހުއްދަ ދެއްވީ، ބަޖެޓުގައި ހިމެނިފައިވާ ހުރިހާ ޕްރޮޖެކްޓްތައް ހިންގުމަށް މިހާރު ފައިސާ ލިބިފައިވަނީތޯ އޮޅުންފިލުވުމަށެވެ.
މެންބަރު މޫސާ ސިރާޖު، އެ ދެ މިނސްޓަރުންނާ ސުވާލު ކުރަން ހުށަހެޅުއްވި ނަމަވެސް އެ ބޭފުޅުންނާ ސުވާލު ކުރެއްވޭނީ ރައްޔިތުންގެ މަޖިލިސް ހުޅުވުނީމައެވެ.
މަޖިލިސް މިހާރު އޮތީ ދައުރު ނިންމައި ޗުއްޓީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު