ބަންގްލަދޭޝް އިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ރޭ ރާއްޖެ އައި އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ ލަގެޖު ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށް ޝައްކު ކުރެވޭ ހިކި ފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެތަކެތީގެ ބަރުދަނުގައި ޕެކިންގްއާއެކު 4.4 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީ އަގު 3.55 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ، އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ އިތުރުން އޭނާގެ އަތުން ފެނުނު ތަކެތި ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.