ޚަބަރު

އެއް އަހަރުތެރޭ މީދޫ ދާއިރާގެ މެންބަރު ސިޔާމަށް އާމްދަނީގެ ގޮތުގައި 21 މިލިޔަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އަށް އާމްދަނީގެ ގޮތުގައި ވޭތުވެދިޔަ އަހަރު ލިބުނީ 21 މިލިޔަން ރުފިޔާ ކަމަށް މާލީ ހިސާބުން ދައްކައިފިއެވެ.

ސިޔާމަކީ 25 ކުންފުންޏެއްގެ ޗެއާމަން ކަމާއި، މެނޭޖިން ޑިރެކްޓަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިދިޔަ އަހަރުގެ މެއި 28 އިން މިއަހަރުގެ މެއި 27 އަށް ވޭތުވެދިޔަ އަހަރުގެ މާލީ ހިސާބު ރައްޔިތުންގެ މަޖިލީހަށް ސިިޔާމް ހުށަހަޅުއްވާފައިވާ އިރު، އެ ހިސާބުތަކުން ދައްްކާ ގޮތުގައި 21 މިލިޔަން ރުފިޔާ ސިޔާމަށް ލިބިވަޑައިގެންފައިވަނީ މަޖިލިހުގެ މުސާރައިންނާއި، ކުންފުނީގެ މުސާރައިންނާއި، އެހެނިހެން ގޮތް ގޮތުންނާއި ހިއްސާއިންނެވެ.

އެގޮތުން މަޖިލިހުގެ މުސާރައިންނާއި، ކުންފުނީގެ މުސާރައިންނާއި، އެހެނިހެން ގޮތްގޮތުން 20،190،417.49 ރުފިޔާ ސިޔާމަށް ލިބިވަޑައިގެންފައިވާ އިރު، ކުންފުންޏާއި ޕާޓްނާޝިޕް ހިއްސާގެ ފައިސާ ނުވަތަ ޑިވިޑެންޓްގެ ގޮތުގައި 887،520.00 ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައިވާ ގޮތުން ސިޔާމްގެ ފަސް އެކައުންޓެއް ރާއްޖޭގެ ބޭންކުތަކުގައި އޮވެއެވެ. އެ އެކައުންޓުތަކުގައި ޖުމުލަ 512،788.27 ޑޮލަރާއި 338،702.08 ރުފިޔާ ހުރި ކަމަށް ބަޔާނުގައިވެއެވެ. ރާއްޖެއިން ބޭރުގެ ދެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓުތަކުގައި 64،971.97 ރުފިޔާ ހުރި ކަމަށްވެސް ބަޔާނުގައިވެއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާއިން 1.5 މިލިޔަން ޑޮލަރުގެ ލޯނެއް ސިޔާމު ނަންގަވާފައިވާ ކަމަށާއި މެލޭޝިޔާގެ އެޗްއެސްބީސީން 4,080,000 މެލޭޝިއަން ރިންގިޓްގެ ލޯނެއް ނަންގަވާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.