ޔުނިފޯމް ލައިގެން ޗޭންޖިންގް ރޫމުން ނިކުތް ނާލާއަށް އޭނަގެ ފޯނަށް ބަލައިލެވުނެވެ. އެވަގުތު ރުހައިމްގެ މެސެޖެއް ލިބުނެވެ. ސައްހަސަލާމަތުން އޮފީހަށް ދެވިއްޖެކަން އަންގައިދީފައި އޮތް މެސެޖެކެވެ. މެސެޖު ކިޔާލުމާއެކު ނާލާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ރުހައިމް އޭނަގެ ލޯކުރިމަތިން ގެއްލުނީއްސުރެން ނާލާގެ ހިތް ދިޔައީ ނުތަނަވަސްކަމެއްގެ ކަނޑެއްގައި އޮޔާ ބެހެމުންނެވެ. ވިއްސާރަ ދުވަސްތަކުގައި އާންމު ގޮތެއްގައި މަގުމަތީގެ ކާރިސާތަކާއި އެކްސިޑެންޓްތައް ހިނގާތީ އެފަދަ ޚިޔާލުތަކުން ނާލާގެ ހިތަށް ދިޔައީ އުނދަގޫ ކުރަމުންނެވެ. ނަމަވެސް ރުހައިމްގެ މެސެޖު ލިބުނު ހިސާބުން އޭނަގެ ހިތަށް ފިނިކަމުގެ ރާހަތެއް ލިބިއްޖެއެވެ. މޫނު އުޖާލާވެގެން ދިޔައެވެ.

ހޮސްޕިޓަލުގެ ހަލަބޮލި މާހައުލުގެ ތެރޭން ނާލާއާއި ޝައިހާ މިސްރާބު ޖެހީ ލިފްޓާއި ދިމާއަށެވެ.

''ވިވިއަންގެ ވާހަކަ އަޑުއެހިންތަ؟...'' ލިފްޓް ކައިރިއަށް ހުއްޓެމުން ޝައިހާ ސުވާލުކުރިއެވެ. އޭނަގެ އަޑުގައި ފޫހިކަން އެކުލެވިގެންވިއެވެ.

ނާލާގެ ފަރާތުން ޖަވާބެއް ނުލިބި ގިނަ އިރުވުމުން ނާލާއަށް ޝައިހާ ބަލައިލިއެވެ. އޭރު ނާލާ ދިޔައީ ރުހައިމްއަށް ފޮނުވަން މެސެޖެއް ލިޔަމުންނެވެ. އެމަންޒަރު ބަލަން ހުރެފައި ޝައިހާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ފަނޑު ހިނިތުންވުމެއްގެ އަސަރުވެސް އެތުންފަތުގައި ވިއެވެ. ''ސާބަސް!، ފިރިސޮރު ލޯމަތިން ގެއްލުނުތާ މާ ގިނަ އިރެއްވީކީއެއް ވެސް ނޫނޭ، މިހާރު މެސެޖު ކުރަން ފެށީ، ހަނީމޫން ދުވަސްކޮޅު ނަމަވެސް ރަނގަޅޭ، މިހާރު މެރީކޮށްގެން އުޅޭތާ ފަސް އަހަރު ވިއްޔާ މިވަނީ......''

''ޝާއަށް ވެސް ހަޔާތުގެ ބައިވެރިޔަކު ލިބުނީމަ އެނގޭނީ ކޮންމެ ވަގުތެއްގެ ހާއްސަކަން، ކޮންމެ ސިކުންތެއްގެ މުހިންމުކަން... ހެހެހެ، ތިހެން ސިންގަލްކޮށް އުޅޭއިރު ނޭނގޭނެޔޭ...'' ރުހައިމްއަށް މެސެޖު ފޮނުވާލުމަށްފަހު، ޔުނިފޯމުގެ އަރިމަތީ ޖީބަށް ފޯނުލަމުން ނާލާ ވާހަކަދެއްކިއެވެ. އޭނަ ބޭނުންވީ ޝައިހާއާއި ދިމާކޮށްލާށެވެ. ''ވިވިއަންގެ ކޮން ވާހަކައެއްތަ ދައްކަން އުޅުނީ؟...''

''ހޫނ!، އަހަރެން އަދި ބޭނުމެއް ނޫން ރައްޓެހި ވާކަށް، ސިންގަލް ލައިފް އިސް ބެޓާރ... ދެން ތި ވާހަކައެއް ނޫނޭ، ވިވިއަން ޕްރެގްނެންޓްވި ވާހަކަ އަޑު އެހިންތަ؟...'' ހުޅުވިގެން ދިޔަ ލިފްޓުން މީހުން ފައިބަން އެއްފަރާތަކަށް ޖެހިލި ޝައިހާ ބުނެލިއެވެ.

ޝައިހާގެ ޖުމްލައިން ނާލާއަށް ހައިރާންކަން ލިބުނެވެ. ވިވިއަންއަކީ ސްކޫލް ދައުރުއްސުރެން ފެށިގެން ނާލާ ދަންނަ ކުއްޖެކެވެ. ނާލާގެ މަންމައާއި ވިވިއަންގެ މަންމައަކީ ރައްޓެހިންނެވެ. އެދެމެދުގައި އޮތްނަ އެކުވެރިކަމަކީ ނާލާގެ ހިތުގައި ސުވާލު އުފެދޭ ގުޅުމެކެވެ. މާބޮޑު ގާތްކަމެއް ނެތް ދެއްކުންތެރިކަމުގެ ގުޅުމެކެވެ. އެކަކު އަނެކަކަށް ކުރިއެރުމެއް ލިބުމަށްވުރެން ސަޅިބައިސާ ކެނޑުމުގެ ފަލްސަފާގެ މައްޗަށް ބިނާވެފައި އޮތްނަ އެކުވެރިކަން ދެކެ ނާލާ ފޫހިވެއެވެ. އޭނަގެ މަންމަގެ ހުންނަ އެމިޒާޖު ދެކެވެސް ނާލާ ފޫހިވެއެވެ. ނަމަވެސް އޭނަގެ މަންމައަށް ވުމުން އަނދިރިކަމުގެ ނަޒަރެއް ދޭން އޮތްނަނީ މަޖުބޫރުވެފައެވެ. އެހެންނޫންނަމަ މަންމަގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހިދާނެއެވެ.

ވިވިއަންއަކީ ހުރިހާ ކަމެއްގައި ވެސް ވާދަވެރިކަމަށް ލޯބިކުރާ ކުއްޖެކެވެ. ކިޔެވުމުގެ މައިދާނުގައި އޭނައަށް ވުރެން އަބަދުމެ ކުރީގައި އުޅުނީ ނާލާ އެވެ. ގިނަ ކާމިޔާބީތަކުގެ ހައްޤުވެރިޔަކަށް ވެސް ވީ ނާލާއެވެ. އެކަމުގެ ހަސަދަވެރިކަމާ ހުރެ އެކުވެރިކަމަށް ނާލާ ދިއްކޮށްލި އަތުގައި ހިފުމުގެ ބަދަލުގައި ވިވިއަން ދެއްކީ ފުސް މޫނެކެވެ. ކިތަންމެ ގާތްކޮށް ނާލާ އުޅުނަސް ވިވިއަންގެ ފަރާތުން ފެނިގެންދާނީ ފޫހިކަމާއި ރުޅިވެރިކަމެވެ. ނަފުރަތެވެ. އެތައް ޒަމާނެއް ވީއިރުގައި ވެސް އެކަމަށް ކުޑަމީސް ބަދަލެއް ނާދެއެވެ. އެކަމަށް މިހާރު ސަމާލުކަން ދޭން ނާލާ ބޭނުމެއް ނުވެއެވެ. އެއަށްވުރެން މުހިންމު އަދި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ހުރީމައެވެ.

ވިވިއަންގެ ފަރާތުން އެއްވެސް ބަދަލައެއް މިއަދާ ޖެހެންދެންވެސް ފެނިފައި ނުވެއެވެ. ކޮންމެ ކަމެއްގައިވެސް ނާލާއަށް ވުރެން ކުރިއަރައިދާން އޭނަ ނުހަނު ބޭނުންވެއެވެ.

''އެހެންތަ؟... އައިމް ހެޕީ ފޯ ހާރ...'' ލިފްޓުން މީހުން ފޭބުމާއެކު ލިފްޓަށް ނާލާ އެރިއެވެ. ނާލާގެ ފަހަތުން ޝައިހާ ވެސް އެރިއެވެ. އަދި ދެއެކުވެރިން ދާން ބޭނުންވާ ފަންގިފިލާގެ ނަންބަރަށް ފިތާލިއެވެ.

''ހޫމްމްމް، އިއްޔެއްގަ ނާލާ އޮފެއްނު އެހެންވެ ނޭނގުނީ......'' ޝައިހާ އޮޅުންފިލުވައިދިނެވެ. ''ދެން ހެޔޮ ބަދަލެއް ފެނިއްޖެއްޔާވެސް ރަނގަޅު، އޭނައާ ހެދި މުޅި މާހައުލު އޮތްނަނީ ޚަރާބުވެފަ... އަދި ޑޮކްޓާރ ފަޒީލްއާ ކައިވެނި ކުރި ފަހުން އާސުމާނުގަ އުޅެނީ، ޕޭޝެންޓުން ރަނގަޅަށް ބެލުމަށްވުރެން އެހެން ކަންކަމުގަ އުޅެނީ، އޭނައާ ހެދި އަހަންނަށް ހާދަ އުނދަގުލެއް ވެޔޭ...''

''ޝާ، ދެން ވިވިއަންގެ ވާހަކަނުދައްކާ، މިހާރު ތިއޮތް ރުޅިގަދަވެ ފަޅާއިގެންދަނީ...'' ޝައިހާގެ ރާގުން ނާލާ ގާތަށް ހިނިއައެވެ. ޝައިހާއާއި ވިވިއަންގެ ޒުވާބުތައް އޭނަގެ ލޯކުރިމަތިން ސިފަވީއެވެ.

*****

''މަންޖެއަށް ހަމަ ސާބަސް!، އަދިވެސް ދުލެއް ނުކުރަންދޯ؟...'' އަތުގައި އޮތް ލިޕްސްޓިކުން ތުންފަތުގައި ކުލަޖައްސަމުން ދިޔަ ޔަޝްފީއަށް އޭނަގެ ހަރަކާތްތައް މަޑުޖައްސާލުމަށްފަހު، މޫނުބަލާ ލޯގަނޑުން އޭނަގެ ފުރަގަހުގައި ހުރި އެކުވެރިޔާއަށް ނަޒަރު ހުއްޓާލެވުނީ އެކުވެރިޔާގެ ޖުމްލައިންނެވެ. އޭރު ހިތްހަމަނުޖެހުމުގެ އަސަރު ޔަޝްފީގެ މޫނުމަތިން ފާޅުވެއެވެ.

''ކީއްވެގެންތަ އަހަރެން ގިވްއަޕްކުރަންވީ؟...'' ލިޕްސްޓިކް އަތްދަބަސް ތެރެއަށް ލަމުން އެކުވެރިޔާއާ ޔަޝްފީ ކުރިމަތިލިއެވެ. މޫނުދޮންނަ ތަށިގަނޑުގަ ބަހައްޓާފައި ހުރި ސްޓޭންޑްގައި ބުޑު ޖައްސާލުމަށްފަހު ހަށަންބަނދެލިއެވެ.

''ސޮރީ!...'' ޔަޝްފީ ހިތްހަމަނުޖެހިއްޖެކަން ރޭކާލުމުން ފިޒާޔާ މަޢާފަށް އެދުނެވެ. އަދި ތުންފަތުގައި ދަތް އަޅާލިއެވެ. ދެއެކުވެރިން ފާޚަނާގައި އެކަނި ތިބުމުން ހުރަހެއް ނެތި ވާހަކަދެކުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ.

''ތިއެއް ނޫނޭ!، އަހަރެން ބުނީ ކީއްވެހޭ ގިވްއަޕް ކުރަންވީކީއެއް!...'' ހިތްހަމަނުޖެހިފައިވާ އަޑަކުން ޔަޝްފީ ބުންޏެވެ. އަދި އޭނަގެ ޝަހާދަތް އިނގިލި ފިޒާޔާގެ ކޮނޑުގައި ޖައްސާލުމަށްފަހު، ފަހަތަށް ފިޒާޔާ ކޮއްޕާލިއެވެ.

ފިޒާޔާގެ ޖުމްލައިން ޔަޝްފީގެ މުޅި ތަބީއަތު ވަނީ ޚަރާބުވެފައެވެ. މީގެ އިރުކޮޅެއްކުރިން އެމޫނުމަތިން ފެނުނު އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަވަރުތައް ކިލަނބުވެފައިވީ ނުރުހުންތެރިކަމުގެ އަސަރުތަކުންނެވެ.

''ޔަޝްއަށް ވެސް ތި ސުވާލުގެ ޖަވާބު އެނގޭހެން އަހަންނަށް ހީވަނީ...'' ފިޒާޔާއަށް ބުނެވުނެވެ.

''ނޫން! އެއް ގޮތަކަށް ވެސް ނޭނގޭ، އެނގޭނަމަ އަހަރެން ސުވާލެއް ނުކުރާނަމެއްނު؟...'' ބުމަ ކައިރިކޮށްލަމުން ޔަޝްފީ ބުނެލިއެވެ. އެދޮން މޫނުގެ ކުލަވަރު ވަނީ މުޅިންހެން ބަދަލުވެފައެވެ.

ރުޅިވެރިކަން ވެރިވެފައިވި ޔަޝްފީގެ މޫނު ފެނި ކޮންމެވެސް ވަރަކަށް ފިޒާޔާ ނުތަނަވަސް ވިއެވެ. ރުޅި އައިސްފިނަ ހުރިހާ ކަމެއްގެ އިމެއް ޔަޝްފީ ފަހަނައަޅައި ދެއެވެ. ތިމާ ބޭނުންވާ ކަމެއް ހާސިލުކުރުމުގައިވެސް ހަމަ އެފަދައެވެ. ހަމްދަރުދީ އަދި އިންސާނިއްޔަތުކަމުގެ ސިފަތަކަކީ ޔަޝްފީއާ ބީރައްޓެހި ސިފަތަކެކެވެ. ރަހުމުކުޑަކަމާއި، ކުރެވޭ ނުބައި ކަންތަކާ މެދު ވިސްނައި، ދެރަވެ، މާޔޫސްވުމަކީ ވެސް ޔަޝްފީގެ މިޒާޖެއް ނޫނެވެ. ނަމަވެސް އެހެނިހެން މީހުންގެ ލޯތަކަށް ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ތަމްސީލެކެވެ. ހިތްހެޔޮކަމާއި މަޑުމައިތިރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. ފަރުދާގެ ފުރަގަހުގައި ވަނީ ކޮންކަހަލަ ޝަހުސިއްޔަތެއްގެ ވެރިޔެއްކަން އެނގޭނީ ޔަޝްފީގެ ހަޤީޤީ ސޫރަ ފެނިފައިވާ މީހަކަށެވެ. ކިތަންމެ ގާތް އެކުވެރިޔަކަށް ވިޔަސް އޭނަ ޔަޝްފީ ދެކެ ބިރުގަންނަނީ އެހެންވެއެވެ. ޔަޝްފީގެ ހަޤީޤީ ސޫރަ ފެންނަ ހާލުގައިވެސް ޔަޝްފީގެ ފަހަތުން އޭނަ އުޅެނީ ޔަޝްފީގެ ސަބަބުން އޭނައަށް މަންފާތަކެއް ލިބޭތީއެވެ. ވަޒީފާގެ މައިދާނުގައި ކުރިއެރުންތައް ލިބޭތީއެވެ.

''ކިހިނެއްވީ ހިމޭނުން ތިހުންނަނީ؟، އަހަރެންގެ ސުވާލަށް ޖަވާބު ނުދީ ތިހުންނަނީ ކީއްވެތަ؟، އަހަރެން ދެކެ ބިރުގަންނަނީތަ؟...'' ރުންކުރު ރާގަކަށް ޔަޝްފީ ބުންޏެވެ. ޔަޝްފީއަށް ބަލަން ހުރި ފިޒާޔާއަށް ހިންދިރުވާލެވުނެވެ. ޔަޝްފީގެ ދެލޮލުން ފެންނަމުން ދިޔަ ނުރައްކާތެރި ވިދުވަރުގެ ސަބަބުންނެވެ.

''އަހަރެން ބޭނުންކަމެއް ކޮންމެ ގޮތަކަށް ހަދާފަ ވެސް ހާސިލުކުރާނަން، މިވީހާ ތަނަށް އަހަރެން ބޭނުންވި ކޮންމެ މީހަކު ވަނީ އަހަންނަށް ލިބިފައި، ހަމައެފަދައިން ރުހައިމް ވެސް އަހަރެންގެ މީހަކަށް ހަދާނަން!، މީހެއްގެ ފިރިޔަކަށް ވިޔަސް އަހަންނަށް ހެޔޮ!... ބަލަން ހުންނާތި!... ނާލާއާއި ދެމެދުގައި އޮތް ގުޅުމަކީ އަހަންނަށް މުހިންމު އެއްޗެއް ނޫން، އެނގޭތަ؟، ކިތަންމެ އަހަރެއް ވިޔަސް، ކިތަންމެ ވަރަކަށް އެކުގައި އުޅުނަސް އަދި ލޯބިވިޔަސް އިތުބާރަށް އަރައިގެންދާނެ ލޮޅުންތަކަކީ ފަސޭހައިން އަރައިގަނެވޭނެ ކަންތަކެއް ނޫން، ދުވަސް ނަގާފާނެ، އެކަމަމު އަހަރެންގެ މަޤުސަދު ހާސިލުރާނަން... ނޯ ވަން ނޯސް ވަޓް ވިލް ހެޕެން އިން ދި ފިއުޗާރ، އަ ސީމިންގްލީ ހެޕީ ލައިފް ކޭން ކަމް ޓު އޭން އެންޑް އެބްރަޕްޓްލީ.........''

ވާހަކަދައްކަމުން ޔަޝްފީ ފަސްއެނބުރި މޫނުބަލާ ލޯގަނޑަށް ނަޒަރު ހިންގާލިއެވެ. އަދި އޭނަގެ ހަށިގަނޑުގެ ފުރިހަމަ ވަނާތަކަށް ފަހާލާފައި އޮތް ޕެންސިލްޑްރެސްގެ މަތިން އަތްތިލަ ހިންގާލީ، ހެދުމުގައި ހުރި ރޫތައް ފިލުވާލުމަށެވެ. ބުރުސޫރަ އޭނަ ބޭނުންވާހާ ފުރިހަމަކޮށްލަމުން މޫނުދޮންނަ ތަށިގަނޑު ކައިރީގައި އޮތް އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން، ދިހުންއަރާ ފަން އިސްތަށިގަޑުގައި ވޫލްކޮޅަކުން އައްސާލިއެވެ.

''ފުރުސަތު، އަހަންނަށް ބޭނުންވަނީ ހަމަ އެންމެ ފުރުސަތެއް، ގިނަ ދުވަހެއް ނުވެ އެފުރުސަތު އަހަންނަށް ލިބިގެންދާނެ!...'' ފާޚަނާއިން ނިކުންނަން ދަމުން ފިޒާޔާއަށް ޔަޝްފީ ބަލައިލިއެވެ. ''ހިނގާ ދަމާ، އައި ނީޑް ޓު ސީ މައި ސްވީޓްހާރޓް!...''

''ބޮސްއާއެކު މިހާރު ޔަޝްތަ ދަނީ ސެމިނާރއަށް؟...'' ޔަޝްފީގެ މޫނުމަތިން ފެނުނު ވިދުވަރުގެ ސަބަބުން ފިޒާޔާގެ ހިތުގައި ސުވާލު އުފެދުނެވެ.

ޔަޝްފީގެ ފަހަތުން ފިޒާޔާވެސް ފާޚަނާއިން ނިކުތެވެ.

''އާނ އަހަރެން ނޫން ދެން އިތުރު ކާކު ދާނީ؟، ހީ އިޒް ދި މާރކެޓިންގް މެނޭޖާރ، އެންޑް އައިމް ދި އެސިސްޓެންޓް މާރކެޓިންގް މެނޭޖާރ، މޮޔަ ސުވާލު ކުރުމުގެ ކުރިން އެއްފަހަރު ވިޔަސް ވިސްނާލައްޗޭ.....'' ފަރި ހިނގުމެއްގައި ކެބިންތަކާއި ދިމާއަށް ހިނގައިގަންނަމުން ޔަޝްފީ ބުނެލިއެވެ. އޭނަގެ ތުންފަތަށް ސިއްރުވެރި ހިނިތުންވުމެއް ވެރިވިއެވެ. އޭނަގެ މޭޒު ކައިރިއަށް ހުއްޓިލުމަށްފަހު، މޭޒުމަތީ އޮތް ކަޅުކުލައިގެ ފައިލު ހިފައިގެން ޔަޝްފީ މިސްރާބު ޖެހީ ރުހައިމްގެ ކެބިން އަށެވެ. އެމަންޒަރު ބަލަން ހުރި ފިޒާޔާ ގޮސް އޭނަގެ މޭޒުދޮށުގައި އިށީނެވެ. އަދި މޭޒުމަތީ ފުނި ޖެހިފައި ހުރި މަސައްކަތްތައް ފެނި ތުންފަތް ދަމާލިއެވެ.

''ގުޑް މޯނިންގް...'' ރުހައިމްގެ ކެބިންގެ ދޮރުގައި ޓަކިދެމުން އެތެރެއަށް ވަން ޔަޝްފީ ހިނިތުންވެލިއެވެ. ރުހައިމްގެ ފިރިހެންވަންތަ މޫނަށް އޭނަގެ ނަޒަރު ހުއްޓުމާއެކު އެތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވިއެވެ. ހިތުގައި އޮތް ޝައުޤުވެރިކަން އިތުރުވިއެވެ. ރުހައިމްގެ ހުންނަ ފިރިހެންވަންތަކަމާއި ސްމާޓްކަމަކީ ޔަޝްފީއަށް އެންމެ ކަމުދާ ސިފައެވެ. ފިރިހެނެއްގެ ފަރާތުން އޭނަ އެންމެ އެދޭ ސިފަތަކެއް ވެސް ފެނުނީ ހަމައެކަނި ރުހައިމްގެ ފަރާތުންނެވެ. ހިތުގައި އެހާ ބޮޑު ޝައުޤުވެރިކަމެއް އުފެދިފައިވަނީ ވެސް އެހެންވެއެވެ. އޭނަގެ މީހަކަށް ރުހައިމް ހަދަން އަތުކުރި އޮޅާލާފައި ވަނީ ވެސް އެސަބަބާ ހުރެއެވެ.

''ގުޑް މޯނިންގް، ސެމިނާރގެ ފައިލްތައް ނިމިއްޖެތަ؟...'' ކެބިންގެ ކުޑަދޮރުތަކުގެ ކައިރީގައި ފޯނު ކޯލެއްގައި ހުރި ރުހައިމް ފޯނުކޯލް ނިންމާލަމުން ޔަޝްފީއަށް ބަލައިލިއެވެ. އެއަށްފަހު ކެބިންގައި ހުރި އޮފްއަރަމުންދާ ރޯސްވުޑްގެ މޭޒުގެ ކުރިމައްޗަށް ވާހެން ހުރި ގޮނޑިއަށް އިޝާރާތް ކޮށްލަމުން، އޭނަ ގޮސް އިށީނީ މޭޒުގެ ފުރަގަހުގައި ހުރި ކަޅުކުލައިގެ ބޮޑު ލެދާރ ގޮނޑީގައެވެ.

''ލައްބަ...'' ތުންފަތުގައިވި ހިނިތުންވުން ފުޅާކޮށްލަމުން ޔަޝްފީ ކުރިއަށް ހިނގައިގަތެވެ. އަދި ރުހައިމްއާ ކުރިމައްޗަށް ވާހެން ހުރި ގޮނޑީގައި އިށީންނަމުގެ ކުރިން އަތުގައި އޮތް ފައިލު ރުހައިމްއަށް ދިއްކޮށްލިއެވެ. އަދި ނޭނގޭކަމަށް ހެދެމުން ރުހައިމްގެ އަތުގެ އިނގިލިތަކުގައި ބީހިލިއެވެ.

ޔަޝްފީއަށް ބަލައިލުމެއް ނެތި ރުހައިމް ފައިލު އަތުލަމުން ސަމާލުކަން ހުއްޓާލީ އެފައިލަށެވެ. އެއީ ޔަޝްފީގެ ހިތަށް ތަދުވި ވަގުތުކޮޅެކެވެ. ރުހައިމްގެ ފަރާތުން އޭނައަށް އެއްވެސް ސަމާލުކަމެއް ނުލިބޭތީ އެކަމާ އޭނަ ދެރަވެއެވެ. އަނެއްބައި ފަހަރު ރުޅިގަވެއެވެ. މަސްހުނިވެގެންދާ ޖަޒުބާތުތަކުން މީހާގެ ތަބީއަތު ޚަރާބުވެއެވެ.

ރުހައިމްއަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ''ވޮޔޭޖް''ގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރެވެ. އެކުންފުނީގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ތަފާތު ފަންތީގެ ތިން ރިސޯޓުތައް ހިންގައެވެ. ހުރިހާ ރިސޯޓަކީވެސް ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލްތަކެވެ. އެރިސޯޓުތަކުގެ ޕްރޮމޯޝަނަލް އަދި މާކެޓިންގް ހުރިހާ ކަންތަކާއި ހަވާލުވެގެން ހުންނަނީ ރުހައިމް އެވެ. ކުންފުނީގެ ބޮޑެތި މީހުންގެ ރުހުމާއި ލޯބި ރުހައިމްއަށް ވަނީ ލިބިފައެވެ.

އޭނަގެ ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާވެސް ރުހައިމް ގާތް ގުޅުމެއް ބާއްވައެވެ. މުވައްޒަފުންނަށް މަސައްކަތްކުރަން ފަސޭހަ މާހައުލެއް އުފައްދަންވެސް އޭނަ އަހައްމިޔަތުކަން ދެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ މުވައްޒަފުންނާވެސް ރުހައިމްއާ އޮތްނަނީ އެކުވެރިކަމުގެ ގުޅުން އުފެދިފައެވެ. އެފަދަ އެކުވެރިކަމުގެ ގުޅުމަކަށް ވުރެން އެދެމެދުގައި އޮތްނަ ގުޅުން ކުރިއަރައި ފޯދެން ޔަޝްފީ ބޭނުންވެއެވެ. އެކަން ހާސިލުކުރަން ފުރުސަތަކަށް އޭނަ އެދަކީ ބަލަމުންނެވެ.

*****

ބަލިމީހަކަށް އެހީވުމަށް ފަހު ވޯޑުން ނިކުމެގެން އައި ނާލާއަށް އަތުކުރީ އޮތް ހިމަ ގަޑިއަށް ބަލައިލެވުނެވެ. އޭރު ބާރަ ޖަހަނީއެވެ. ބްރޭކް ގަޑި އިރުކޮޅަކުން ފެށޭނެތީ ރުހައިމްއަށް ޚަބަރެއްވެލަން ނާލާ ބޭނުންވިއެވެ. ފޯނު ނަރުހުންގެ ޖަގަހައިގައި ބާއްވާފައި އާދެވުމުން އެދިމާއަށް އޭނަ މިސްރާބު ޖެހިއެވެ.

ނާލާ ގޮސް ގޮސް ނަރުހުންގެ ޖަގަހައަށް ވަން އިރު ދަންނަ އިތުރު ދެ ނަރުހަކު އޮލަ ވާހަކައެއްގައި ތިއްބެވެ. އެމީހުންނާއި ނަޒަރު ބައްދަލުވުމުން ނާލާ ހިނިތުންވެލިއެވެ. އަދި މޭޒުމަތީ އޮތް އޭނަގެ ފޯނު ނަގައިގެން ގޮސް ގޮނޑިއެއްގައި އިށީނެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލަން އިން ނާލާއަށް، އޭނަގެ މަންމަ ދައްކަން އުޅޭ ވާހަކައަކާ މެދު ވިސްނުން ހިންގާލެވުނެވެ. ކޮންމެވެސް ކަމެއް ދިމާވެއްޖެކަން އޭނައަށް ޔަޤީންކުރެވުނެވެ. ކުއްލި ގޮތަކަށް ގުޅާފައި ކެއުމަށް ދައުވަތު ދިނުމުންނެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށް ކައުންޓަރު ކައިރިއަށް މީހަކު ހުއްޓުނުހެން ހީވެގެން ނާލާއަށް އިސްއުފުލައިލެވުނެވެ. އޭރު ކައުންޓަރުގައި އަތް އަޅުވާލައިގެން ހުރީ ވިވިއަން އެވެ. ވިވިއަން ފެނުމުން ނާލާއަށް ހައިރާންކަން ލިބުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނަ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

''ހެލޯ ގާއިސް!...'' ނާލާއަށް ހިނިތުންވުމުގެ ބަދަލުގައި ވިވިއަން ހިނިތުންވެލީ އެތާ ތިބި އަނެއް ދެ ނަރުހުންނަށެވެ. އެކަން ފާހަގަ ވިޔަސް ނާލާ ސަމާލުކަމެއް ނުދިނެވެ. އޭނަ ސަމާލުކަން ހުއްޓާލީ އޭނަގެ ފޯނަށެވެ. އޭގެ ކުރިން ވިވިއަންއަށް މުބާރަކުބާދީ އަރިސްކޮށްލިއެވެ.

''ބަލިވެއިން ވާހަކަ އަޑު އެހިން، ކޮންގްރޭޖުލޭޝަންސް...'' ނާލާ ބުނެލިއެވެ. ޒާތަކަށް ނާލާއަށް ބަލަން ހުރި ވިވިއަންގެ ތުންފަތަށް ވެރިވީ މާނަ ދެނެގަންނަން އުނދަގޫ ހިނިތުންވުމެކެވެ. އިރުކޮޅެއް ވަންދެން ނާލާއަށް ބަލަން ހުރެފައި ވިވިއަން ވާހަކަދެއްކިއެވެ.

''ސްކޭންކޮށް ނިންމާލާފަ ގެއަށް ދިއުމުގެ ކުރިން އެންމެންގެ ހާލު ބަލާލަން މިއައީ، ދުވަސްކޮޅަކަށް ޑިއުޓީއަށް ނާދެވޭނެ ވިއްޔާ... ނާލާއަށް އެނގޭތަ؟... އަސްލު ޢާއިލާއެއް ފުރިހަމަވާނީ ކުއްޖަކު ލިބުމުން... އަހަންނަށް އެނަސީބު ލިބުމުން ވަރަށް އުފާވެފަ މިހިރީ، ކޮންމެކޮންމެ މީހަކީ އެނަސީބު ލިބޭނެ މީހެއް ނޫން!...''

ރުހައިމްއަށް ގުޅަން އުޅުނު ނާލާގެ ހަރަކާތްތަކަށް ހުއްޓުމަކަށް އައީ ވިވިއަންގެ ޖުމްލައިންނެވެ. ފޯނާއި ވަކިކުރެވުނު އޭނަގެ ނަޒަރު ގޮސް ވިވިއަންގެ މޫނަށް ހުއްޓުނެވެ. ވިވިއަންގެ ރާގުގައި އެކުލެވިގެންވި މަލާމާތް އޭނައަށް ނަގައިގަނެވުނެވެ. އޭރު މުޅި މާހައުލު އޮތީ ހަމަހިމޭންވެފައެވެ. އެތާ ތިބި ދެ ނަރުހުންނަށް ވެސް މާހައުލުގެ ނުތަނަވަސްކަން ފާހަގަވެ، ދެލޯ ބޮޑުކޮށްގެން ނާލާއާއި ވިވިއަންގެ މޫނަށް ބަލަމުން ދިޔައެވެ. ހަނގުރާމައިގެ މައިދާނެއްހެން ހީވާ ފަދައަކުންނެވެ.

ނާލާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ރައްދު ދިނުމުގެ ޚިޔާލެއް އޭނަގެ ނެތެވެ. ވިވިއަންގެ ވާހަކައަށް ސަމާލުކަން ދިނުމެއް ނެތި އޭނަ ރުހައިމްއަށް މެސެޖެއް ފޮނުވާލިއެވެ. ބްރޭކްގަޑި ކައިރިވެއްޖެކަން އަންގާލަމުންނެވެ.

ނާލާގެ ފަރާތުން ފެނުނު ފަރުވާކުޑަކަމުގެ އަސަރުތަކުން ވިވިއަންއަށް ތުން ފިއްތާލެވުނެވެ. އޭނަ އެހާވަރަކުން އެތަނަށް އައީ ހިތުގައި އޮތް ނުބައި މުރާދެއް ހާސިލުކުރާށެވެ. ހަޤީޤަތް އެކަމުގައި އެކުލެވިގެންވާކަމުގެ ޔަޤީންކަމެއް ނެތަސް، ފުރުސަތުގެ ބޭނުން ހިފައި ނާލާ ދެރަކޮށްލަން އޭނަ ބޭނުން ވިއެވެ. ދިރިއުޅުމުގައި ނާލާއަށް ވުރެ ކުރިން އޭނައަށް ކާމިޔާބެއް ލިބިއްޖެކަން އަންގާލަން އޭނަ ބޭނުންވިއެވެ. ނާލާއާއި ރުހައިމްގެ ކައިވެންޏަށް އެތައް އަހަރެއް ވީއިރުގައިވެސް، ޢާއިލާއެއް ބިނާ ކުރުމުގެ ވިސްނުން ނުގެންގުޅޭނީ އުނިކަމެއް ހުރުމުންކަމަށް ވިވިއަން ހުންނަނީ ނިންމައިގެންނެވެ. އެނޫން އިތުރު ސަބަބެއް ނޯންނާނެކަމަށް ވެސް އޭނަ ހުންނަނީ ނިންމައިގެންނެވެ.

''ޑްރާމަ ކުއީން މިތާ ކީއްތިކުރަނީ؟...'' ފަހަތުން އިވުނީ ޝައިހާގެ އަޑެވެ. ފާޚަނާއަށް ގޮސްފައި އޭނަ އައި ތަނާ ވިވިއަން ފެނުމުން ހައިރާންކަން ލިބުނެވެ. އޭނައަށް ވިވިއަން ދެއްކި ވާހަކަތައް އަޑުއިވި ފޫހިކަން ވެސް އިތުރުވިއެވެ.

''މީނަވެސް އެބަ އުޅޭދޯ!...'' ފަސްއެނބުރި ޝައިހާއަށް ބަލައިލި ވިވިއަން މޫނު ކުނިކޮށްލިއެވެ. ނާލާގެ އެކުވެރިޔަކަށް ޝައިހާވުމުން، ޝައިހާ ދެކެވެސް ވިވިއަން ރުޅިއާދެއެވެ. ''އެނީވޭސް، އައި ހޭވް ޓު ގޯ... އަހަރެން ބުނި ވާހަކައާ މެދު ވިސްނާލައްޗޭ...''

(ނުނިމޭ)